ޖާދޫގައި ނުޖެހޭށެވެ!

ދިވެހި ޤައުމަކީ، ދިވެހީން އެޤައުމަކަށް ޓަކައި ފަޚުރުވެރިވި ޤައުމެކެވެ. އެއްގޮތަށްވުރެ ގިނަ ގޮތްގޮތުންނެވެ. އިސްލާމީ ރިވެތި މާތް ސިފަތަކުން ސިފަ ޖެހިފައިވާ ރައްޔިތަކު ދިރިއުޅެމުން އައި ގައުމަކަށް ވީތީއެވެ. ގާތް، އެކުވެރި، ރަޙުމަތްތެރި ގުޅުމެއް ޤާއިމުވެފައި އޮތް ބަޔަކު ދިރިއުޅެމުން އައި ޤައުމަކަށް ވީތީއެވެ. ޤުދުރަތީ ރީތިކަމުގެ އަގުމާތް ހަދިޔާއިން ޖަރީވެފައިވާ ޤައުމަކަށް ވީތީއެވެ. އަދި ކޮަބައިތޯއެވެ. އަމާން ޞުލްޙަވެރި ވެއްޓެއް ހިމެނުނު ޤައުމަކަށް ވެސް ވީތީއެވެ.

ދިވެހި ޤައުމަކީ ދިވެހީން އެ ޤައުމަކަށް ޓަކައި ފަޚުރުވެރިވަމުން އައި ޤައުމަކަށްވީ ނަމަވެސް، މިއަދުގެ ދަރީންނަށް އެ ފަޚުރު އެބަ ދެމެހެއްޓޭބާވައޭ ހިތަށް އަރައެވެ. ޤައުމުގައި މިއަދު ކަންހިނގަމުން އަންނަ އުޞޫލަށް ބަލާއިރު، އެ ސުވާލަށް އާއެކޭ ބުނަން ފަސޭހަވާނީ ކިތައް މީހުންނަށް ބާވައެވެ؟ އެކަކު އަނެކަކަށް އިޙުތިރާމު ކުރުމެއް ނެތެވެ. އަދަބާއި ސަދަބަކީ މާކުރީގެ ބޯދާޚިޔާލުގެ މީހުންގެ ކަމަކަށް ވެއްޖެއެވެ. ތަޅާފޮޅުމާއި އަނިޔާވެރިކަން ޤައުމުގައި އަންނަނީ އިތުރުވަމުންނެވެ. ވައްކަން ކުރުމާއި ފޭރުމުގެ ބިރުވެރިކަން ކުޑައެއް ނޫނެވެ. ޓެކުމުގެ ބިރުވެރިކަން އިންތިހާއަށް ހިނގައްޖެއެވެ.

މިއީ ދާދި މިދާކަށްދުވަހު ހިނގި ހާދިސާއެކެވެ. ގާތް އެކުވެރިއަކަށް ތަޖުރިބާ ކުރަން ޖެހުނު ހިތި ތަޖުރިބާއެކެވެ. އޭނާއަކީ މާލޭގައި މަސްފިހާރައެއް ހިންގަމުން އަންނަ މީހެކެވެ. ހޮޓާ ރެސްޓޯރެންޓު ފަދަ ތަންތަނަށް އޯޑަރަށް މަސް ފޯރުކޮށްދީ އުޅޭ މީހެކެވެ. އެއް ދުވަހަކު އޭނާއަށް މި އަންނަނީ ފޯނު ކޯލެކެވެ. ނަންބަރަށް ބަލައިލުމާއެކު އެއީ، އޭނާއަށް އެކުވެރިއަކު ކުރީ ދުވަހަކު ދިން ނަންބަރެއްކަން އެނގިއްޖެއެވެ. މަހުގެ އޯޑަރެއް ނަގަން އެ ނަންބަރުން ގުޅާނޭ ވާހަކަ އެކުވެރިޔާ އޮތީ ބުނެފައެވެ. އެހެންކަމުން އަވަސް އަވަހަށް ފޯނު ނަގައިފިއެވެ.

އެކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ. ގުޅީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއަކަށް 75 ކިލޯ މަސް ބޭނުން ވެގެންނެވެ. ފޯނު ބޭއްވުމަށްފަހު އެ ކަމައިގެން އޭނާ އަވަސްވެގަތެވެ. ވާނީވެސް އެހެންތާއެވެ. އެއީ އޭނާ ދިރިއުޅުމަށް ޓަކައި ކުރާ މަސައްކަތެވެ. އަަވަސް އަވަހަށް 75 ކިލޯ މަސް ބަންދުކޮށްލައިފިއެވެ. އެ ހިފައިގެން ސަފާރީއާ ހަމައަށް ދާން ވެސް އެބަޖެހެއެވެ. ދޯންޏެއް ކުއްޔަށް ހިފައިގެންނެވެ. މައްސަލައެއް ނެތްތާއެވެ. އެ ހުރިހައި ކަމަކަށް ވެސް އެމީހުން ފައިސާ ދޭނެ ވާހަކަ އޮތީ ބުނެފައެވެ.

މަސްކޮޅު ބަންދުކޮށްލައިގެން ދާން އުޅެނިކޮށް، އެއްކަލަ ނަންބަރުން އަނެއްކާ ވެސް ގުޅައިފިއެވެ. މަސްކޮޅު ހިފައިގެން އަންނައިރު، ސަފާރީއަށް ބޭނުންވާ ބައެއް އެހެނިހެން ތަކެތި ވެސް ބާޒާރުން ގަނެލައިގެން ގެނެސްދިނުމަށް އެދެފިއެވެ. ކަރާ، ފަޅޯ، އާފަލު، އޮރެންޖު، ނޫޑުލީސް ފަދަ ތަކެއްޗެވެ. ފަހުން ކުރި ކޯލަކުން ދެ ހަން ޕެޓްރޯލު ވެސް އިތުރުކުރިއެެވެ.

ރައްޓެއްސަކު ގޮވައިގެން ބާޒާރަށް ގޮސް މި ތަކެތި ވެސް ގަނެ ހަމަކޮށްފިއެވެ. އޭރު އެދުވަހުގެ އަސުރުން އިރު ތިރިވެއްޖެއެވެ. ދޯންޏެއް ކުއްޔަށް ހިފައި، ބައެއް ތަކެތި ދޯންޏަށް ވެސް އަރުވައިފިއެވެ. އެއަށްފަހު ނައްޓާލުމުގެ ކުރީން ބިލް ތައްޔާރުކޮށްލަން ފިހާރައަށް އައިސް، އެކަން ކޮށް ނިމުނުތަނުން ކަހަލަ ގޮތަކަށް، އަނެއްކައި ވެސް ސަފާރީން ގުޅައިފިއެވެ. މަސައްކަތް ދިޔަ ވަރެއް ބަލައިލުމަށެވެ. ބިލަށް އެރީ ކިހައި ވަރެއްތޯ ސުވާލުކޮށްލުމުން އަދަދު ބުނެފިއެވެ. އުޅެނީ 14 ހާހުން މަތީގައެވެ.

"އަދި އެބަޖެހޭ އިތުރުކަމެއް ކޮށްދޭން! ތި ބިލަށް އިތުރުކޮށްލާގޮތަށް ފަސް ހާސް ރުފިޔާގެ ރީލޯޑު ކޮށްލަދޭން އެބަ ޖެހޭ!" ސަފާރީން ވާހަކަ ދެއްކިމީހާ އެދުނެވެ.

އެކުވެރިޔާގެ އަތަކު އެ އަދަދަކަށް ފައިސާއެއް ނެތެވެ. ހުރި ފައިސާކޮޅު މިވަނީ މުދަލަށް ބަދަލުކުރެވިފައެވެ. އެހެންކަމުން އޭނާ އެކަމަށް ޢުޒުރުވެރިވިއެވެ. ސަފާރީގެ ކުދީންކޮޅު ތިބީ ފޯނުން ތަނަކަށް ނުގުޅޭތީ، އެއްކަމެއް ވެސް ނުކުރެވިފައެވެ. އޯނަރަށް ވެސް ވަނީ ގުޅަން ޖެހިފައެވެ. އަދިވެސް އެތައް ތަނަކަށް ގުޅައިގެން، އެތައްކަމެއް ވަނީ ކުރަން ޖެހިފައެވެ. ކުރުކޮށް ބުނަނީ ނަމަ، މުޅި ސަފާރީގެ ހުރިހައި ކަމެއް އެވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެންކަމުން އެ މީހުން އެކަން ކޮށްދިނުމަށް އެދި އާދޭސް ކުރާން ފެށުމުން، އެކުވެރިޔާ އެ ކަމަށް އެއްބަސްވެއްޖެއެވެ. ސަފާރީއާ ހަމައަށް ދިޔުމާއެކު، ފައިސާގެ ކަންތައް ހަމަޖެހޭނެކަން އެނގޭތީއެވެ.

އަތުގައި އެ އަދަދަށް ފައިސާ ނެތުމުން، އޭނާގެ ރައްޓެއްސަކަށް ގުޅާފައި، އެމީހުން ބުނި ފަސް ނަންބަރަށް، ކޮންމެ ނަންބަރަކަށް އެއް ހާސްރުފިޔާ ރީލޯޑުކޮށް ދިނުމަށް ބުނުމަށްފަހު، މުދާކޮޅު ހިފައިގެން އެކުވެރިޔާ ނައްޓާލީ ކުއްޔަށް ހިފި ދޯންޏާ ދިމާއަށެވެ. އޭރު އިރުއޮއްސުމަކާ ދާދި ކައިރިވެއްޖެއެވެ.

ދޯންޏަށް މުދާކޮޅު އަރުވާފައި ނައްޓާނުލެވިގެން އުޅެނިކޮށް، ސަފާރީން ގުޅައިފިއެވެ. ޖެހުނީ ނައްޓައިނުލައި މަޑުކޮށްލާށެވެ. ކޮންމެވެސް މީހަކު ގޮވައިގެން އައިސް ދިނުމަށް އެދުމުންނެވެ. އެމީހާ މިހާރު ހުރީ ދޯންޏާ ދިމާއަށް އައުމުގެ މަގުމަތީގައި ކަމަށް ވެސް ބުންޏެވެ. ހައެއްޖަހައި ބޮޑުވެއްޖެއެވެ. އެމީހާއެއް ނައެވެ. ހަގަޑި ބައިވިއިރު ވެސް އެ ބުނާ މީހާގެ ޚަބަރެއް ނުވިއެވެ. ލަސްވާތީ ގުޅާލައި ކޮންމެ ފަހަރަކުވެސް ބުނަނީ، މިހާރު ހުރީ ވަރަށް ކައިރީގައި ކަމަށެވެ. އެހެންތިއްބާ ރިލޯޑު ކުރަން ހަވާލުކުރި މީހާ އެކަން ނިންމާފައި އެ ވާހަކަ ބުނަން ގުޅައިފިއެވެ.

އެހައި ތަނުން ސަފާރީގެ ނަންބަރަކަށް ނުގުޅުނެވެ. ފޯނެއް ނުނަގައެވެ. ރިލޯޑުކުރި ފަސް ނަންބަރަށް ވެސް ގުޅައިފިއެވެ. އެއިން އެއްވެސް ނަންބަރަކަށް ނުގުޅުނެވެ. ހަތެއް ޖަހަންދެން ތިބިއިރު، އެ ބުނާ މީހަކު ވެސް ނައެެވެ. މިއީ ގޯހެއްކަމާއި، ޓެކުމުގެ ޢަމަލެއްކަން އެނގުނީ މިހައިހިސާބުންނެވެ. ފަސް ހާސް ރުފިޔާގެ ރިލޯޑެއް ފޭރިގަތީއެވެ. އެތައް ހާސް ރުފިޔާގެ ގެއްލުމަކާއެކު، ގަތް މުދާކޮޅާއި މަސްކޮޅު ހިފައިގެން އެކުވެރިޔާއަށް ޖެހުނީ ދޯނިން ފައިބާށެވެ. ދިރާގަށް ގޮސް މައްސަލަ ޖެއްސުމުން، އެއިން ނަންބަރެއްގެ ޚިދުމަތެއް ކަނޑައިލައެއް ނުދިނެވެ. އެމީހުންގެ ޤަވާޢިދު އޮންނަ ގޮތުން، އެކަން ކުރެވޭން އަންނަނީ، ފުލުހުންގެ ފަރާތުން އެދުނީމައެވެ. ފުލުހުންނަށް ރިޕޯޓު ކުރުމުން ބަޔާން ނެގިއެވެ. އޭގެފަހަކުން އިތުރު ޚަބަރެއް ނެތެވެ.

މިއީ މިއަދު މި ކުޑަކުޑަ މުޖުތަމަޢުގައި ޢާންމުވަމުން އަންނަ ކަމެކެވެ. މޮޅު ވާހަކަތަކެއް ދައްކައިގެން، ނޫންނަމަ އެހެން ވެސް މޮޅު އުކުޅެއް ބޭނުން ކޮށްގެން، ދަންނަ މީހެއްގެ ނަމުގައި، ނުވަތަ ހެޔޮ އެދޭ މީހެއްގެ ސިފައިގައި ކުރިމަތިލައިގެން، ބޮޑެތި އަދަދުތަކުން އެބަ ރިލޯޑު ކުރުވައެވެ. އެހެންކަމުން މިކަމަށް ހޭއަރައި ސަމާލުވާން ވަރަށް ބޮޑަށް އެބަ ޖެހެއެވެ! ނުދަން މީހަކު ރިލޯޑެއް ކޮށްދޭން ބުންޏަސް، އެކަން ނުކުރާށެވެ! އެފަދަ ފޯނުކޯލެއް އަޔަސް، މާ ގިނަ ވާހަކަ ދައްކަން ނުހަދައި ކަނޑައިލުމަށް ވުރެ، ބުއްދިވެރި ގޮތެއް ނޯންނާނެއެވެ. އެހެންނޫންނަމަ އެ މީހުންގެ މޮޅު ވާހަކައިގެ ޖާދޫގައި ޖެހި ގޯހެއް ހެދިދާނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް