މ. އަތޮޅު މުބާރާތް:
ތާވަލްގެ އެއްވަނަ ހާސިލްކޮށް މުލަކު އެކުވެރި ކްލަބް މުބާރާތުގެ ސެމީއަށް

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުން މޮޅުވެ ގްރޫޕް 'އޭ' ގެ ތާވަލްގެ އެއްވަނަ މަގާމް ހާސިލްކޮށް، މުލަކު އެކުވެރި ކްލަބް (އެމްއީސީ) މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.

އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އެ ޓީމާ ވާދަކުރީ ވޭވަށު އެކުވެރިންގެ ގުޅުން (ވީއީޖީ) އެވެ. އެ މެޗު އެމްއީސީ ކަމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގީ އެމްއީސީ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމްގެ އަހުމަދު ރިޔާޒު އެވެ. އެމްއީސީއަށް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑް ފުޅާކޮށްދިނީ މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމްގެ އަހުމަދު ނާސިހު އެވެ.

މެޗުގައި ވީއީޖީއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ފަހު ހާފްގައެވެ. އެ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ނާފިޒު އަބްދުއް ޝުކޫރު އެވެ. އެ ނަތީޖާއާއެކު މެޗު ނިމިގެން ގޮސްފައި ވާއިރު، މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއީސީގެ ހުސައިން ނިޒާމް އެވެ.

އެ މެޗުގެ ނަތީޖާއާއެކު އެމްއީސީ ވަނީ މުޅިއަކު ނުވަ ޕޮއިންޓާއެކު ގްރޫޕް 'އޭ' ގެ ތާވަލްގެ އެއްވަނަ މަގާމް ހާސިލް ކޮށްފައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެ ޓީމް ވަނީ މޮޅުވެފައެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، ދެ މެޗުން އެއްވަރުވެފައިވާ ވީއީޖީ މުޅިއަކު ފަސް ޕޮއިންޓާއެކު މިހާރު އޮތީ ތާވަލްގެ ދެވަނައިގައެވެ.

އެ މުބާރާތުގެ ގްރޫޕް 'އޭ' ގެ ޓީމްތަކުގެ މެދުގައި ކުޅެން ހަމަޖެހިފައިވާ އެންމެ ފަހު މެޗުގައި މިއަދު ބައްދަލުކުރާނީ ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާ އާއި މުލީ އެކުވެރިންގެ ދިރުމެވެ. ކުޅުނު ތިން މެޗުން އެއްވަރުވެ މުޅިއަކު ތިން ޕޮއިންޓް ހޯދާފައިވާ ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާ މިއަދުގެ މެޗުން މޮޅުވެއްޖެ ނަމަ ހަ ޕޮއިންޓާއެކު ގްރޫޕް 'އޭ' ގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް އެ ޓީމް ދަތުރުކުރާނެއެވެ.

އެ މުބާރާތުގެ ގްރޫޕް 'ބީ' ގެ ތާވަލްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު މިހާރު އޮތީ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އެވެ. އެ ޓީމް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްފައެވެ. ހަތަރު ޓީމް ހިމެނޭ އެ ގްރޫޕުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް ދެ މެޗު ކުޅެފައި ވާއިރު، އެ ގްރޫޕްގެ އެންމެ ފަހު މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 14 އަދި 15 ވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު