ޖިންސީ ގޯނާކުރާ މީހުން ވެސް އެހީއަކަށް ބޭނުންވެފައި!

ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވެ އެކި ހިސާބުތަކުގައި ބޮޑެތި ނުފިލާ ލަތްތަކެއް ވަނީ ޖެހިފައި އެވެ. ބޮޑު އަދަބު ދީގެން ވެސް ހައްލު ނުވާ އެތައް ކުށެއް މުޖްތަމައުގެ ތެރޭގައި އާންމުވެފައިވާއިރު، އެފަދަ ކުށްތައް މަދުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ވަނީ "ތަފާތު" ވިސްނުމެއް ގެންގުޅެން މަޖުބޫރުވެފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ އެފަދަ އެއް ކުށެކެވެ. ބޮޑެތި އަދަދުބަތަކެއް ކަނޑައަޅާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހުން 2009 ވަނަ އަހަރު ފާސްކުރީ ކުޑަކުދިންނަށް ލިބެމުންދާ ޖިންސީ ގޯނާ ހުއްޓުވުމަށެވެ. ނަމަވެސް، އެ ޤާނޫނަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ފެންނަ މަންޒަރު ވަރަށް ސާފެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އަދިވެސް ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ 240 މައްސަލަ ހުށަހަޅާފައިވާއިރު އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18 ޕަސަންޓު އިތުރު އަދަދެއް ކަމަށް ޖެންޑާ ޑިޕާޓްމަންޓުން ބުނެ އެވެ.

ޤާނޫނުތަކުން ބޮޑެތި އަދަބު ދީގެން އެ މައްސަލަ ހައްލުވަމުން ނުދާއިރު ދެން އުފެދޭ ސުވާލަކީ ޖިންސީ ގޯނާކުރާ މީހުންގެ ޝިކާރައަކަށްވަމުންދާ ކުޑަކުދިންނަށް އެހީވުމަށް ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ޖެންޑާ މިނިސްޓްރީގެ "ޕްލޭން ބީ" އަކީ ކުޑަކުދިންނަށް އެހީވުމަށްޓަކައި، އެކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް އެހީވުމެވެ!

"ހަގީގަތުގައި އެފަދަ ކަންތައްތައް ކުރާ މީހުންނަށް އަޅުގަނޑުމެންނަށް އަދަބު ދެވިދާނެ. އެކަމަކު ސެކްޝުއަލް އޮފެންޑަރސް ]ޖިންސީ އަނިޔާކުރާ މީހުން[ އެބަ ޖެހޭ އެ ކަންތަކުން ސަލާމަތް ކުރަން ބޭނުން ނަމަ ހާއްސަ ތެރަޕީ އެމީހުންނަށް ދޭން. އެކަމަކު އަދި އެކަމަށް އެއްވެސް ޓްރީޓްމަންޓެއް އަޅުގަނޑުމެންގެ ރާއްޖެ އަކު ނެތް ދެވިފަ އެއް،" ހެލްތު މިނިސްޓްރީގެ ނައިބު މާރިޔާ އަލީ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވާ ގޮތުގައި، ޖިންސީ ގޯނާކުރާ މީހުންނަށް ވެސް ޖެހިފައި އެވަނީ ބައްޔެކެވެ. އެބައްޔަށް ފަރުވާ ހޯދައިދޭން ޖެހެ އެވެ.

"ގިނަ ފަހަރަށް ޖިންސީ މައްސަލަތައް ފެންމަތިވެގެން އަންނަނީ އެފަދަ އަނިޔާއެއް ކުޑައިރު ލިބިފައި ހުރުމުން ނުވަތަ އާއިލާ ތެރޭން އެފަދަ މަންޒަރެއް ފެނިގެން. ނޫނީ ފޮޓޯ، ވީޑިއޯ ފަދަ އެއްޗެހި ފެނިގެން،" ޖިންސީ އަނިޔާގެ މައްސަލަތައް ތަހުގީގުކުރައްވާ ތަޖުރިބާކާރު ފުލުހަކު ވިދާޅުވި އެވެ. "އެކަން ނައްތާލެވޭނީ ފަރުވާ ދެވިގެން، އަދަބު ދީގެން ނުފުދޭ،"

ނަމަވެސް، މުޖުތަމައުގެ ވިސްނުން ވަނީ މިކަމުގައި ދެކަފިވެފަ އެވެ. ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި ކުށްތައް އެއީ އެއްވެސް ގޮތަކަށް މިފަދަ އިސްލާމީ މުޖުތަމައު އެއްގައި ބަލައިނުގަނެވޭނެ ކުށްތަކަށްވާއިރު، އެކަން ކުރާ ފަރާތްތަކަށް ވަކި ލުޔެއް ދީގެން ނުވާނެ ކަން ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ޤާނޫނުން އެނގެ އެވެ. ދެވަނަ އެއްވެސް ފުރުސަތެއް ނެތި އެމީހުންނަށް އޮތީ 20 އަހަރާއި 25 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ކަންމިހެން އޮތް ނަމަވެސް، ބޭރު ގައުމުތަކުގެ ތަޖުރިބާތަކަށް ބެލުމަށްފަހު ޒިންމާދާރު މުއަސާސަތުކުން ބުނަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހަމައެކަނި އަދަބު ދީގެން އެ ވަބާ މުޖުތަމައުއިން ނައްތާނުލެވޭނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސެކްސް އޮފެންޑާސް އަށް އޮތް ދާއިމީ ހައްލަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން އޭގެން ދުރުކުރުމަށް ރީހެބަށް ގޮސް ފަރުވާ ކުރާ ފަދައިން މިފަދަ ޢަމަލު ކުރާ މީހުންނަށް ވެސް އެކަށީގެންވާ ފަރުވާ ދިނުން" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވި އެވެ.

އެ ދާއިމީ ހައްލަށް ވާސިލްވުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ އަތުކުރި އޮޅާލައިފަ އެވެ. އެގޮތުން ރާއްޖޭގެ މާހައުލާ ގުޅޭ ތެރަޕީތަކެއް ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ދިނުމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން ގެންދަނީ ކަމާ ބެހޭ ބޭރުގެ މާހިރުން ކައިރިން ލަފާ ހޯދަމުންނެވެ. އަންނަ މަހުގެ 16، 17 ގައި ބާއްވާ "ނެޝެނަލް ޗައިލްޑް ޕްރޮޓެކްޝަން ކޮންފަރެންސް" ވެސް އަމާޒުކޮށްފައިވަނީ އެ ހައްލު ހޯދުމަށެވެ.

އެހެންނަމަވެސް، މުޖުތަމައުއިން އެ ހައްލު ގަބޫލުކުރާނެ ހެއްޔެވެ؟ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުޑަކުއްޖެއްގެ މުޅި ހަޔާތަށް އެ އަނިޔާ ދެމިގެންދާއިރު، އެކަމުގެ ޒިންމާ ނަގަން ޖެހޭ ކުށްވެރިޔާ ތޭރިތަކުގެ ބިއްދޮށުން ސަލާމަތްވުމަށް އެއްބަސްވާނެ ހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް