މަޝްހޫރު ފިލްމު ޑައިރެކްޓަރު ރަވީ ޗޯޕްރާ މަރުވެއްޖެ

އިންޑިއާގެ ފިލްމު އިންޑަސްޓްރީ، 'ބޮލީވުޑް'ގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ރަވީ ޗޯޕްރާ، އުމުރުން 68 އަހަރުގައި މަރުވެއްޖެ އެވެ.

ރަވީ ޗޯޕްރާ މަރުވީ، ދެކުނު މުމްބާއީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާކުރަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ފިލްމު ޕްރޮޑިއުސަރު ބީއާރު ޗޯޕްރާ އަދި ޔާޝް ޗޯޕްރާއަށް ބޮޑުބޭބެ ކިޔާ ރަވީ، ފިލްމު ޑައިރެކްޓުކުރުމުގެ މަސައްކަތްކު ފަށާފައިވަނީ، 1975ގައި ނެރުނު "ޒަމީރު"، 1980ގައި ނެރުނު "ދަ ބަރނިން ޓްރެއިން" ފަދަ ފިލްމުތަކާއެކު އެވެ.

އަމީތާބް ބައްޗަންއާއި ހެމާ މާލިނީ އެކްޓްކޮށްފައިވާ މަޝްހޫރު ފިލް "ބާޣްބާން" (2003) ވެސް ޑައިރެކްޓަރު ރަވީ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ، 1988 އިން 1990އަށް ކުރިއަށް ގެންދިޔަ ޓީވީ ސީރީޒް "މަހާބާރަތު" އިންނެވެ.

ރަވީ ޗޯޕްރާ ނެތިދިއުމާ ގުޅިގެން، ހެމާ މާލިނީ ބުނިކަމަށް އިންޑިއަންއެކްސްޕްރެސްގައި ބުނެފައިވަނީ، އިހުޒަމާނުގެ ވާހަތަކުގެ މައްޗަށް ބިނާކޮށް ގިނަ އަދަދެއްގެ ޓެލެ-ސީރީޒްތައް އުފެއްދާފައިވީ ނަމަވެސް، ރަވީ ޗޯޕްރާ އެންމެ ފުރަތަމަ އުފެއްދި ޓެލެ-ސީރީޒާ ގާތްކުރާ ފެންވަރުގެ އުފެއްދުމެއް އަދި އެ އިންޑަސްޓްރީގައި ނެތް ކަމަށެވެ.

"ރަވީއަށް އެނގޭނެ އޭނާ، އެކްޓަރުގެ ކިބައިން ހާސިލްކުރަން ބޭނުންވާ ކަންތައް – އެއީ ފިލްމު އުފައްދާ މީހެއްގެ ހައިސިއްޔަތުން އޭނާގެ ކިބައިގައި ހުރި މޮޅު ސިފައެއް. އެކްޓަރުގެ ވިސްނުމާ ރަވީގެ ވިސްނުން ދިމާ ނުވާ ހާލަތުގައިވެސް ވަރަށް ފަސޭހައިން އޭނާ ބޭނުންވާ ގޮތް އެކްޓަރަށް ބުނެލަދޭނެ. ބާޣުބާންގައި އަހަރެން އަދާކުރި ރޯލަށް ރަވީ ވަރަށް ގަޔާވި. އަހަރެމެން ބޭނުންވި އިތުރު ފިލްމެއްގައި ވެސް އެކުގައި މަސައްކަތް ކުރަން. އެކަމަކު ރަވީގެ ސިއްހަތު ތަންނުދިނުމުގެ ސަބަބުން އެ ފުރުސަތު ނުލިބުނީ،" އިންޑިއަންއެކްސްޕްރެސްއަށް ހެމާ ކިޔައިދިނެވެ.

ރަވީއާއެކު 1983ގައި "މަންޒޫރު"ގައި މަސައްކަތްކުރި އާއިލީ ރަހްމަތްތެރިއެއް ކަމަށްވާ، ރާޓީ އަގްނިހޯތުރީ ބުނީ، ރަވީއަކީ މީހުންނާ ވަރަށް ގުޅިގެން މަސައްކަތްކުރާން ދަންނަ، މަސައްކަތަށް ދިރުން ގެނުވައިދޭ މީހެއްކަމަށެވެ. އަދި އެކްޓަރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރަވީގެ އެހީތެރިކަން ލިބުނު ކަމަށްވެސް ރާޓީ ބުންޏެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު