"ހެޕީ ނިއު އިޔަރ" ރިކޯޑް މުގުރާލައިފި

ބޮލީވުޑްގެ "ކިންގް" ޝާހުރުކް ޚާން އެކްޓްކޮށް މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ޑައިރެކްޓް ކޮށް އަލަށް ރިލީޒްކުރި ފިލްމް "ހެޕީ ނިއު އިޔަރ" އެޅުވި ފުރަތަމަ ދުވަހު ވެސް ބޮލީވުޑްގެ ރިކޯޑްތައް މުގުރާލައިފި އެވެ.

އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން 44.97 ކްރޯޑް އިންޑިއަން ރުޕީސް މި ފިލްމަށް ފުރަތަމަ ދުވަހުވެސް ވަނީ ލިބިފަ އެވެ. މިއީ ބޮލީވުޑްގެ ތާރީހުގައި ވެސް އެއްދުވަހުން މިހާބޮޑު ކާމިޔާބީއެއް ހާސިލް ކުރި ފުރަތަމަ ފިލްމެވެ.

ފިލްމުތަކަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި "ހެޕީ ނިއު އިޔަރ" އަކީ "އެވެރެޖް" ފިލްމެކެވެ. ނަމަވެސް ޝާހުގެ މަގްބޫލު ކަމާއި، ޑީޕިކާ-ޝާހުގެ ކެމިސްޓްރީ އާއި، އުފާވެރި މިއުޒިކާއި، އެހާމެ މޮޅެތި އަދި މަޝްހޫރު ބަތަލުން ތަކަކާއި އަދި ފިލްމުގެ ބޮޑު މާކެޓިން ސްޓްރަޓެޖީ ގެ ސަބަބުން ފިލްމަށް ފުރަތަމަ ދުވަހުވެސް މިހާ ބޯޑު ކާމިޔާބީއެއް ލިބުނީ އެވެ.

"ހެޕީ ނިއު އިޔާރ" އަކީ ހަ މީހުން ގުޅިގެން ޑައިމަންޑެއް ވަގަށް ނެގުމުގެ މަގުސަދުގައި އިންޓަނޭޝަނަލް ޑާންސް ކޮންޕެޓިޝަނެއް ގައި ބައިވެރިވެގެން ދިމާވާ އެކި ކަންތައްތައް ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގެ މަޝްހޫރު ތަރީންގެ ތެރޭގައި ޝާހު އާއި ދީޕިކާގެ އިތުރުން އަބީޝެކް ބަޗަން، ބޮމަން އިރާނީ، ސޯނޫ ސޫދް، ވިވަން ޝާހް އަދި ޖެކީ ޝްރޮފް ހިމެނެ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު