މައްޗަންގޮޅީ ދެކުނު ދާއިރާ ގަދަހިފުމަކަށް: ގޮނޑި ކާމިޔާބު ކުރާނީ ކާކު؟

މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވެސް މަޝްހޫރެވެ. އައިޝަތު ޝެރިން (އެމްޑީޕީ ޝެރިން) ވެސް މަޝްހޫރުކަން ކުޑައެއް ނޫނެވެ. އަދި އައްސަދު ޝަރީފަކީ ނަމުގެ ކުރިޔަށް "މަޝްހޫރު ފިލްމީ ބަތޮލު" ލާންޖެހޭ ފަރާތެކެވެ. އެކަމަކު ތިން ބޭފުޅުންގެ ތެރެއިން އެންމެ މަގުބޫލު ބޭފުޅަކީ ކޮބައިތޯ ސުވާލުކޮށްލަން މީ ރަނގަޅު ދަނޑިވަޅެކެވެ.

މި ސުވާލުގެ ޖަވާބުގެ ގޮތުގައި އެންމެ ގިނަ ބަޔެއްގެ ދުލަށް އަންނާނެ ނަމަކީ ސަރަނގު އާދަމް މަނިކު ކަމަށް ވުމަކީ އަކަށީގެންވާ ކަމަކެވެ. އެކަމަކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މި ތިން ބޭފުޅުން ވާދަ ކުރައްވާ މާލޭ ސިޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލް އިންތިހާބު ކާމިޔާބު ކުރައްވަން އާދަމް މަނިކަށް އެހާ ފަސޭހައެއް ނުވާނެ އެވެ. މުޅި އިންތިހާބު ވެގެން ދާނީ އާދަމް މަނިކުގެ ސިޔާސީ ހަޔާތުގައި މައްޗަށް ނެގޭ "އެސިޑް" ޓެސްޓަކެވެ.
މުޅި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން ވެސް އެންމެ ވާދަވެރިވާނެ ކަމަށް ބެލެވެނީ މައްޗަންގޮޅި ދެކުނު ދާއިރާގެ އިންތިހާބެވެ. ސަބަބުތައް ގިނަ އެވެ. ފުރަތަމަ ކަމަކީ އަމިއްލައަށް މައްޗަންގޮޅި ދެކުނު ދާއިރާއަށް ކުރިމަތިލެއްވީތީ އެމްޑީޕީން ވަކިކުރަން ނިންމާފައިވާ އެ ޕާޓީގެ މަޝްހޫރު އެކްޓިވިސްޓް ޝެރިންއާ އާދަމް މަނިކާ ވާދަކުރައްވަންޖެހި ވަޑައިގަތުމެވެ. މިހާރު ވެސް ޔަގީންވަނީ ޝެރިންގެ ފަހަތުގައި ވެސް އެމްޑީޕީގެ މެންބަރުން އުޅޭނެ ކަމެވެ.

ދެ ވަނަ ކަމަކީ އާދަމް މަނިކާ ވާދަކުރައްވަން އިދިކޮޅު ޑީއާރްޕީން މަޝްހޫރު ފިލްމީ ތަރި އައްސަދު ޝަރީފު ނުކުމެ ވަޑައިގަތުމެވެ. އައްސަދާ މެދު ވިސްނާލާއިރު ވަރަށް މުހިންމު ފެކްޓެއް ދިމާއަށް ފެންނަން އެބައޮތެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީ ދެކުނު ދާއިރާއަށް ވާދަކުރެއްވެވި 12 ބޭފުޅުންނާ ވާދަކުރައްވައި އައްސަދަށް އެ ދާއިރާއިން 600 އަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައިވުމެވެ. އެހެންކަމުން އެންމެ ތިން ބޭފުޅުންގެ މެދުގައި ބާއްވާ އިންތިހާބެއްގައި އައްސަދު އެއަށް ވުރެ ގިނަ ވޯޓު ހޯއްދަވާނެކަން ޔަގީނެވެ.

ފެންނާ ހުރި ހަގީގަތްތަކާއި ކެމްޕޭނާ އެކު ދާއިރާގެ "ޕޮޕިއުލާ ވޯޓް" ކޮންމެ ގޮތަކަށް މިހާރު އޮތް ނަމަވެސް އާދަމް މަނިކުގެ ހިޔާލު މިކަމާ މުޅިން ތަފާތެވެ. ފަސޭހަ ކަމާ އެކު ވިދާޅުވަނީ "ޗެލެންޖެއް ނެތް" ކަމަށެވެ.
"މާ ބޮޑު ޗެލެންޖެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު މި ނުކުންނަނީ އެންމެ ބޮޑު ޕާޓީގެ ފަރާތުން. އަޅުގަނޑު ކުރި ހިދުމަތްތައް ފެންނަން އެބަހުރި. އަޅުގަނޑުގެ އެބަ އޮތް ޕްލޭނެއް. ދެން ތިބި ކެންޑިޑޭޓުން އަދި ވެސް ނުދައްކާ ކޮށްދޭނެ ކަންކަމުގެ ވާހަކައެއް. ހައްތާވެސް އާދަމް މަނިކުގެ ވާހަކަ ދައްކަނީ،" އާދަމް މަނިކު ވިދާޅުވި އެވެ.
ވާދަވެރި ކެންޑިޑޭޓް، ޝެރިންއާ ބެހޭ ގޮތުން އާދަމް މަނިކު ވިދާޅުވީ އެއީ "އެކްޓިވިސްޓެއް" ކަމަށެވެ. އަދި ތަޖުރިބާ ނެތް، ރައްޔިތުންނަށް ކޮށްދެއްވެވި ކަމެއް ނުދެއްކެވޭނެ ބޭފުޅެއް ކަމަށެވެ.

ހަމަ އެހެންމެ އިދިކޮޅު ކެންޑީޑޭޓް އައްސަދާމެދު ވެސް އާދަމް މަނި ނަންގަވަނީ ވަރަށް ފަސޭހަކޮށެވެ. އައްސަދަށް ދެއްވާ ރައްދެއްގެ ގޮތުގައި އާދަމް މަނިކު ވިދާޅުވީ "މި ދާއިރާއަށް އަބްދުﷲ ކަމާލުއްދީން ވާދަ ކުރެއްވި ނަމަ މާ ރަނގަޅުވީސް" ކަމަށެވެ.

އާދަމް މަނިކަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ވަރަށް އަނެއް ދެ ކެންޑިޑޭޓުން ވެސް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ އުއްމީދު އާ ކުރައްވަ އެވެ.
ޝެރިން ވިދާޅުވީ އޭނާގެ ހިތްވަރަކީ ވެސް އަދި އުއްމީދަކީ ވެސް ނުފޫޒު ގަދަ އާދަމް މަނިކާ ވާދަ ކުރައްވަން ޖެހިވަޑައިގަތުމުން ލިބިވަޑައިގެންފައިވާ ހިތްވަރާއި އުންމީދު ކަމަށެވެ. އަދި އިންތިހާބު އޭނާއަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޭނާއަށް ވަރަށް ބޮޑު ކަމަށެވެ.

"އަޅުގަނޑަކީ މި ދާއިރާގެ މީހުންނަށް އެންމެ ގިނައިން ފެންނަ މީހާ. އަޅުގަނޑަކަށް ބޮޑެތި ޖަލްސާތަކާ އެއްޗެއްސެއް ނުބޭއްވޭ. އަޅުގަނޑު ޖަލްސާ ބާއްވަނީ ވެސް މަގުމަތީގައި. އަޅުގަނޑާއެކު މި ދާއިރާގެ ރައްޔިތުން ވެސް ބައިވެރިވޭ. އެކަން ރައްޔިތުން ދަންނާނެ،" ޝެރިން ވިދާޅުވި އެވެ.

ޝެރިންނަށް އެހާ ޔަގީންކަން ބޮޑު އިރު މާލޭ ތެރޭގައި ވަރަށް ތަފާތު އަޑުތައް އިވެ އެވެ. އެއީ އެމްޑީޕީގެ އިސް ވެރިންތަކެއް ޝެރިންގެ ފަހަތުގައި ތިއްބެވި ވާހަކަ އެވެ. ބޮޑެތި ވިޔަފާރިވެރިން ޝެރިންނަށް މާލީ އެހީދޭ ވާހަކަ އެވެ. އެކަމަކު ޝެރިން އެ ވާހަކަތައް ދޮގު ކުރައްވަ އެވެ.

މި ހަގީގަތް އާދަމް މަނިކަށް ވެސް އެނގިވަޑައިގަންނަވަ އެވެ. ނަމަވެސް އޭނާ ހަމައެކަނި ވިދާޅުވީ "ރައީސްއާ ދެކޮޅަށް އުޅޭ ފެކްޝަނެއް އޮންނާނެ، އަޅުގަނޑާ ދެކޮޅަށް މަސައްކަތް ކުރާ ފެކްޝަނެއް ވެސް އޮންނާނެ" ކަމަށެވެ.
މި ދެ ބޭފުޅުންގެ ވާހަކައަށް ވުރެ ވެސް ބޮޑަށް ފާހަގަ ކުރެވެނީ އައްސަދުގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ޝިނާންގެ ވާހަކަ އެވެ. ސަން އޮންލައިނާ ވާހަކަ ދެއްކެވުމަށް އުޒުރުވެރިވެވަޑައިގެންނެވި އައްސަދުގެ ފަރާތުން ކެމްޕެއިން މެނޭޖަރު ޝިނާން ވިދާޅުވީ "ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރާނީ އައްސަދު" ކަމަށެވެ. އަދި އެބޭފުޅުންގެ ދިރާސާއިން ދައްކާ ގޮތުގައި އައްސަދަށް މާ ބޮޑު ޗެލެންޖެއް ނެތްކަމަށެވެ. އެންމެ ބޮޑު ހައިރާންކަން ލިބޭ ވާހަކައަކީ އާދަމް މަނިކުގެ ބަދަލުގައި ޝެރިންނާ ޗެލެންޖު ކުރެއްވުމަށް އައްސަދުގެ މުޅި ކެމްޕެއިން ފޯކަސް ކޮށްފައިވާތީ އެވެ.
"އާދަމް މަނިކަކީ އަޅުގަނޑުމެންނަށް ޗެލެންޖެއް ނޫން. އަޅުގަނޑުމެންގެ ހުރިހާ ވެސް ފޯކަސްއެއް މިވަގުތު ހުރީ ޝެރިންނަށް. އެއީ މިފަހަރު ކަންތައްތައް ވަމުންދާ ގޮތުން. ހުރިހާ ކޮންސެންޓްރޭޝަނެއް ވެސް ހުރީ ޝެރިން ބަލި ކުރުމަށް،" ޝިނާން ވިދާޅުވި އެވެ.

ކޮންމެއަކަސް ކެމްޕެއިނުގެ ކަންތައް މިހާ ހިސާބަށް ގޮސްފައިވާއިރު ޝެރިންނާއި އައްސަދުގެ ކަންބޮޑުވުމެއް ވެސް އެބަ އޮތެވެ. އެއީ މާލޭ މުނިސިޕަލްޓީގެ ރައީސްގެ މަގާމުގެ ނުފޫޒު އާދަމް މަނިކު ބޭނުން ކުރައްވާ ކަމުގެ ވާހަކަ އާއި ތުހުމަތެވެ.

ޝިނާން ވިދާޅުވީ މަގާމުގައި ހުންނަވައި އާދަމް މަނިކު ކެމްޕެއިނަށް ނުކުމެވަޑައިގަތުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށެވެ. އަދި ދެކިވަޑައިގަންނަވާ ގޮތުގައި އެފަދަ ކަމެއް ނުކުރެއްވެވި ނަމަވެސް އެ މަގާމުގައި ހުންނަވައިގެން އާދަމް މަނިކު ހަމައެކަނި ވާދަ ކުރެއްވުމަކީ ވެސް ނުފޫޒު ފޯރުވުމެކެވެ.

ޝެރިން ވެސް ވިދާޅުވީ ހަމަ އެގޮތަށެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެމްޑީޕީން އޭނާ ވަކި ކުރީ ވެސް އާދަމް މަނިކުގެ ނުފޫޒުންނެވެ. އެކަމަކު އާދަމް މަނިކު އެ ހުރިހާ ކަމެއް ދޮގު ކުރައްވަ އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ކައުންސިލަރުން މަގާމުން އިސްތިއުފާ ދީފައި ވާދަ ކުރެވޭ ގޮތަށް ހަދާފައި މުނިސިޕަލްޓީގެ ރައީސަށް މަގާމުގައި ހުރެވޭ ގޮތް ހެދީ މަޖިލީހަކަށް ނޭނގިއެއް ނޫން. އެހެންވީމަ އަޅުގަނޑަށް ވާދަ ކުރެވޭނެ. އަޅުގަނޑު އެއްވެސް ނުފޫޒެއް ފޯރުވަނީކީ ވެސް ނޫން،" އާދަމް މަނިކު ވިދާޅުވި އެވެ.

ކޮންމެއަކަސް އިންތިހާބުގެ ފަހު ބަސް ބުނާނީ ރައްޔިތުންނެވެ. ވޯޓު ދޭންވީ މީހަކު އެނގޭނީ ރައްޔިތުންނަށެވެ. އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ކެންޑިޑޭޓުންނަށް އޮތް ނަމަވެސް ނަތީޖާ އެނގޭނީ އިންތިހާބު ނިމުމުންނެވެ. ފަހުބަސް ބުނުމުގެ ކުރިން ވެސް އެނގޭ އެއްޗަކީ މުޅި އިންތިހާބަށް ބެލި ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ވެގެންދާނީ ގަދަހިފުމަކަށް ކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް