ބޮލީވުޑްގެ މަޝްހޫރު ކޮމޭޑިއަން ދެވަން ވަރްމާ މަރުވެއްޖެ

ކޮމެޑީ ފިލްމު ތަކަށް މަޝްހޫރު ބޮލީވުޑް އެކްޓަރު ދެވަން ވަރްމާ ރޭ ދަންވަރުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

ދެވަންގެ އާއިލާ މީހަކާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވަނީ ދެވަން މަރުވީ ހާޓް އެޓޭކެއް ޖެހުމުގެ އިތުރުން ކިޑްނީ ފެއިލް ވުމުގެ ސަބަބުން ކަމަށެވެ.

ދެވަން މަރުވެފައިވަނީ ރޭ ދަންވަރު ދޭއް ޖެހިއިރު އޭނާގެ އުފަން ރަށް ޕޫނޭ ގައި ހުންނަ އޭނާގެ ގޭގައެވެ.

އުމުރުން 78 އަހަރުގެ ދެވަން އާންމުންގެ ތެރޭގައި މަގުބޫލު ވެފައިވަނީ ހެއްވާ މަޖާ ރޯލު ކުޅުމަށެވެ. އެކްޓް ކުރުމުގެ އިތުރުން ދެވަން ވަނީ ފިލްމްތަކެއް ޑައިރެކްޓް ކޮށް ޕްރޮޑިއުސް ވެސް ކޮށްފައެވެ. އޭގެ ތެރޭގައި ވަރަށް ފަހުން ނުކުތް ހިންދީ ފިލްމް "ބޭޝަރަމް" ހިމެނެއެވެ.

ދެވަން އަށް ވަނީ ފިލްމް ފެއާގެ ބެސްޓް ކޮމީޑިއަން އެވޯޑް ފިލްމް "ޗޯރީ މެރާ ކާމް"، "ޗޯރް ކެ ގަރް ޗޯރް" އަދި "އަންގޫރ" އަށް ލިބިފައެވެ. ފިލްމް އަންގޫރް އަކީ މަޝްހޫރު ޑައިރެކްޓަރު ގުލްޒާރްގެ އެންމެ ފަހު ފިލްމެވެ. އަދި މިހާތަނަށް ބޮލީވުޑްގައި ނެރުނު ކޮމީޑިއަން ފިލްމު ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމެވެ. އެންމެ ފަހުން ދެވަން އެކްޓް ކޮށްފައިވާ ފިލްމަކީ 2003 ވަނަ އަހަރު ނުކުތް "ކަލްކަޓާ މެއިލް" އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު