ސައުންޑްސް އޮފް މޯލްޑިވްސްގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ

ދިވެހި ފަންނާނުން ކުރިއެރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ދިވެހި ފަންނާނުން މެދުވެރިިކޮށް ރާއްޖެ އިސްތިހާރު ކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް"ގެ މިއަހަރުގެ މެއިން ސްޕޮންސާ އަކަށް، އެސްޓީއޯ ހަމަޖައްސައިފި އެވެ.

ސައުންޑްސް އޮފް މޯލްޑިވްސް މިއަހަރު އިންތިޒާމުކުރާ "ދިވެހި ރިކޯޑްސް"ގެ ސީއީއޯ އަދި މަޝްހޫރު ގިޓަރިސްޓް އަހުމަދު ފަސީހު (ފަސީ) "ސަން" އަށް ވިދާޅުވީ، ސައުންޑްސް އޮފް މޯލްޑިވްސް އިން މިހާތަނަށް ބޭއްވި ހުރިހާ ޝޯ އަކަށް ވެސް އެސްޓީއޯ ގެ އެހީތެރިކަން އެކި ގޮތްގޮތުން ލިބުނު ކަމަށެވެ.

"ރާއްޖޭގެ ފަންނާނުން ކުރިއެރުވުމަށް އެސްޓީއޯ އިން މެދުނުކެނޑި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯ އަށް ޝުކުރު އަދާކުރަން. އަދި އެސްޓީއޯގެ ސަޕޯޓާއެކު ރާއްޖޭގެ އާޓްސް ދާއިރާއިން އިތުރު ކުރިއެރުންތަކެއް ފެނިގެންދާނެ،" ފަސީ ވިދާޅުވި އެވެ.

މިއީ ސައުންޑްސް އޮފް މޯލްޑިވްސްގެ މެއިން ސްޕޮންސާއަކަށް އެސްޓީއޯ ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ، ބެންގަލޫރުގެ ޔޫބީ ސިޓީ މޯލުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސްގެ މިއަހަރުގެ ޝޯގެ ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ. އަދި ޓްރެވެލް ޕާޓްނާއެއްގެ ގޮތުގައި ސްރީލަންކަން އެއާލައިން ހަމަޖައްސާފައިވާއިރު، އޮންލައިން ޓިކެޓިން ޕާޓްނަރަކީ ބުކްމައިޝޯ އެވެ.

ދިވެހި ރިކޯޑްސް އިން ބުނީ، ކޮންމެ ޝޯއެއް ވެސް ކާމިޔާބު ކަމާއެކު ނިންމާލެވެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެއްބާރުލުމާ އެކުގައި ކަމަށެވެ. އެގޮތުން މިއަހަރުގެ ޝޯއަށް ވެސް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެ ފަރާތުން ފާހަގަކުރެ އެވެ.

ދިވެހި ރިކޯޑްސްގެ ފަރާތުން ބެންގަލޫރުގައި ބާއްވާ ފަސް ވަނަ ސައުންޑް އޮފް މޯލްޑިވްސް ޝޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު