ޒޯން ފަހެއް މުބާރާތް:
ފައިނަލްގެ ފުރަތަމަ ޖާގަ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާއަށް

ޒޯން ފަހެއްގެ މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ ސެމީފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލުން މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ ޖާގަ ހޯދައިފިއެވެ.

އިއްޔެ ފ. ނިލަންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުގައި މުލަކު އެކުވެރި ޒުވަނުންގެ ޖަމްއިއްޔާއާ ދެކޮޅަށް ވާދަކުރީ ޖަމިއްޔަތުއް ޝަބާބް ނިލަންދޫ އެވެ. އެ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމްވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަހަމަވެފައި ވުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިންނެވެ. މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ މެޗު ކާމިޔާބު ކުރީ ޕެނަލްޓީއަށްފަހު 4-2 ގެ ނަތީޖާއަކުން ޖަމްއިއްޔަތުލް ޝަބާބް ނިލަންދޫގެ މައްޗަށް ކުރި ހޯދައިގެނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޖަމިއްޔަތުއް ޝަބާބް ނިލަންދޫގެ އަހުމަދު އަލީ އެވެ.

އެ މުބާރާތުގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ ސެމީފައިނަލަށް ދަތުރުކުރީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް އެއްވަރުވެ، ދެ ޕޮއިންޓާއެކު މުބާރާތުގެ ގްރޫޕް 'ބީ' ގެ ދެވަނަ ޓީމެއްގެ ގޮތުގައެވެ. އަދި ޖަމްއިއްޔަތުލް ޝަބާބް ނިލަންދޫ އެ މުބާރާތުގެ ސެމީއަށް ދަތުކުރީ އެ ޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މުޅިއަކު ހަތަރު ޕޮއިންޓް ހޯދައިން މުބާރާތުގެ ގްރޫޕް 'އޭ' ގެ އެއްވަނަ ޓީމެއްގެ ގޮތުގަ އެވެ.

އެ މުބާރާތުގެ ދެވަނަ ސެމީފައިނަލް މެޗު މިއަދު ކުޅެން ހަމަޖެހިފައި ވާއިރު، އެ މެޗުގައި ބައްދަލުކުރާނީ މުލަކު އެކުވެރި ކްލަބާއި ކުޑަހުވަދޫ ޒުވާނުންގެ ޖަމްއިއްޔާއެވެ. ކުޑަހުވަދޫ ޒުވާނުންގެ ޖަމްއިއްޔާ މުބާރާތުގެ ސެމީއަށް ދަތުރު ކުރީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، ތިން ޕޮއިންޓާއެކު ގްރޫޕް 'އޭ' ގެ ދެވަނަ ޓީމެއްގެ ގޮތުގައެވެ. އަދި މުލަކު އެކުވެރި ކްލަބް ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު މެޗުތަކުން މުޅިއަކު ހަތަރު ޕޮއިންޓު ހޯދައިން ގްރޫޕް 'ބީ' ގެ އެއްވަނަ ޓީމެއްގެ ގޮތުގައެވެ.

މުޅިއަކު ހަ ޓީމެއް ވާދަކުރި ޒޯން ފަހެއްގެ މުބާރާތް ފަށާފައި ވަނީ ޑިސެންބަރު 24 ވަނަ ދުވަހު އެވެ. އަދި މިއަދުގެ ސެމީއަށް ފަހު އެ މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު