މުބާރަކް އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ރައްޔިތުންގެ އެދުންތަކަށް ޖާގަ ދިނުމުގެ ގޮތުން މިސުރުގެ ރައީސް ޙުސްނީ މުބާރަކް އިސްތިޢުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މުބާރަކުގެ އިސްތިޢުފާއަށް ރައީސް ނަޝީދު ގޮވާލެއްވީ، އަންގާރަ ދުވަހު ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ އިންޓަވިއުގައި ރައީސް ވިދާޅުވީ، މިނިވަން އިންޞާފުވެރި އަދި ގިނަ ޕާޓީތައް ބައިވެރިވާ އިންތިޚާބަކަށް މަގުފަހިކޮށްދޭނެ، އިންތިޤާލީ މަރުޙަލާއެއް މިޞްރަށް ބޭނުންވާ ކަމަށެވެ.

ބީބީސީ އިންޓަވިއުގައި، ޑިމޮކްރެޓިކް މިޞްރަކާމެދު ޖެހިލުން ނުވުމަށް ހުޅަނގުގެ ޤައުމުތަކަށް ވެސް ރައީސް ގޮވާލެއްވިއެވެ. އަދި މިޞްރުގެ ރައްޔިތުންގެ މިނިވަންކަމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރެވޭނީ، މިޞްރުގައި ޑިމޮކްރަސީ ޤާއިމް ކުރެވިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ހަރުކަށި ޚިޔާލުގެ މީހުން، ގަދަބާރުން މައިތިރި ކުރުމަށް މަސައްކަތް ކުރުމަކީ، އެފަދަ މީހުން އިތުރަށް ވަރުގަދަވާނެ ކަމެއް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިޞްރަކީ ތަޞައްރަފު ފުދިފައިވާ ޤައުމެއް ކަމަށާއި، މިސުރު ރަނގަޅަށް ހިންގޭނެ ވަރަށް ގިނަ ރައްޔިތުން އެ ޤައުމުގައި އެބަތިބި ކަމަށެވެ.

"އަސާސީ ޙައްޤުތަކާއި، މިނިވަންކަމަކީ އިންސާނުން އެކަންކަމަށް އެދޭ ކަންކަން. މިއީ އަޅުގަނޑުމެން އެންމެން ބޭނުންވާ ކަންކަން. މިއަދު މެދުއިރުމަތީގެ ޤައުމުތަކުގެ މަގުތަކުގައި، ރައްޔިތުން އެދި ގޮވާލަމުން އެދަނީ އެކަންކަމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ވަނީ މިޞްރުގެ ވާދަވެރި ލީޑަރު މުޙަންމަދު އަލްބަރާދޭއާ ފޯނުން ވާހަކަފުޅު ދައްކަވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު