ދައުލަތުގެ އެއްވެސް ފައިސާއެއް ބޭރުގެ ބޭންކެއްގައި ހުރިނަމަ އެ ފައިސާ ދައުލަތުގެ މިލްކެއްގެ ގޮތުގައި ހޯދައިދޭނަން: ރައީސް

14:30


ދައުލަތުގެ އެއްވެސް ފައިސާއެއް ބޭރުގެ ބޭންކެއްގައި ހުރިނަމަ އެ ފައިސާ ހޯދުމަށްޓަކައި ވޯލްޑް ބޭންކާ ގުޅިގެން މިހާރު ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެ ފައިސާ ދައުލަތުގެ މިލްކެއްގެ ގޮތުގައި ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ޔޫރަޕްގެ އިއްތިޙާދުގެ ކްލައިމެޓް އެކްޝަން ކޮމިޝަނަރ ކޯނީ ހެޑްގާޑް އެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މާލޭ ވައިގެ ބަދަރުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބޭރުގެ ބޭންކުތަކުގައި ހުރި ކަމަށް ބުނާ ފައިސާ ހޯދުމަށް "ސްޓޯލެން އެސެޓް ރިކަވަރީ ޕްރޮގުރާމް"ގެ ދަށުން ވޯލްޑް ބޭންކާ ގުޅިގެން އެ މަސްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ ފައިސާ ދައުލަތުގެ މުއްސަނދި ކަމަށް ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް އެކި ގޮތްގޮތުން ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ފައިސާއެއް ބޭރުގެ ފަރާތެއްގެ މިލްކުގައި ހުރި ނަމަވެސް ދައުލަތުގެ މިލްކިއްޔާތަށް އެ ފައިސާ ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވި އެވެ.


ރައީސް ނަޝީދު މިހެން މި ވިދާޅުވީ ކޮރަޕްޝަނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ބޭރުގެ ބޭންކުތަކުގައި ބަހައްޓާފައިވާ ކަމަށް ކުރީގެ އޮޑިޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ ފައިސާ މި އަހަރުތެރޭ ދައުލަތަށް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ކުރީގެ އޮޑިޓަރ ޖެނަރަލް ވަނީ ވިދާޅުވެފަ އެވެ.


އޮޑިޓަރ ޖެނަރަލް ނައީމް މިހެން ވިދާޅުވިތާ 10 ދުވަސް ވެސް ނުވަނީސް، ރައްޔިތުންގެ މަޖިލިހުން ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. އެއީ ކޮރަޕްޝަންގެ މައްސަލަތަކެއް އޮޑިޓަރ ޖެނަރަލްގެ މައްޗަށް ހުރި ކަމަށް ރައްޔިތުންގެ މަޖިލިސްގެ މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، ފޯރިގަދަ، އަދި ހޫނު ގަދަވި ބަހުސްތަކަކަށްފަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު