ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޤަދަރުވެރި ބައެކެވެ. އެބޭފުޅުންނަށް ޙައްޤު އިޙްތިރާމް އާއި ރައްކާތެރިކަން ލިބިދޭންޖެހޭނެބައެކެވެ. ޤާނޫނުންނެވެ. ޤާނޫނު ނަގަހައްޓާ، ޤާނޫނު ތަންފީޒުކުރާ ފަރާތުުންނެވެ. އެބޭފުޅުން އެބައެއްގެ ޙައްޤު ރައްކާތެރިކުރުމަށާއި، އެބައެއްގެ މުސްތަޤްބަލް އުޖާލާކުރުމަށް އެބޭފުޅުން އިންތިޚާބްކޮށްފައިވާ ރައްޔިތުންގެ ފަރާތުންނެވެ.

ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްޞަ އިމްތިޔާޒްތަކެއް ދިނުމަށް ލާޒިމްކޮށްފައިވެއެވެ. އެބޭފުޅުންގެ ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ދިމާވެދާނެ ހުރަސްތައް ގިރާކުރެއްވުމަށެވެ. ބައެއްކަހަލަ މުހިއްމު ވޯޓަށް އެހޭވަގުތުގައި އެބޭފުޅުންނަށް އެފަދަ ވޯޓެއްގައި ބައިވެރިވެވަޑައިނުގެންނެވޭގޮތަށް ބަންދެއްގައި ބެހެއްޓުމަކީވެސް ޤާނޫނުއަސާސީ ހުރަސްއަޅާކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤަދަރުވެރިކަމާއިއެކު ޢިއްޒަތުގައި އުޅުއްވޭނެ މިންވަރަށް މުސާރައާއި ޢިނާޔަތްތަށްވެސް ލިބިވަޑައިގަންނަވާންވާނެއެވެ. އެބޭފުޅުން ދަތުރުފަތުރުކުރެއްވުމަށް ކާރެއް ނުވަތަ ލޯންޗެއް އިންޕޯރޓްކުރައްވަން ބޭނުންފުޅުވެއްޖެ ހިނދެއްގައި އެކަމުގެ މަގުވެސް ތަނަވަސްވެފައި އޮންނަންވާނެއެވެ. އެފަދަ އެއްޗެތި އިންޕޯރޓްކުރުމަށް ނެގޭ ޑިއުޓި މަޢާފްކުރެވިގެންނެވެ. އެހެންނަމަވެސް އެފަދަތަކެތި ބޭނުންކުރެވެންވާނީ އެބޭފުޅުންގެ އަމިއްލަފުޅު ބޭނުމަށެވެ. އެއްވެސް ވިޔަފާރިއަކާއި ގުޅިފައިވާ ބޭނުންފުޅަކަށެއް ނޫނެވެ. އަޅުގަނޑުގެ ނަޒަަރުގައި މާލެއާއި ކައިރި އަތޮޅުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބޭފުޅުންގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ދަތުރުފުޅުކުރެއްވުމަށް ލޯންޗެއްގެ ޚިދުމަތް ވަރަށްބޮޑަށް ބޭނުންފުޅުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މާލޭގައި ގެދޮރުނެތް މެންބަރުންނަށް ގެދޮރުގެ އެލަވަންސް އެރުވުމަށްވެސް އަޅުގަނޑަށް ތާއީދުކުރެވެއެވެ. އަދި އެބޭފުޅުންނަށް އޮފީސް އެލަވަންސް އެރުވުމަށްވެސް އަޅުގަނޑަށް ތާއީދުކުރެވެއެވެ. އެހެންނަމަވެސް އެބޭފުޅުން އެ ޚިދުމަތުގެ ބޭނުންކުރައްވާކަމުގެ ހެކިދެއްކެވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢާއިލާ އަށް މެޑިކަލް އިންޝުއަރެންސެއް އޮތުމަކީވެސް މައްސަލައެއް ނޫނެވެ. މިފަދަކަންކަން ކުރެވެންވާނީ އެހެން ޤައުމުތަކުގައި ވެސް މިފަދަ ކަންތައްތައް އޮންނަގޮތަށް ބެލެވިގެންނެވެ.

އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕެންޝަން ލިބިވަޑައިގަތުމުގެ އުޞޫލެއްއޮތުމަކީވެސް މައްސަލައެއް ނޫނެވެ. ތެދުފުޅެކެވެ. ޕެންޝަންލިބޭ ޢާއްމު އުޞޫލާއި އެއާއި ވަރަށް ތަފާތުވާނެއެވެ. ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވެނީ ރައްޔިތުންގެ ތެރެއިން ބޮޑު ވާދަވެރި މާހައުލެއްގެ ތެރެއިންކަން އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހެއެވެ. މަޖީލީހުގެ މެންބަރުކަމުގައި ދިހަވަރަކަށް އަހަރު ހޭދަކުރެއްވުމުން، މެންބަރުކަމުން ވަކިވާދުވަހުންފެށިގެން ޕެންޝަންލިބިވަޑައިގަންނަވާގޮތަށް އޮތުމަކީ ރަގަޅުގޮތަކަށްވެދާނެއެވެ. ރާއްޖޭގެ މިހާެރުގެ މާހައުލުގައި މިއީ ގިނަބަޔަކަށް ޤަބޫލުނުކުރެވޭނެކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް މިއީ ކޮންމެވެސް ދުވަހަކުން ހަމަޖެހޭނެކަމެއްކަން ޔަޤީނެވެ.

ކުރިންދެންނެވުނު ޚިދުމަތްތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެރުވޭކަމަށްވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަފުޅު މިހާރަށްވުރެ ކުޑަވާންވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަފުޅު މިހާރު އޮތް މިންވަރަށް ގެނެވިފައިވަނީ ކުރިންދެންނެވުނު ގިނަ ބައިތަށް ޝާމިލުވާގޮތަށެވެ. މިސާލަކަށް ދަންނަވާނަމަ ކޮމިޓީ އެލަވަންސާއި އޮފީސް އެލަވަންސްފަދަ އެލަވަންސްތައް ޝާމިލުވެގެންނެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މުސާރާގެގޮތުގައި ގެއަށް ގެންދަވަނީ ނިސްބަތުން ކުޑަ އެއްޗެކެވެ. އެހެންނަމަވެސް އެބޭފުޅުންނަށް ވަރަށްގިނަ އެލަވަންސްތައް ލިބިވަޑައިގަންނަވައެވެ. ލިބިވަޑައިގަންނަވާ ހުރިހާ އެލަވަންސްތަކެއް ސީދާ މުސާރައިގެ ފައިސާ އަށް ބަދަލުކުރެވިއްޖެނަމަ ވަރަށްބޮޑު މުސާރައެއް ލިބިވަޑައިގަންނަވާކަމަށް ދައްކާނެއެވެ.

ރާއްޖެކަހަލަ އާބާދީ ކުޑަ ޤައުމެއްގެ ރައްޔިތުންގެމަޖިލީހުގައި 77 މެންބަރުން ތިއްބަވާ އިރުވެސް ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިހާެރުވެސް ބައެއް ޖަލްސާތައް ނުބޭއްވިއެބަދެއެވެ. ސިޔާސީ ސަބަބުތަކަށްޓަކައި ކޯރަމް ނަގާލައިގެންނެއް ނޫނެވެ. މެންބަރުން އެހެން ސަބަބުތަކާއި ހުރެ ޖަލްސާއަށް ޙާޒިރުނުވެގެންނެވެ. ރާއްޖޭގެ ޙާލަތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ދެބަޔަކަށް ބެހެންވީއެވެ. މެންބަރުން ޖަލްސާއަށް ޙާޒިރުވުމުން ލިބިވަޑައިގަންނަވާބަޔަކާއި، މެންބަރުންނަށް މަހެއްގެ މައްޗަށް ކަނޑައެޅިފައި އޮންނަ މުސާރައެެކެވެ. މެންބަރަކު ޖަލްސާއެއްގައި ބައިވެރިވަޑައިގަތުމުން ލިބިވަޑައިގަންނަވަންޖެހޭ ފައިސާ ލިބިވަޑައިގަންނަަވަންވާނީ، އެޖަލްސާއަކަށް ކަނޑައެޅިފައި އޮންނަ ވަގުތުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ ވަގުތު ޖަލްސާއެއްގައި އިންނެވުމުންނެވެ. ނުވަތަ އެވަގުތު ކޮމިޓީއެއްގައި އިންނެވުމުންނެވެ. ހަމައެގޮތަށް ކޮމިޓީ އެލަވަންސް އެރުވެންވާނީ ކޮމިޓީއަށް ޙާޒިރުވާ ބޭފުޅުންނަށް ކުރިން ދެންނެވުނު އުޞޫލުންނެވެ. މިހެން މިދެންނެވީ ރާއްޖޭގެ މާޒީގެ ތަޖްރިބާއަށް ބަލާލާއިރު އެއްވަގުތެއްގައި ދެތިން ކޮމިޓީ ހިނގަމުން ގޮސްފައިވަނިކޮށްވެސް އެކޮމިޓީގައި ހިމެނިވަޑައިގެންނެވި ބައެއް ބޭފުޅުން އެއް ކޮމިޓީއަށްވުރެ ގިނަ ކޮމިޓީގެ އެލަވަންސް ނަންގަވާފައިވާތީވެއެވެ. ކޮމިޓީގެ ޙާޒިރީއަށް ބަލައިގެން އެލަވަންސް ދެމުންގޮސްފައިވާތީވެއެވެ. ޙާޒިރީއާއި ގުޅުމެއްނެތި ކޮމިޓީ އެލަވަންސްދޫކުރެވޭނަމަ، އެ އެލަވަންސް، އެނަމުގައި، ޙައްޤުނޫން ވަރަށް ގިނަފަރާތްތަކަށްވެސް ލިބެމުންދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ އިމްތިޔާޒަކީ އެބޭފުޅުންގެ ވާޖިބު އަދާކުރެއްވުމަށް އޮންނަ އިމްތިޔާޒެކެވެ. އެބޭފުޅުންގެ ޤާނޫނީ މަސައްކަތުން ބޭރުގައި ކުރައްވާ ކަންތައްތަކުގައި އެބޭފުޅުންނާއި މެދުވެސް ކަންތައްކުރެވެންވާނީ ރާއްޖޭގެ އެހެން ރައްޔިތުންނާއި މެދުވެސް ކަންތައް ކުރެވޭގޮތަށެވެ. އެއިންބޭފުޅަކު ޖިނާއީ ކުށެއްކުރެއްވިކަމަށްވާނަމަ ތަޙްޤީޤުވެސް ކުރެވެންވާނެއެވެ. ޝަރީޢަތަށްފޮނުވޭ ވަރުގެ ހެއްކާއި ޤަރީނާ ލިބިފައިވާނަމަ ޝަރީޢަތަށްވެސް ފޮނުވެންވާނެއެވެ. އެހެންނަމަވެސް އެބޭފުޅުން ބަންދުކުރެވޭނަމަ ނުވަތަ ތަޙްޤީޤަށް ގެންދެވޭނަމަ އެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެންގެންވާނެއެވެ. ހަމައެގޮތަށް މީހުންގެ އަބުރަށް އަރައިގަންނަ ގޮތަށް މަޖިލީހުގެ ބޭރުގައްޔާއި މަޖިލީހުގެތެރޭގައި، ހުށައެޅިފައިވާ މައްސަލައަކާއި އެއްވެސް ގުޅުމެއްނެތި އަބުރާބެހެވޭގޮތަށް ވާހަކަދެކެވޭނަމަ އެކަމަކާއިގުޅިގެން ފިޔަވަޅު އަޅަންބޭނުންވާ ބަޔަކަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު އޮންނަންވާނެއެވެ. ޤާނޫނުއަސާސީންނާއި ޤާނޫނުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒާއި ޙިމާޔަތްދީފައިވަނީ އެބޭފުޅުންގެ ޤާނޫނީ ވާޖިބް އަދާކުރެއްވުމުގައެވެ. ޕާރލަމެންޓްރީ ޑެމޮކްރަސީގެ ނަމޫނާއަކަށް ބެލެވޭ އިނގިރޭސިވިލާތުންވެސް ދާދިފަހުން އެކަމުގެ ހެކިފެނިގެން ހިނގައްޖެއެވެ. ރައްޔިތުންގެ މަޖިލީހުންދޭ އެލަވަންސެއް ނުބައި މައުލޫމާތު ދީގެން ހޯއްދެވިކަން ސާބިތުވެގެން 5 އަހަރުދުވަހުގެ މުއްދަަތަށް މެންބަރަކު ޖަލަށްލުމަށް ޙުކުމްކުރެވިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް