ރަހުމަތްތެރިކަމުގެ މެޗެއްގައި ކްރޮއޭޝިއާގެ މައްޗަށް އާޖެންޓީނާ ކުރިހޯދައިފި

ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އާޖެންޓީނާއިން ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދައިފި އެވެ.

ރޭ އިންގްލަންޑްގެ އަޕްޓަން ޕާކްގައި ކުޅުނު މެޗު ސައުތު އެމެރިކާގެ ޓީމުން ކާމިޔާބުކުރީ ކްރޮއޭޝިއާއިން ލަނޑެއްޖަހައި ކުރިހޯދާފައިވަނިކޮށް ފަހަތުން އަރައި 2-1 ންނެވެ.

މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައި މެޗައް ނުކުތް ކްރޮއޭޝިއާ ޓީމުން ވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހައި ލީޑު ހޯދާފަ އެވެ. މެޗުގެ 11 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވަޑް އަނަސް ޝަރްބިނީ އެވެ. އާޖެންޓީނާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 49 ވަނަ މިނިޓުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއަން އަންސާލްޑީ އެވެ.

އަންސާލްޑީގެ ލަނޑާއެކު އާޖެންޓީނާ އިން ވަނީ މެޗު ޑޮމިނޭޓްކޮށް ކްރޮއޭޝިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ދެވަނަ ހާފުގެ 57 ވަނަ މިނިޓުގައި އާޖެންޓީނާ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ލިއޮނެލް މެސީ އެވެ.

ރޭގެ މެޗުގައި ގިނަ ދުވަސްތަކަކަށްފަހު އަލުން ގައުމީ ޓީމާ ގުޅުނު ކާލޮސް ޓެވެޒް ވަނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ. މިއީ ފާއިތުވެދިޔަ ތިންއަހަރު ތެރޭގައި ގައުމީ ޓީމު ޖާޒީގައި ޓެވެޒް ކުޅުނު ފުރަތަމަ މެޗެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންޖެލް ޑި މަރިއާގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ފޮނުވާލި ހަމަލާތައް ކްރޮއޭޝިއާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. މީގެ އިތުރުން ސާޖިއޯ އަގުއެރޯގެ ފަރާތުންވެސް ހަމަލާތަކެއް ފެނުނުއިރު ރޭގެ މެޗުގައި އާޖެންޓީނާގެ ފޯވަޑްލައިނަށް ހުރަސް އެޅީ ކްރޮއޭޝިއާގެ ޒުވާން ޑިފެންޑަރުންނެވެ.

މި ހަފްތާ ތެރޭގައި ރަހުމަތްތެރިކަމުގެ މެޗެއްގައި ވެނެޒުއެލާއާ ދެކޮޅަށް އާޖެންޓީނާ ނުކުންނަ އިރު ކްރޮއޭޝިއާ ނުކުންނާނީ ޔޫރޯ ކޮލިފައިންގައި އިޓަލީއާ ދެކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު