"ޔޫސުފް"ގެ ވަގު ކޮޕީ ވިއްކި މީހާ ކުރާ ދައުވާއަކާ ގުޅިގެން ނަހުލާ ކޯޓަށް ހާޒިރުކުރަނީ

މައްޝޫރު ޑައިރެކްޓާ ފާތުމަތު ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމް "ޔޫސުފް"ގެ ވަގު ކޮޕީ އުފައްދައިގެން ވިއްކި މީހާ ކުރާ އަބުރުގެ ދައުވާ އަކާ ގުޅިގެން ނަހުލާ މިއަދު ސިވިލް ކޯޓަށް ހާޒިރު ވުމަށް އެ ކޯޓުން އަމުރެއް ނެރެފި އެވެ.

ނަހުލާ ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރު 2:30 އަށެވެ. އެ މައްސަލާގަައި ނަހުލާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ "ޔޫސުފް"ގެ ވަގު ކޮޕީ އުފައްދައިގެން ވިއްކި މައްސަލައިގައި ހަ މަހަށް ޖަލަށް ލުމަށް ހުކުމްކުރި ޅ. ނައިފަރު، ހަވީރީހިޔާ، ހައްސާން އަލިފުޅެވެ.

ނައިފަރު ކޯޓުގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، ނަހުލާ ސިވިލް ކޯޓަށް ހާޒިރުކުރުމަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަމުރެއް ނެރެފައިވާ ކަމަށާއި މިއަދު ނެރުނު އަމުރަކީ ތިން ވަނަ ފަހަރަށް ނެރުނު އަމުރެެއް ކަމަށެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރަނީ ބަޔާނެއް ނެގުމަށް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ޔޫސުފްގެ ވަގު ކޮޕީ ވިއްކި މައްސަލައިގައި ހައްސާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ޖުލައި 31، 2008ގައި ކްރިސްޓަލް ކޮމްޕެނީ އާއި ހައްސާން އަލިފުޅާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޭނާ އާ އެ ފިލްމު ހަވާލުކޮށްފައި ވަނިކޮށް އޭގެ ވަގުކޮޕީ ހެދިކަން ހެކީންގެ ހެކިބަހުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު