ފިލްމް އެސޯސިއޭޝަންގެ ޗެއާމަނަކަށް ފައްތާހު އިންތިހާބުކޮށްފި

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާޕާސަންގެ މަގާމަށް މަޝްހޫރު ޑައިރެކްޓަރު އަބްދުލްފައްތާހު އިންތިހާބުކޮށްފި އެވެ.
ސޯސަލް ސެންޓަރުގެ ސެމިނާ ހޯލްގައި ރޭ ބޭއްވި ދިވެހި ފިލްމް އެސޯސިއޭޝަންގެ ބައި އިލެކްޝަންގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮފްވާނު

ފިލްމް އެސޯސިއޭޝަންގެ ގިނަ މެމްބަރުންތަކެއް މިދިޔަ އަހަރު އިސްތިއުފާ ދިނުމާ ގުޅިގެން ރޭ ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްްވި އެ އެސޯސިއޭޝަންގެ ބައި އިލެކްޝަންގައި ފައްތާހު އެ މަގާމު ކާމިޔާބުކޮށްފައި ވަނީ ކުރީގެ ފިލްމީ ތަރި އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)އާ ވާދަކޮށްގެންނެވެ.

އެ އިންތިހާބުގައި ފައްތާހު އަށް 81 ވޯޓު ލިބުނު އިރު މުހައްމާ އަށް ލިބިފައި ވަނީ 65 ވޯޓެވެ.

އެ ބޯޑުގެ ވައިސްޗެއާޕާސަންގެ މަގާމަށް އޮޓަމެޓިކުން ހޮވިފައިވަނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދެވެ. އޭނާ އާ އެކު އެ މަގާމަށް އިތުރު މީހަކު ކުރިމަތިލާފައެއް ނުވެ އެވެ. އަދި ހަޒާންދާރަކަށް ވެސް އޮޓޮމެޓިކުން ހޮވިފައިވަނީ އިސްމާއިލް ރަޝީދު (ކޮޕީ) އިއްސެ އެވެ.

މީގެ އިތުރުން ރޭގެ އިންތިހާބުގައި ފިލްމު އެސޯސިއޭޝަންގެ ހިންގާ ބޯޑަށް ސެކްރެޓަރީ ޖެނަރަލެއްގެ އިތުރުން ތިން މެމްބަރަކު ވަނީ އިންތިހާބުކޮށްފަ އެވެ.
ސޯސަލް ސެންޓަރުގެ ސެމިނާ ހޯލްގައި ރޭ ބޭއްވި ދިވެހި ފިލްމް އެސޯސިއޭޝަންގެ ބައި އިލެކްޝަންގެ ތެރެއިން -- ސަން ފޮޓޯ ޔޫަސުފް ސޮފްވާނު

އެ ބޯޑުގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ހޮވިފައި ވަނީ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އޭނާ އެ މަގާމު ކާމިޔާބުކޮށްފައި ވަނީ އަހްމަދު އަޒްމީލް (އަޒޭ) އާ ވާދަކޮށް 89 ވޯޓު ލިބިގެންނެވެ. އަޒޭ އަށް ލިބިފައި ވަނީ 56 ވޯޓެވެ.

މީގެ އިތުރުން އެ ބޯޑަށް އިންތިހާބުކުރި އަނެއް ތިން މެމްބަރުންނަކީ މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރިޝްފާ އާއި މަޝްހޫރު ފެހުންތެރިޔާ ޖާދުﷲ އިސްމާއިލްގެ އިތުރުން ޑައިރެކްޓަރު އަހްމަދު ޝަކީބު އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު