މ. އަތޮޅު މުބާރާތް:
ކުޅުނު ހުރިހާ މެޗުތައް ކާމިޔާބުކޮށް މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ ސެމީއަށް

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއެޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލަށް މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު އެންމެ ފަހު މެޗުގައި އިއްޔެ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރީ މުލީ ސްޕޯޓްސް ކްލަބާއެވެ. އެ މެޗު މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ ކާމިޔާބުކުރި ދެ ލަނޑުވެސް އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފްގައެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ އަށް މެޗުގައި ލީޑު ހޯދަދިނީ އެ ޓީމްގެ އާދަމް ޝަހީމް އެވެ. އަދި އެ މެޗުގައި އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ އަށް ލީޑު ފުޅާކޮށްދިނީ އެ ޓީމްގެ އިބްރާހިމް އަބްދުއް ރަހްމާނު އެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާގެ ސައުދުﷲ ކަމާލް އެވެ.

އެ މެޗުގެ ނަތީޖާއާއެކު މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ ވަނީ މުޅިއަކު ނުވަ ޕޮއިންޓާއެކު މުބާރާތުގެ ގްރޫޕް 'ބީ' ތާވަލްގެ އެއްވަނަ މަގަމް ހޯދާފައެވެ. އެ ގްރޫޕްގައި ކޮންމެ ޓީމެއްވެސް މުޅިއަކު ތިން މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނާލާފުށި ޔޫތު ޑިވަލޮޕްމަންޓް އެސޯސިއޭޝަން ގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި އެ ޓީމް މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ރަތްމަންދޫ ޒުވާނުންގެ ޖަމްއިއްޔާގެ މައްޗަށްވެސް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މ. އަތޮޅު މުބާރާތުގައި ގްރޫޕް 'އޭ' ގެ ޓީމްތަކުގެ މެދުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް މިހާރު ނިމިފައި ވާއިރު، އެ ގްރޫޕުން ސެމީފައިނަލަށް ދަތުރުކުރި ދެ ޓީމަކީ މުލަކު އެކުވެރި ކްލަބާއި ކޮޅުފުށީ ޒުވާނުންގެ ޖަމްއިއްޔާ އެވެ. އަދި ގްރޫޕް 'ބީ' ގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ ގްރޫޕް ގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައި ވާއިރު، އެ ގްރޫޕުން ސެމީއަށް ދަތުރުކުރާނެ ދެވަނަ ޓީމް ޔަގީން ވާނީ މިއަދު ކުޅޭ އެ ގްރޫޕްގެ ފަހު މެޗުންނެވެ.

އެ މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނާލާފުށި ޔޫތު ޑިވަލޮޕްމަންޓް އެސީސިއޭޝަނާއި ރަތްމަންދޫ ޒުވާނުންގެ ޖަމްއިއްޔާ އެވެ. އެ ދެ ޓީމް މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން ކޮންމެ ޓީމެއްވެސް އެއް މެޗު ކާމިޔާބުކޮށްފައި ވާއިރު، އެ ދެ ޓީމްވެސް ވަނީ މުބާރާތުގައި މުޅިއަކު ތިން ޕޮއިންޓް ހޯދާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު