މުޅިދުވަސް ޚަރާބުވުކުރުވާ ނުރަނގަޅު އާދަތައް

ހެނދުނުގެ ވަގުތަކީ މުޅިދުވަހުގެވެސް އެންމެ މުހިންމު ވަގުތެވެ. ސަބަބަކީ އެވަގުތު ކުރިމަތިވާ ގޮތަކުން އެކަމުގެ އަސަރު މުޅިދުވަހަށްވެސް ދެމިގެންދާތީއެވެ. އެގޮތުން ފައިދާ ހުރި ގޮތަކަށް ދުވަސް ފެށިއްޖެ ނަމަ މޫޑު ރަނގަޅު ދުވަހަކަށް ވެގެންދާ ފަދައިން މޫޑް ގޯސްކޮށް ދުވަސް ފެށިއްޖެ ކަމުގައިވާނަމަ އެދުވަސް ދާނީ ޚަރާބުވެގެންނެވެ. އެގޮތުން ހެނދުނު ގަޑީގައި އާންމުކޮށް ކުރެވޭ ނުރަނގަޅު ކަންތައްތަކަށް މިތާގައި ބަލައިލާނަމަވެ. މީގެ ތެރެއިން ވަރަށް ގިނަ ކަންކަމުގެ ސަބަބުން ދުވަހުގެ ބާކީ އޮތްބައި ޚަރާބުވެގެންދެ އެވެ.

ކުއްލިއަކަށް ތެދުވުން

ނިދިން ހޭލުމަށް ފަހު ކުއްލި އަކަށް އެނދުން ތެދުވެ މަސައްކަތްތައް ފަށައިގަތުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. މިގޮތަށް ތެދުވުމަކީ ސިއްޙީގޮތުންވެސް ރަނގަޅުކަމެއް ނޫނެވެ. އެއާ ޚިލާފަށް ލަސްލަހުން ތެދުވެ ހަށިގަނޑު ހަމަޔަކަށް އެޅުމަށް ވަގުތު ދޭށެވެ. ހެނދުނު ހޭލާއިރު ހަށިގަނޑުގެ މަސްތައް ހުންނާނީ ހަރުވެފަ އެވެ. އެހެންކަމުން އެނދުން ކުއްލިއަކަށް ތެދުވުމުގެ ބަދަލުގައި މަޑުމަޑުން ތެދުވެ މޯޅިއަކަށް ދެމިލައިމަޑުމަޑުން ހަށިގަނޑު ހޭލުމަށް ވަގުތު ދޭށެވެ. ހިތްފަސޭހަ އުފާވެރި ދުވަހެއްގެ ފެށުމަކީ ފަތިހާ ތެދުވެ ފަތިސް ނަމާދު އަދާކުރުން ކަމަށް ވެއްޖެ ނަމަ އެންމެ މުހިންމު ބައި އެ އޮތީ ފުރިހަމަ ވެފަ އެވެ. އެޔާ ގުޅިގެން ދެން ހުރިބައިތައް އަންނާނީ އުފާވެރިކަމާ އެކީގަ އެވެ.

ސިނގިރޭޓް ބުއިން

ދުންފަތަށް ދެވިހިފާފައި ތިބޭލެއް ބޮޑުކަމުން ހެނދުނު ހޭލުމަށްފަހު ބައެއް މީހުންނަށް އެންމެ ފުރަތަމަވެސް ބަލައިލެވެނީ ސިނގިރޭޓްފޮށި ކޮބައިތޯއެވެ. ގިނައިރުތަކެއް ވާންދެން ހަށިގަނޑުގެ ތެރެއަށް އެއްވެސް އެއްޗެއް ވާސިލުނުވެ ހުރުމުގެ ސަބަބުން، ނިދިން ހޭލާ ވަގުތު ހަށިގަނޑުތެރެ ހުންނާނީ ހިކިފައެވެ. ވުމާއެކު އެންމެ ފުރަތަމަ ހަށިގަނޑު ތެރެއަށް ފޯރުކޮށްދޭ އެއްޗަކީ ސިނގިރޭޓްގެ ދުން ނުވަތަ ކަޅުކޮފީ ކަމުގައި ހެދުމަކީ ވަރަށް ގެއްލުން ހުރި ކަމެކެވެ. މީގެ ސަބަބުން މީހާގެ މޫޑު ގޯސްވެގެން ދިއުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އެތެރެ ހަށީގަ އާއި ސިކުނޑީގައި ނުތަނަވަސްކަން އުފައްދާނެ އެވެ.

ކޮފީ ބުއިން

ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ އަރުތެރެ ތެތްމާލާ އެއްޗެއް ކަމުގައި ކޮފީ އިޚުތިޔާރުކުރުމަކީވެސް ބުއްދިވެރި ކަމެއް ނޫނެވެ. ސަބަބަކީ ކޮފީގައި އެސިޑްގެ ބާވަތްތައް ހިމެނޭތީ އެވެ. ހަށިގަނޑަށް އެވަގުތު އެންމެ ބޭނުންވާނީ އަލްކަލައިން ހިމެނޭ ބާވަތެއްގެ އެއްޗެއް ކަމުގައިވާތީއެވެ. އެގޮތުން ދުވަސް ފެށުމުގެ ގޮތުން އެންމެ ރަނގަޅީ ފެންފޮދެއް ބޮއިލުމެވެ. ނުވަތަ ލުނބޯފެން ފަދަ އެއްޗެއްޚިޔާރުކުރެވިދާނެއެވެ. އަދި އެއާ އެކު ކަޅުސައިތައްޓަކުން ދުވަސް ފެށިދާނެއެވެ.

ހުސްބަނޑަށްހުރެ ދުވަހުގެ މަސައްކަތަށް ނުކުތުން

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި ހުންނަ ގޮތުން، ހެނދުނު ހެނދުނާ ހޭލައިގެން މަސައްކަތުގައި މަސްއޫލުވުމުގެ ކުރީން ކެއުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންނަމަވެސް ހިނގާލުމަށް، ޖިމަށް ނުވަތަ ކިޔަވަން ދާކަމުގައި ވާނަމަ ނުވަތަ ވަޒީފާގެ މަސައްކަތަށް ނުކުންނަ ނަމަ، ހުސްބަނޑާ އެކު ދިޔުމަކީ މުޅި ދުވަހަށްވެސް އެކަމުގެ ނުބައި އަސަރުކުރާނޭ ކަމެކެވެ. ހެނދުނު ތެދުވެ ކަސްރަތުކުރުން ފަދަ ކަމެއް ކުރާ ނަމަ ލުއި ނާސްތާއެއް ނެގުން މުހިންމެވެ. އަދި ވަޒީފާގެ މަސައްކަތަށް ނުވަތަ އެނޫން ބުރަ މަސައްކަތަށް ނުކުންނަ ނަމަ ރަނގަޅަށް ނާސްތާ ކުރުން ވަރަށް މުހިންމެވެ. އެހެން ނޫން ނަމަ ހައިބަނޑާ ހުރުމުގެ ސަބަބުން ސިއްހީ އެކިކަހަލަ މައްސަލަތައް ކުރިމަތިވެ، މީހާ އަށް ނުތަނަވަސްކަން ކުރިމަތިވުން އޮންނާނީ ވަރަށް ގާތުގަ އެވެ.

ދުވަހުގެ ތާވަލު ރާވައިލުން

ކޮންމެ ދުވަހެއްގެ ހެނދުނު އެދުވަހުގެ ތާވަލު ރާވައިލުމުގެ އާދަ ގެންގުޅުއްވާށެވެ. އެހެން ނޫން ނަމަ އެދުވަސް ކުރިޔަށް ދާނީ އެއްވެސް ރޭވުންތެރިކަމެއް ނެތިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފިކުރުބޮޑުވެ ބޮލަށް އުނދަގޫވާ ޒާތުގެ ކަންކަމާ ކުރިމަތިލާން ޖެހުން އޮންނާނީ ވަރަށް ކައިރީގަ އެވެ. ކުރިޔާލައި ކަންކަން ރާވައިލުމުން ކަންކަން ދާނީ ވަރަށް އަމާން އޮމާންކަމާއުފާވެރިކަމާ އެކީގަ އެވެ. ނުވިސްނައި ހުއްޓައި ތިމާ ކުރިމަތިލާން ޖެހޭ ކުއްލި ކަންކަން އައުމުގެ ފުރުސަތު ކުޑަ ވާނެ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު