ބުރަ މަސައްކަތާއެކު އިލެކްޝަންސް ހޭލާ!

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދިވެހިން ނިންމާ ނިންމުމާއެކު، އުފަންވާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ރައްޔިތުން އިހުތިޔާރުތަކަކާއި ބާރުތަކެއް ހަވާލު ކުރާނެ އެވެ. އޭރުން މައި ސަރުކާރަށް ބުރައެއް ކެނޑި ހިންގުމާއި ތަރައްގީގެ މަސައްކަތުގައި ލުޔެއް ވެގެން އަންނާނެ އެވެ.
ނަމަވެސް ފެބްރުއަރީ މަހުގެ ފަހެއްގައި ބާއްވާ އިންތިހާބުގެ މަސްއޫލިއްޔަތު، ގާނޫނީ ގޮތުން އުފުލާ އިލެކްޝަންސް ކޮމިޝަން އޮތީ އިންތިހާބަހަށް ތައްޔާރުވުމުގައި އެތައް ގޮންޖެހުންތަކެއްގެ ތެރޭގަ އެވެ.

"މިއީ މިކަން ކުރަންވާނެ ގޮތެއް ނޫން. ކަންކަން ރޭވިފައިވާ ގޮތުން މިއީ ވަރަށް ބޮޑު ޗެލެންޖެއް،" ކައުންސިލް އިންތިހާބުގައި ވޯޓްލާ މަޒުކަޒުތަކަށް ފޮނުވާ ވޯޓް ކަރުދާސް ބަންދުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ތޮލާލް ވިދާޅުވި އެވެ.

އެކަމަކު ކޮމިޝަނަށް މިހާރު އޮންނާނީ ކޮން ގޮންޖެހުންތަކެއް ހެއްޔެވެ؟ ތޮލާލު ވިދާޅުވީ ގޮންޖެހުންތައް ބައިވަރު އެބަހުރި ކަމަށާއި އިންތިހާބާ ގުޅިގެން އިލެކްޝަނަށް އޮތް ބުރަ ހައްތާ ދަނީ ބޮޑުވަމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ދިވެހި ރައްޔިތަކު އެ މީހަކު ހުރި ރަށެއްގަ އާއި ރާއްޖެއިން ބޭރުގައި ހުރެގެން ވޯޓް ލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ލޯކަލް ކައުންސިލް އިންތިހާބާބެހޭ ގާނޫގައި ކަނޑައަޅާފައި އޮތުމުގެ ސަބަބުން ވަރަށް ބޮޑެތި ތަކުލީފުތަކެއް ކޮމިޝަން ދަނީ އުފުލަމުންނެވެ. ހާއްސަކޮށް ވޯޓް ކަރުދާސްތައް ރަށްތަކަށް ފޮނުވަން ފެށުމާއެކު ކޮމިޝަނަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑެވެ. ހަމައެކަނި ވޯޓު ކަރުދާހަށް ބެލި އަސް ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސް ތިން ފޫޓަށްވުރެ ދިގެވެ.

"މިސާލަކަށް ރަށެއްގައި ތިބި 100 މީހުންނަކީ ތަފާތު 100 ރަށަށް ނިސްބަތްވާ މީހުންނަށް ވުމުން އެއިން ކޮންމެ މީހަކަށް ތަފާތު ވޯޓް ކަރުދާސް ފޮނުވަންޖެހޭ. ގުނާ ކަރުދާސް ފޮނުވަން ޖެހޭނެ، ނަތީއްޖާ ކަރުދާސް ފޮނުވަންޖެހޭނެ، އެ 100 ރަށަށް ކުރި މަތިލާފައި ތިބި ހުރިހައި ކެޑިޑޭޓުންގެ ނަން އާންމުކޮށް ފެންނާނެހެން ބަހަށްޓަންޖެހޭނެ އަދި ރަޖިސްޓްރީ ވެސް ފޮނުވަން ޖެހޭނެ. އެހުރި ކަމާއެކު އަޅުގަނޑުމެންގެ މަސައްކަތް ވަނީ ބޮޑުވެފައި،" ތޮލާލު ވިދާޅުވި އެވެ.

ކޮންމެ ގޮތަކުން ވިޔަސް މި ކަންތައްތަކަކީ އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމް ކުރާ ކަންތައްތަކެވެ. އެހެން ނަމަވެސް ލާޒިމުކުރާ މަސައްކަތްތައް ކުރުމަށް އެތައް ގޮތަކުން ކޮމިޝަނަށް ވަނީ ދައްޗާ ކުރިމަތިވެފަ އެވެ.
"ކޮމިޝަނަށް ލިބިފައިވާ މުއްދަތަކީ މިފަދަ ކަންތައްތައް ކުރުމަށް އެކަށޭނަ މުއްދަތެއް ނޫން." ތޮލާލު ވިދާޅުވި އެވެ. "ކަން އެހެން އޮތަސް ގާނޫނީ ގޮތުން ކޮމިޝަންގެ މައްޗަށް އެކަން ކުރުމަށް ލާޒިމު ކުރާތީ ނުނިދައި ހޭލައި ތިބެގެން ވެސް މަސައްކަތް ކުރުމުގައި ދެމިތިބޭނެ،"

އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް އިންތިހާބީ މަސައްކަތުގައި އެ ކޮމިޝަންގެ އުޅޭ މުވައްޒަފު ނުނިދާ، ހޭލައި 48 ގަޑި އިރު ވަންދެން ދަނީ މަސައްކަތް ކުރަމުންނެވެ.

ގާނޫނަކުން ކަނޑައެޅި އުސޫލްތަކުން އިލެކްޝަނަށް ލާޒިމުވާ މަސައްކަތް ނިންމަން މެކުހަށް ޖެހިއަސް އޮބި ނޯންނަހާ ގިނަ މަސައްކަތްތައް ކޮމިޝަންގެ މުވައްޒަފުންގެ ބޯމައްޗަށް ވަނީ ފުނިޖެހިފައިވާ ކަމަށް ކޮމިޝަނުން ބުނާއިރު މިވަގުތު އިންތިހާބާ ދެމެދު ދުރު މިނެއް ނެތެވެ.

މިހެން ހުރި ހުރިހާ ސަބަބުތަކާއެކު އިންތިހާބުގެ ވޯޓު ނެގުން ބާއްވާ ދުވަހުގެ ވޯޓްލާ މަރުކަޒުތަކުގައި ބޮޑެތި މައްސަލަތައް ފެންމަތިވާނެ ކަމުގެ އިންޒާރު ކޮމިޝަނުން ދެއެވެ.

ކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ކައުންސިލްތަކަށް ކުރިމަތިލެއްވި ކެނޑިޑޭޓުންގެ ނަންތައް އާންމުކޮށް ފެންނާހެން ބެހެއްޓޭނެކަމާމެދު ވެސް ކޮމިޝަނަށް ސުވާލު އުފެދިފައިވާ ކަމަށެވެ. މައިގަނޑު އެއް ސަބަބަކީ ވޯޓްލާ މަރުކަޒަކަށް އެކި ރަށްރަށުގެ މީހުން ވޯޓް ލާން ކަނޑައެޅިފައި ވުމުން އެ ހުރިހާ މީހުންގެ ރަށްރަށަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް އާންމު ކުރަންޖެހޭތީ އެވެ. އެހެން ކަމުން ކޮމިޝަންގެ އެއް ހާސް ކަމަކީ އެތައް ސަތޭކަ ލިޔުން އާންމުކޮށް ފެންނާނެހެން ބެހެއްޓުމެވެ.

ކޮމިޝަންގެ އޮފިޝަލު ވިދާޅުވި ގޮތުގައި ހިނދުކޮޅަކަށް ވެސް ހުއްޓާނުލައި ކެނޑިނޭޅި މަސައްކަތް ކުރަން އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުވެ މަސައްކަތް ބަރުވީ، ކޮންމެ ދިވެހި ރައްޔިތަކު ހުރި، ކޮންމެ ރަށެއްގައި ވޯޓްލެވޭނެ އިންތިޒާމް ހަމަޖައްސަން ގާނޫނުގައި ކަނޑައަޅާފައި އޮތުމުން ނުކުތް ނަތީޖާއެއްގެ ގޮތުންނެވެ.

ކޮމިޝަނަށް އޮތް ބުރައިގެ ހަގީގަތަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ބިލް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވުމާ ގުޅިގެން ދެވަނަ ފަހަރަށް މަޖިލީހުން އެ ބިލް އިސްލާހު ކުރުމަށްފަހު ކަނޑައެޅި އުސޫލްތަކެވެ. ހަގީގަތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭ ލޯކަލް ކައުންސިލް އިންތިބާގެ ގާނޫނު ވުޖޫދަށް އައިއިރުވެސް އެ އިސްލާހާ ގުޅިގެން ކޮމިޝަންގެ މަސައްކަތް ބުރަވެ އެއިން މައްސަލަތަކެއް ނުކުންނާނެ ކަމަށް އޭރުވެސް ލަފާ ކުރެވުނެވެ. އޭރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަޝްވަރާތައް ވެސް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކު ވިދާޅުވީ އެމީހަކު ހުރި ރަށެއްގައި ވޯޓް ލެވޭނެ އިންތިޒާމް ގާއިމު ކުރުމަށް ގާނޫނުން ކަނޑައަޅާފައިވަނީ ވޯޓް ލިބުމުގެ ހައްގު ކޮންމެ މީހަކަށް ލިބިދިނުމުގެ ބޭނުމުގައި ކަމަށާއި އެ ހައްގަށް އުނިކަން ގެނެވޭނެ އުސޫލެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް ކޮމިޝަނުން އޭރުވެސް މިހާރުވެސް ބުނަމުންދަނީ އިންތިހާބުތަކުގައި އެ މީހަކު ވަޒަންވެރިވެ އުޅޭ ތަން ނޫން އެހެން ތަނެއްގައި ވޯޓް ލެވޭނެ އިންތިޒާމް ގާއިމް ކުރުމަކީ އެއްވެސް ގައުމެއްގައި ތަޖުރިބާކޮށްފައިވާ ކަމެއް ނޫން ކަމަށާއި ރާއްޖެ އެކަން ތަޖުރިބާ ކުރަން ނުކުތުމުން އެއީ ބޮޑުވެގެންވާ ގޮންޖެހުމެއް ކަމަށެވެ. ބޯމަތިވެފައިވާ އިންތިހާބުގެ މަސައްކަތުގައި ކޮމިޝަން ތަޖުރިބާ ކުރަމުންދަނީ އެ ބުރެހެލިކަމެވެ. ނުނިދައި ހޭލައި ތިބެގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް