އޯލެވެލް 2010:
ދަރިވަރުން ދުނިޔޭގެ ރަންވަނަތަކަށް، ދިވެހި އިސްލާމުން ދަށު ދަރަޖައަކަށް!

އެޑިއުކޭޝަނުން އާއްމުކުރި މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާއަށް ބަލާއިރު މިދިޔަ އަހަރު އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 ޕަސެންޓް ވެސް އިސްލާމުން ފާހެއްނުވެ އެވެ. އަދި ދިވެހި މާއްދާއިން ފާސްވި ނިސްބަތް 14 ޕަސަންޓުން ކުރިއަށް ޖެހުނު ނަމަވެސް، އެއީ މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ރަނގަޅު ނަތީޖާ އެއް ވެސް ނޫނެވެ.

އެޑިއުކޭޝަނުން ބުނަނީ، އިސްލާމާ ދިވެހިން ކުދިން ފާސްވާ ނިސްބަތް "މިހާރު ދަށަށް ޖެހެމުން އަންނަތާ ފަސް އަހަރު ވެއްޖެ" ކަމަށެވެ.

"މިއަހަރު މިއޮތީ މިދިޔަ އަހަރަށް ވުރެ އިސްލާމް 1.5 ޕަސަންޓު ދަށްކޮށް. ދެން ދިވެހި ވެސް ދަށްވަމުން އަންނަތާ ފަސް އަހަރުވެފައި ހުއްޓާ 2009 ވަނަ އަހަރު މައްޗަށް ހިފާލި، ދެން އެ ހިފާލި ވަރަށް ވުރެ ބޮޑު އަދަދެއް، 14 ޕަސަންޓުން ކުރިއަރައިފައި މިވަނީ މި އަހަރު،" އެޑިއުކޭޝަންގެ ނައިބު ޑރ. އަހްމަދު ނަޒީރު ވިދާޅުވި އެވެ.

އަމިއްލަ ބަހުން ދަރިވަރުން ހަދާ ހަމައެކަނި ދެ އިމްތިހާނުގެ ނަތީޖާ ދަށްވަމުންދަނީ ކީއްވެ ހެއްޔެވެ؟
ޑރ. ނަޒީރު ވިދާޅުވި ގޮތުގައި، ދިވެހި އިސްލާމާ ގުޅޭ ރިސޯސް މެޓީރިއަލް ފަސޭހައިން ލިބެން ނެތުމާއި އެ މާއްދާތަކަށް ކުދިން ބަހައްޓާ ޝައުގުވެރިކަމަކީ ވެސް ނަތީޖާއަށް އަސަރުކުރާ މުހިންމު ސަބަބުތަކެކެވެ.
ނަމަވެސް ނަތީޖާ ދަށްވާ އެންމެ ބޮޑު ސަބަބެއް ކަމަށް ޑރ. ނަޒީރު ވިދާޅުވަނީ، "އަދިވެސް ވަރަށް ގިނަ ރަށްރަށުގައި ޓްރެއިނިން ލިބިފައިވާ ރަނގަޅު ޓީޗަރުން ނެތުން" ކަމަށެވެ. "ޑިގްރީ ހައްދަވައިފައި ނުކުންނަވާފައި ވެސް ގިނަ ބޭފުޅުން މާލެ ކަހަލަ ބޮޑު ސެންޓަރުތަކުގައި މި ތިއްބަވަނީ. ދެން އަޅުގަނޑުމެންގެ 216 ސްކޫލް މި ހުންނަނީ ހަމަ ހުރިހާ ރަށަކަށް ބެހިފައި،" ޑރ. ނަޒީރު އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް، ޓްރެއިނިން ލިބިފައިވާ ޓީޗަރުން ތިއްބެވި މާލޭގެ ބޮޑެތި ސެކަންޑަރީ ސްކޫލްތަކުގެ އިސްލާމް ދިވެހީގެ ނަތީޖާ ވެސް ވަނީ ދަށްވެފަ އެވެ. އެހެންކަމުން އެ ސްކޫލްތަކުގެ އިސްވެރިންނަށް އެސްއެސްއީގެ ނަތީޖާ ގަބޫލުކުރުމަށް ވަނީ ދަތިކަމަކަށްވެފަ އެވެ.

"އަޅުގަނޑު އިމްތިހާނާ ދޭތެރޭ ހިތްހަމަނުޖެހެއޭ ދަންނަވާ ސަބަބަކީ އަޅުގަނޑުމެންގެ ފެންވަރު ރަނގަޅު ޓީޗަރުން ތިބީ. އަދި މިހާރު ކުދިން އިހަށްވުރެ އިސްލާމަށާއި ދީނީ މާއްދާތަކަށް ދޭ ސަމާލުކަން އިތުރުވެފައި ހުއްޓާ ނަތީޖާ ދަށްވީމާ އެއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް،" އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ވަފާ ވަހީދު ވިދާޅުވި އެވެ.

ވަފާ ވިދާޅުވީ، އަމީނިއްޔާގެ 54 ދަރިވަރަކު ކޭމްބްރިޖްގެ ހުރިހާ މާއްދާތަކުން އޭ އަދި އޭ ސްޓާ ހޯދިކަމަށެވެ. ނަމަވެސް، ދިވެހި އިސްލާމުގެ ނަތީޖާ "ގޯސްވުމުން" އޭގެ ތެރެއިން އޯ ލެވެލް ޓޮޕް ޓެން އަށް އެރުމުގެ ޝަރަފު ލިބުނީ އެންމެ ފަސް ދަރިވަރަކަށް ކަމަށެވެ. "އެކަމަކު އެ ހުރިހާ ދަރިވަރުންނަކީ ވެސް ހަމަ ހުރިހާ މާއްދާއަކުން މޮޅަށް ކިޔެވި ކުދިންނޭ އިނގޭތޯ،"

"އަޅުގަނޑުމެންގެ ފެންވަރު ދަށް ޓީޗަރުން ތިއްބެވީކީ ނޫން. ކުދިން ނުކިޔެވީކީ ނޫން. އެހެންވީމަ އަޅުގަނޑުމެންނަށް ހީވަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން މިކަން ބައްލަވަންވެއްޖެހެން،" ވަފާ ވިދާޅުވި އެވެ.
އައްޑު އަތޮޅު މުހިއްބުއްދީން ސްކޫލްގެ އިސްވެރިޔަކު ވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، އެސްއެސްއީ އިމްތިހާނުގެ ނަތީޖާގައި "މައްސަލަތަކެއް" އެބަ އުޅޭ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ ކީއްވެގެންހޭ ހަމަ ދިވެހި އިސްލާމް ދަށްވާންވީ. އަބަދު އޭ ހޯދި ކުދިންނޭ ބީ އާ ސީ މިގެންނަނީ. މީގަ ވަރަށް ބޮޑު މައްސަލައެއް އެބައުޅޭ. އެހެންނޫނީ ޑީޕީއީ އިން ދިވެހި އިސްލާމް ނަތީޖާ ދޫކުރަންވީނު ކެމްބްރިޖް ނަތީޖާގެ ކުރިން. ކީއްވެގެންތަ ފަހުން ދޫކުރަން މަޑުކުރަނީ. ކުރިން ދޫކުރާނަމަ ނަތީޖާއާ މެދު ސުވާލު ނުއުފެދޭނެ،" އޭނާ ވިދާޅުވި އެވެ.

ދިވެހި އިސްލާމުގެ ނަތީޖާގައި "އޮޅުވާލުމެއް" ވާކަމަށް ބުނެ ސްކޫލްތަކުން ޑީޕީއީ އަށް އިނގިލިދިއްކުރަމުންދާ މައްސަލައިގައި އެތަނުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ޝަކީބު ވިދާޅުވީ، ނަތީޖާ އޮޅުވާލުމުގެ ކަމެއް ޑީޕީއީގައި ހިނގާ ނަމަ އެކަމެއް ތުހުމަތުކުރާ ބަޔަކު ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ނަތީޖާ ދަށްވުމުގެ ޒިންމާ ޑީޕީއީން އެކަނި ނަގަން ނުޖެހޭނެ ކަމަށް ވެސް ޝަކީބު ވިދާޅުވި އެވެ.

"މީގައި ޝާމިލުވާ ކިތަންމެ ބަޔަކު އެބައުޅޭ. ޕޭޕާ ސެޓްކުރުމުގައާއި ޕޭޕަރު މާކުކުރުމުގައި ކަންތައް އެއީ ޑީޕީގެ ޒިންމާއެއް. ކިޔަވައިދިނުމަކީ ސްކޫލްތަކުގެ ޒިންމާއެއް. މުގައްރަރު ކަނޑައެޅުމަކީ އީޑީސީގެ ޒިންމާއެއް. އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައި ކަނޑައަޅުއްވައިފައި ހުންނަ އެގްޒެކެޓިވްގެ ޒިންމާއެއް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ކޮލިޓީއާ މިކަންތައްތައް އެއީ. އެގޮތުން މިހުރިހާ ކަންތައްތައް ކޯޑިނޭޓްކުރުމާ މިއިން އެއްވެސް ދިމާއެއްގަ ބާގަނޑެއް އެބައޮތްތޯ ނުވަތަ ނޫންތޯ، ދަނީ ރަނގަޅައްތޯ ބެއްލެވުން އެއީ އެޑިއުކޭޝަނުން ކަނޑައަޅުއްވާ ބޭފުޅެއްގެ ޒިންމާއަކަށް ވާނީ،" ޝަކީބު ވިދާޅުވި އެވެ.

އަދި އެސްއެސްއީގެ ނަތީޖާ ކެމްބްރިޖް ނަތީޖާއާއެކު ދޫކުރަން މަޑުކުރަނީ އެ ނަތީޖާ 'މެނިޕިއުލޭޓް' ކުރަން ނުވަތަ އޮޅުވާލަންވެގެން ކަމަށް ތުހުމަތުކުރުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިފަހަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ފަންސާހަކަށް މީހުންގެ ލޯކުރިމަތިން ކަމަށް ވެސް ޝަކީބު ވިދާޅުވި އެވެ.

"އެ ހުރިހާ އެންމެންގެ ލޯމައްޗަށް ފެންނަ ގޮތަކަށް މަސައްކަތް ކުރިއަށްދިޔައީ. އެހެންވީމާ ތިޔަ ވިދާޅުވާ ކަހަލަ އޮޅުވާލުމުގެ މަސައްކަތެއް ކުރެވެމުންދާ ނަމަ މި ދެންނެވި ފަންސާހަކަށް މީހުންގެ ލޯމަތީގައި އެކަން ދާނީ. އެހެންވީމަ ސިއްރުކުރަން ވަރަށް އުނދަގޫވާނެ،"

ދިވެހި އިސްލާމުގެ ނަތީޖާ ދަށްވަމުންދާ މައްސަލައަކީ ކުޑަ މައްސަލައެއް ނޫނެވެ. އެ ދެ މާއްދާގެ ނަތީޖާ ގޯސްވަމުންދަނީ، ކޮން ދިމާއެއްގައި ހެދިފައިވާ ބާގަނޑެއްގެ ސަބަބުންތޯ ބަލައި، ހައްލެއް ހޯދަން އަވަސްވާން ޖެހިއްޖެ އެވެ. އެހެންނޫން ނަމަ، ރަން ވަނަތައް ހޯދުމުގެ ހުވަފެނާ އެކު ދަރިވަރުން ތިން އަހަރުކުރި މަސައްކަތް އެ ދަނީ ފަނުފުލުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް