ސައުތް އޭޝިއަން ބޭންޑްސް ފެސްޓިވަލުން ދިވެހި ސިފައިންގެ ބޭންޑަށް ހޫނު ތަރުހީބެއް!

ސާކް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ބާއްވަމުން އަންނަ ސައުތް އޭޝިއަން ބޭންޑްސް ފެސްޓިވަލުގައި ރާއްޖޭ ތަމްސީލު ކުރުމަށް މި އަހަރު ދިވެހި ސިފައިންގެ ބޭންޑް ބައިވެރިވެއްޖެ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޕުރާނާ ކިލާގައި މިދިޔަ ހުކުރު ދުވަހު ފެށި އަށް ވަނަ ސައުތް އޭޝިއަން ފެސްޓިވަލުގައި ސިފައިންގެ ބޭންޑް، ދަ ކޮޕްސް ހުށަހަޅައިދީފައި ވަނީ ރޭ ގަ އެވެ.

ނިއުދެއްލީގައި ހުރެ "ސަން" އަށް އިންޓަވިއުދެމުން ކޮޕްސްގެ ބޭންޑްގެ ލީޑަރު އަދި ލީޑް ގިޓަރިސްޓް އަހުމަދު އަބްދުﷲ (އެންޑީ) ބުނީ، ޝޯ އަށް ދިޔަ ގިނަ އަދަދެއްގެ ދިވެހިން ފަރާތުން ބޭންޑަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.

"އެ ފެސްޓިވަލުގައި ހުށަހަޅައިދޭން ލިބުމަކީ ބޭންޑަށް ލިބުނު ބޮޑު ތަޖުރިބާ އެއް. ދިވެހި ދިދަ ދައްކާލީމަ ވަރަށް ހަޅޭއްލަވާ ތަރުހީބު ދިން. ދިވެހިން ބުނި ވަރަށް ސަޅިއޭ. ބޭރު މީހުން ބުނީ ރާއްޖޭގައި ވެސް މޮޅެތި ރޮކް ބޭންޑްތައް އުޅޭކަން ގަބޫލުކުރަމޭ މިހާރު،" އެންޑީ ބުންޏެވެ.

ދަ ކޭ އޮޕްސް އަށް ސައުތް އޭޝިއަން ބޭންޑް ފެސްޓިވަލްގައި ރާއްޖެ ތަމްސީލު ކޮށްފައި ވަނީ، އިންޑިއަން ހައި ކޮމިޝަނުން ރާއްޖޭގެ އެންމެ ބޮޑު އިވެންޓް މެނޭޖްމަންޓް ކޮމްޕެނީ ހައިރައިޒް އަށް ދިން ފުރުސަތެއްގަ އެވެ.

އެންޑީ ބުނީ، ރާއްޖޭގެ ފަރާތުން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެ ބޭންޑާ ބައްދަލުކުރައްވާ ބައިނަލްއަގްވާމީ ޝޯއެއްގައި ދިވެހި ދިދަ ފެނިގެންދިޔުމުން ވަރަށް އުފާވި ކަމަށް ކަމަށެވެ.

މިއަހަރުގެ ސައުތް އޭޝިއަން ބޭންޑްސް ފެސްޓިވަލުގައި ސާކްގެ ނުވަ ގައުމުން 14 ރޮކް ބޭންޑަކުން ބައިވެރިވެފައިވާ އިރު، ފެސްޓިވަލް އޮބްސާވް ކުރާ ފްރާންސްގެ ބޭންޑެއް ވެސް ބައިވެރިވެފައިވެ އެވެ.

ސައުތް އޭޝިއަން ބޭންޑްސް ފެސްޓިވަލްގައި މީގެ ކުރިން ވެސް އެތައް ދިވެހި ފަންނާނުންނެއް ބައިވެރިވެފައިވެ އެވެ.

ރާއްޖޭގެ މިއުޒިކީ ފަންނާނުން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބާއްވަމުން އަންނަ ސައުންޑްސް އޮފް މޯލްޑިވްސް އިން އިންޑިއާގެ ބެންގަލޫރުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޝޯގައި ވެސް ދަ ކޮޕްސް ބޭންޑް ވަނީ ހުށަހަޅައިދީފަ އެވެ.

ސިފައިންގެ އޮފިސަރުންތަކެއްގެ މައްޗަށް އެކުލެވޭ، އެމްއެންޑީއެފްގެ ރަސްމީ ބޭންޑުގެ ގޮތުގައި މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކޮޕްސް ބޭންޑަކީ ރާއްޖޭގައި ފާހަގަކުރާ ރަސްމީ ގިނަ ހަފްލާތަކެއްގައި ހުށަހަޅައިދޭ ކުރިއަރަމުން އަންނަ ބޭންޑެކެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު