ހަގީގަތް ހޯދައި ދޭށެވެ.

ސިންގަޕޫރުގެ އަންޑަގްރައުންޑް ޓްރާންސް ޕޯޓް ނެޓްވޯކް، އެސްއެމްއާރުޓީއަކީ ވަރަށް އިތުބާރު ބޮޑު އަދި މައްސަލަތައް ކުޑަ ޓްރާންސްޕޯޓް ނެޓްވޯކެކެވެ. ގިނަ ބަޔަކު، ހާއްސަކޮށް، ސިންގަޕޫރުގެ މެދު ފަންތީގެ މީހުން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަނީ އެ ސިސްޓަމް ބޭނުންކޮށްގެނެވެ. ނަމަވެސް މީގެ ދެތިން އަހަރު ކުރިން 18،000 މީހުން އެ ޓްރޭންތަކުގައި ދަތުރު ކުރަނިކޮށް، ޓްރޭންތައް ހުއްޓި ގިނަ ބައެއްގެ ދަތުރުފަތުރަށް ބުރޫ އެރި އެވެ. ނަތީޖާއެއްގެ ގޮތުން ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހުސެން، ކޮމެޓީ އޮފް އިންކްއަރީގެ ނަމުގައި ކޮމިޝަނެއް އުފައްދަވައި މައްސަލަ ބެއްލެވި އެވެ. ކޮމިޝަންގެ ޗެއާމަނަކަށް، ޗީފް ޑިސްޓްރިކް ފަނޑިޔާރަކު ލައްވައިގެން ކުރި ތަހުގީގު ރިޕޯޓް 358 ސަފުހާގެ މައްޗަށް އަރަ އެވެ. އެ ރިޕޯޓުން އެނގުނީ އެސްއެމްއާރުޓީ ސިސްޓަމް އެކަށީގެންވާ ގޮތަކަށް މަރާމާތުކޮށް ބެލެހެއްޓުނު ނަމަ އެ ހާދިސާއަކީ ނުހިނގައި ސަލާމަތް ކުރެވުނު ހާދިސާއަކަށް ވިސް ކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަ ކުރި އަނެއް ނުކުތާއަކީ އެސްއެމްއާރުޓީ، މޮޑެލަކީ 1985ގެ ބަލި މޮޑެލެއް ކަމަށާއި 1987 ވަނަ އަހަރު އަޕްގްރޭޑް ކުރި ސިސްޓަމް ވެސް ސިންގަޕޫރުގެ ހުޅަނގާއި ދެކުނުގެ ބައެއް ލައިންތަކަށް ނުފޯރާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކޮށް ސިންގަޕޫރުގެ އެސްއެމްއާރުޓީ ސިސްޓަމް ހިންގާ ކުންފުނި ދެ މިލިއަން ސިންގަޕޫރު ޑޮލަރުން ޖޫރިމަނާ ކުރި އެވެ.

މާލެ އަށް ސާފު ބޯފެން ފޯރުކޮށްދީ، ނަރުދަމާގެ ނިޒާމެއް ގާއިމު ކުރުމަށް ޑެންމާކު ކުންފުންޏަކާ އެކު ސަރުކާރުން މަސައްކަތް ފެއްޓީ 1990ގެ ކުރީ ކޮޅުގެ އަހަރުތަކުގަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިފްތިތާހު ކޮށްދެއްވި އެ މަޝްރޫއުން، ލައްކައެއްހާ މީހުން ދިރިއުޅޭ މާލެ އަށް ހުއްޓުމެއް ނެތި ފެން ފޯރުކޮށްދެމުން އަންނަތާ 24 އަހަރު ވަނީ އެވެ. ދޭތެރެ ދޭތެރެ އިން މާލޭގެ ކަރަންޓް ކެނޑި އެކި ކަހަލަ އަޑިގުނޑަންތަކާ، ކަރަންޓް ކުންފުނި، ސްޓެލްކޯ ކުރިމަތިލަމުން ދިޔަ އިރު ވެސް ފެން ކުންފުނި، އެމްޑަބްލިޔުއެސްސީ ދިޔައީ ކުރިއަށެވެ. ބަލި ޕީއާރު ނިޒާމެއް އެ ކުންފުނީގައި އޮތް ނަމަވެސް ދުވަހަކު ވެސް ހިދުމަތް ދިގު މުއްދަތަކަށް ކެނޑި، ރައްޔިތުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހުނު ފަހަރެއް ނުދެ އެވެ.

އެކަމަކު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހަކީ އެ ހުރިހާ ކަމަށް ނިމުން އައި ދުވަހެވެ. ފެން ކުންފުނީގެ ރެކޯޑް ކިލަނބުވެ، އެ ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި މާލެ އިން ހަފްތާއެއްހާ ދުވަހަށް ފެންކެނޑި ބޭރު ގައުމުތަކުގައި ސަލާމް ވެސް ޖަހަން ވެސް ޖެހުނެވެ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެކަމާ ހިތާމަކޮށް ލަދުގަންނަން ޖެހުނެވެ. ފެންކުންފުނީގެ ޕެނަލް ބޯޑުގައި ރޯވި އިރު، އެލާމް ސިސްޓަމެއް ނެތް ހެއްޔެވެ؟ ޕެނަލްތަކަށް ފެން ޖެހި ކަމަށް ވާހަކަ ދައްކާ އިރު އެކަމުގެ ހަގީގަތަކީ ކޮބައިތޯ އެވެ؟ އަލިފާނުގެ ހާދިސާއެއް ހިނގާ އިރު ހާލަތާ އެކަށޭނަ ފޯމް އެތަނުގައި ހުރިތޯ ނުވަތަ ނޫންތޯ އެވެ؟ އަހަރަކު 80 މިލިއަން ނޫނީ 90 މިލިއަން ރުފިޔާ އިން ޑިވިޑެންޓް ސަރުކާރަށް ދައްކާ އިރު، ކުންފުނީގެ އެއްވެސް ވަރަކަށް ބެކަޕެއް ހުރިތޯ އެވެ؟ ކޯލިޝަނެއް ކަމަކު އަދި ޕާޓީތަކުން ނޮމިނޭޓް ކުރާ ބޭފުޅުންނަށް ވަޒީފާ ދޭން ޖެހުނެއް ކަމަކު އެފަދަ ކުންފުނިތައް ހިންގަވަން ބޭފުޅުން ކަނޑައަޅުއްވަނީ ކޮން މިންގަނޑަކަށް ބައްލަވައިގެންތޯ އެވެ؟ އެހެނީ މާސިންގާ ބޮޑެތި ކުންފުނިތައް، އަދި ރައްޔިތުންގެ އެފަދަ އަސާސީ ހިދުމަތްތަކާ ގުޅިފައިވާ ކުންފުނިތައް ހިންގަން ބޭބޭފުޅުންނާ ހަވާލު ކުރައްވާ އިރު އެފަދަ ބޭބޭފުޅުންގެ ތަޖުރިބާ އާއި ގާބިލުކަން ވަޒަން ކުރަން ގެންގުޅުއްވާ މިންގަނޑުތަކެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.

ހައްތާ ވެސް ސުވާލެވެ. އެ ކަމަކު އެ ލިސްޓް ދިގު ކުރާކަށް ނެތީމެވެ. މާލޭގެ ފެނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޓާސްކް ފޯސްގެ ޗެއާމަން އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ތަކުރާރުކޮށް ވިދާޅުވި ގޮތަށް އެ މައްސަލަ ސިޔާސީ ކުރާކަށް ވެސް އަޅުގަނޑު ނެތީމެވެ. ރަނގަޅު ވާހަކަފުޅެކެވެ. ފެނަކީ އަސާސީ ހިދުމަތަކަށް ވެފައި ފެނާ ނުލައި އެއްވެސް މީހަކަށް ނޫޅެވޭނެތީ އެކަން ސިޔާސީ ކުރުމުގެ މާބޮޑު ބޭނުމެއްނެތެވެ. އެއްބަހެވެ. އެކަމަކު ސިޔާސީ ކަންކަމަކީ ވެސް އެހާމެ ހަޑިހުތުރު މުޑުދާރު އެއްޗަކަށްވާ އިރު އެއީ ވެސް ނަޒަރު ނުހިންގަންވީ ކަމެއް ކަމެއް ކަމަކަށް ވެސް އަޅުގަނޑު ނުދެކެމެވެ. އެހެން ދަންނަވާ ސަބަބުތައް ވެސް ބައިވަރެވެ. އެއްކަމަކީ ވޭތުވެ ދިޔަ ދެ ހަފުތާއަކީ އަނެއްކާ ވެސް ސިޔާސީ ހަލަބޮލިކަމެއް ރާއްޖޭގައި ފެންމަތިވެގެން އުޅޭ ދުވަސްކޮޅަކަށް ވާތީ ވެސްމެ އެވެ. އަދި ކުރިން ދެއްކި އެތައް ވާހަކައެއް އެކޮޅުކޮޅުން ޖެހި، ކީހާ ޅެން ފަރިއްސަ ބަދަލުވެ، ސިޔާސީ ހަތުރުން މިތުރަށް ބަދަލުވެ، އެ ނޫނަސް އެފަދަ އެތައް މަންޒަރުތަކެއް އަންނީ ފެންނަމުން، ފެންމަތިވަމުންނެވެ. ފަހަރުގައި ސުޕްރީމް ކޯޓުގެ ހިލުމަކީ ވެސް އެފަދަ ކަމެއްގެ އާހިރު ނަތީޖާ ނޫން ކަމެއް ވެސް ނޭނގެ އެވެ. ފަތްތައް ނިއުޅެމުން ދިޔަ ވަރަކަށް އެކަންކަމުގެ ސާފު މަންޒަރުތައް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ ވިދާޅުވި ގޮތަށް ސާބިތު ނުހިފޭ ވާހަކަ ދައްކާކަށް ވެސް އަޅުގަނޑު ނެތީމެވެ.

އަޅުގަނޑުގެ އޮތީ އެންމެ ދައުވާ އެކެވެ. ފެންކުންފުނީގެ ޕެނަލް ބޯޑްތަކުގައި އަލިފާން ރޯވި ގޮތް ބައްލަވައި ދެއްވާށެވެ. އެހެނީ ކުރިމަގު އުޖާލާކޮށް ރަނގަޅު މިސްރާބަށް ދަތުރުކުރަން އެނގޭނީ އޭރުންނެވެ. ނޫނީ ތިބެން ޖެހޭނީ އަނދިރި ކަމެއްގެ ތެރޭގަ އެވެ. އެފަދަ ކަންކަމުގައި ސިންގަޕޫރު ނަމޫނާއަކަށް ބެލުމުން ގޯހެއް ނުވާނެ އެވެ. ހަގީގަތް ހާމަކޮށްދެއްވާށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް