ވޯޓްލުން ކުރިޔަށް، ބައެއް ދާއިރާތަކުގެ ވޯޓް ކަރުދާސް ތިން ފޫޓަށް ވުރެ ދިގު!

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު 8:00 ޖެހިއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެށިފައިވާއިރު ބައެއް ރަށްރަށުގެ ދާއިރާތަކުގެ ވޯޓިން ސްޓޭޝަންތަކަށްދާ މީހުންނަށް އެންމެ ބޮޑުވާނެ މައްސަލައަކަށްވާނީ ވޯޓު ކަރުދާހުގެ މައްސަލަ ކަމަށް ބެލެވެ އެވެ. ވޯޓް ކަރުދާސް ހުސްވެގެނެއް ނޫނެވެ. ވޯޓް ކަރުދާސްގަނޑު ބޮޑުވެގެނެވެ. ބައެއް ރަށްރަށުގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ގިނަކަމުން ވޯޓް ކަރުދާސް ތިން ފޫޓާ ގާތް ކުރާ ކަމަށް ވެއެވެ.

"މުށެއް ދޮޅު މުށެއް ހުންނަވަރުގެ ވޯޓު ކަރުދާސް އެބައުޅޭ ބައެއް ދާއިރާތަކުގައި، އެއްބައި ދާއިރާތަކުގައި އެއަށްވުރެ ވެސް ދިގުވާނެ، އެހެންވީމާ ބައެއް ފަރާތްތަކަށް ހިސާބެއްގެ އުނދަގުލެއް ވެދާނެ،" އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އާންމުކޮށް އިންތިހާބުތަކުގައި ވޯޓް ކަރުދާހަކީ "ވޯޓް ކަރުދާސް ކޮޅެ"ކެވެ. އެކަމަކު މިފަހަރު ބައެއް ދާއިރާތަކަށް ހާއްސަ ވެފައި ވަނީ ވޯޓް ކަރުދާސް ރޯލެކެވެ. އެއްބައި ދާއިރާތަކަށް އެހާވެސް ގިނަ ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވާފަ އެވެ.

މުޅި އިންތިހާބަށް ބަލާއިރު ވޯޓު ކަރުދާސް ބޮޑުވެގެން ވޯޓުލާ މީހުންނަށް އޮޅުން ފަދަ، ދައްޗެއް ދިމާވާނަމަ އެދަތި އެންމެ ބޮޑަށް އިހުސާސް ކުރާނެ އެއް ދާއިރާއަކީ ރ. ދުވާފަރު ދާއިރާ އެވެ. އެ ދާއިރާގައި އަށް 31 ކެންޑިޑޭޓުން ކުރިމަތިލާފައި ވުމުން އެ ދާއިރާގެ ވޯޓް ކަރުދާހުގައި ތިން ފޫޓު ހަމަވާ ކަމަށް ވެއެވެ.

ދުވާފަރާއެކު އދ. ދަންގެއްޗާއި އެއަތޮޅު މާމިގިއްޔަކީ ވެސް މި މައްސަލަ ދިމާވާނެ ދެރަށެވެ. މާމިގިލީ ދާއިރާގެ ވޯޓް ކަރުދާހުގައި 25 ކެންޑިޑޭޓުން ވާއިރު ދަނގެތީ ދާއިރާއަށް 24 މީހުން ކުރިމަތިލާފާއި ވެއެވެ.

ކާށިދޫ ދާއިރާއަށް 23 މީހުން ކުރިމަތިލާފައި ވުމާއި ގދ. ތިނަދޫ އާއި ލ. ގަމު ދާއިރާއަށް 22 މީހުން ކުރިމަތިލާފައި ވުމުން އެ ތިން ދާއިރާގެ ވޯޓް ކަރުދާސް ވަކި ސަހަލައެއް ނުވާނެ އެވެ. ށ. ފީވަކުދާއިރާއަށް 26 މީހުން ވަނީ ކުރިމަތިލާފަ އެވެ. އެ ދާއިރާގެ ވޯޓް ކަރުދާސްވެސް އެހާ ބޮޑެވެ.

ބޮޑެތި، ދިގު ވޯޓް ކަރުދާސް ހުންނާނެ އެހެން ރަށްތަކަށް ބަލާއިރު ކޮންމެ ދާއިރާއަކަށް 21 ކެންޑިޑޭޓުން ހިމެނޭ ލ. ކުނަހަންދޫ އާއި ތ. ހިރިލަންދޫ ހިމެނެ އެވެ. ބ. ކިހާދުއާ ޅ. ނައިފަރު އެއިން ކޮންމެ ދާއިރާއަކަށް 20 ކެންޑިޑޭޓުންގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެ އެވެ.

އެހެން ރަަށްތަކަށް ބަލާއިރު ހއ. ހޯރަފުއްޓާއި ދ. މާއެނބޫދޫ އާއި ގއ، ވިލިނގިއްޔާއި ނ. ލަންދޫ އާއި ހދ، ކުޅުދުއްފުއްޓާއި ފ. ފީއަލީ ފާހަގަ ކުރެވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް