ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް އިންތިޒާމު ކުރުމަށް ހިތަދޫ ރެސްޕެކްޓްއާ ހަވާލުކޮށްފި

ގްލޯބަލް ލިންކްސް ޕްރައިވެޓުގެ ފައުންޑާ އަދި ޗެނަލް 13 ގެ ވެރިޔާ މުހައްމަދު ޖުނައިދު ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް އިންތިޒާމު ކުރުމަށް ހިތަދޫގެ ޖަމްއިއްޔާ އެއް ކަމުގައިވާ "ރެސްޕެކްޓް" އާ ހަވާލު ކޮށްފިއެވެ.

އައްޑޫގައި ކުޅުމަށް ހަމަޖައްސާފައިވާ އެ މުބާރާތް އިންތިޒާމް ކުރުމަށް ރެސްޕެކްޓާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ޖަމްއިއްޔާގެ ފަރާތުން ސޮއި ކުރެއްވީ ޖަމްއިއްޔާގެ ރައީސް މުހައްމަދު އަލްތާފް އެވެ. މީގެ ކުރިން ދެއަހަރުވެސް ބޭއްވި އެ މުބާރާތް އިންޒާމު ކޮށްފައިވަނީ ހަމަ އެ ޖަމްއިއްޔާ އިންނެވެ.

ގްލޯބަލް ލިންކްސް ޗެލެންޖް ކަޕުގެ ނަމުގައި ވޭތުވެދިޔަ ދެއަހަރު ބޭއްވި އެ މުބާރާތް މިއަހަރު ބާއްވަނީ ޖުނާ ފުޓްބޯލް ޗެލެންޖުގެ ނަމުގައެވެ. މިއަހަރުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 200،000 ރުފިޔާ ފައިސާގެ އިނާމެކެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަށް ހަވާލު ކޮށްފައިވާ 150،000 ރުފިޔާއަށްވުރެ 50،000 ރުފިޔާ އިތުރު އަދަދެކެވެ.

އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖުނައިދު ވިދާޅުވީ އެހާ ބޮޑުއަގެއް ގައި ފުޓުބޯޅަ މުބާރާތް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ޒުވާނުންގެ ތެރޭގައި ފުޓުބޯޅައަށް އޮތް ރޫހު "ފޯރިގަދަ" ކޮށް އާލާ ކުރުން ކަމަށާއި އެއީ އެއްވެސް ވަރަކަށް ސިޔާސީ ގޮތުން މަގުސަދެއް ހާސިލް ކުރުމަށް ކުރާ ކަމެއް ނޫންކަމަށެވެ.

"މި މުބާރާތް އެހާ ބޮޑު އަގެއްގައި ކުޅުމުގެ މަގުސަދަކީ ޒުވާނުންގެ ތެރޭގައި އޮތް ފުޓުބޯޅައިގެ ރޫހު ހަމަ ފޯރިގަދަކޮށް އާލާކުރުން. އެއްވެސް ހާލެއްގައި މިއަކީ ޕޮލިޓިކަލީ މަގުސަދެއް ހާސިލް ކުރުމަށް ކުރާ ކަމެއް ނޫން،" ޖުނައިދު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކުން ބައިވެރިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންނަށްވެސް ބައިވެރި ވެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ކަމުގައިވާ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.

ޖުނާ ފުޓްބޯލް ޗެލެންޖު ކާމިޔާބު ކުރާ ޓީމަށް ބޮޑު އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް މިއަހަރު 75،000 ރުފިޔާ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު