ފިލްމީ ދާއިރާގައި ނިއުމާ މަސައްކަތްކުރާތާ 20 އަހަރު ފުރުން ފާހަގަކޮށްފި

ދިވެހި ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު އަންހެން ތަރި ނިއުމާ މުހައްމަދު އެ ދާއިރާގައި މަަސައްކަތް ކުރަމުން އަންނަތާ 20 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކޮށްފި އެވެ.

ނިއުމާގެ އުފަންދުވަހާ ގުޅުވައިގެން ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި އެ ހަފްލާގައި ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ވަނީ ބައިވެރިވެފަ އެވެ.
ނަސަންދުރާގައި ރޭ ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު މޫސާ


އެ ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ނިއުމާ އެ ދާއިރާ އަށް ނެރެދިން ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރު އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މަރިޔަމް ޝައުގީ އެވެ.

ރޭގެ އެ ހަފްލާގައި ނިއުމާ އެ ދާއިރާގައި ކޮށްފައިވާ މަސައްކަތްތައް ދައްކުވައިދޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ވެސް ވަނީ ހުށަހަޅައިދީފަ އެވެ. އެ ވީޑިއޯ ޕްރެސެންޓޭޝަންގައި ނިއުމާގެ މަސައްކަތާ ބެހޭ ގޮތުން އެ ދާއިރާގެ ފަންނާނުންނާއި ޑައިރެކްޓަރުން ބުނެފައި ވަނީ އޭނާ އަކީ ފިލްމީ ދާއިރާގައި ހިތްވަރުގަަދަ ކެރޭ ފިލްމީ ފަންނާނެއް ކަމަށާއި އޭނާގެ ކާމިޔާބީ ގުޅިފައި ވަނީ އޭނާ އެ ދާއިރާ ދެކެވާ ލޯތްބައި ބުރަ މަސައްކަތް ކަމަށެވެ.

ނިއުމާގެ ކެެރިއަރަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެ ހަފްލާގައި ނިއުމާ ވަނީ އޭނާގެ އަމިއްލަ ވީޑިއޯ ލަވަ ހިމެނޭ އަލްބަމެއް ރޭ ލޯންޗްކޮށްފަ އެވެ. އެ އަލްބަމްގެ ހުރިހާ ލަވައެއް ވެސް ދާއިރާގެ ކޮންމެ ވެސް ފިރިހެން ފަންނާނަކާ އެކު ނިއުމާ ކުޅުމަށް ހަމަޖެހިފައިވާ އިރު ނިއުމާ ބުނީ އެ އަލްބަމްގެ މަސައްކަތް ނިމި އާއްމުންނާ ހަމައަށް އަންނަ އަހަރުގެ މެދެއްހާ ތަނުގައި ގެނެސްދެވޭނެ ކަމަށެވެ.
ނަސަންދުރާގައި ރޭ ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު މޫސާ


ރޭގެ ހަފްލާގައި ނިއުމާ ދެއްކި ވާހަކައިގައި އޭނާ ބުނީ އެކްޓްކުރުމުގެ ދާއިރާއާ ދުރަށްދާއިރު އޭނާ ބޭނުން ވަނީ މި ދާއިރާގައި ހުރި އެންމެ ކާމިޔާބު ތަރިީގެ މަގާމު ހޯދަން ކަމަށާއި އެކަންތައް މިހާރު އޭނާ އަށް ހާސިލުވެފައިވާ ކަމަށެވެ.
ނަސަންދުރާގައި ރޭ ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު މޫސާ

ކުރިން އެކްޓްކުރުމާ ދުރަށް ދާން ނިންމުމަށްފަހު ވެސް އެ ދާއިރާ އިން ފެންނަން ޖެހުނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި ދެން ވެސް ފިލްމީ ދާއިރާއާ ދުރަށް ދިޔަ ނަމަވެސް ކެމެރާގެ ފުރަގަހުގައި ހުރެ ދާއިރާ އަށް ހިދުމަތް ކުރުން މަތީގައި ދެމި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"އެކްޓްކުރުން ހުއްޓާލި ނަމަވެސް ޑައިރެކްޝަން ނުވަތަ ޕްރޮޑިއުސްކުރުމުގައި އުޅޭނަން،" ނިއުމާ ބުންޏެވެ.

މިހާތަނަށް އޭނާ ވަނީ ފިލްމީ ދާއިރާގައި 50 ފިލްމެއް ކުޅެ 1000 އަށް ވުރެ ގިނަ ވީޑިއޯ ލަވަ ކުޅެފަ އެވެ.

ނިއުމާ ފިލްމީ ދާއިރާ އިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިރު އޭނާ އަށް ވަނީ އާފަތިސް އެވޯޑުން ދިން ބެސްޓް ފާފާމެންސް އެވޯޑާއި މިއަދު ނޫހުގެ ފިލްމް ކްރްސްޓަލް އެވޯޑާއި ގައުމީ ފިލްމް އެވޯޑުން އެންމެ މޮޅު އެކްޓްރެސްގެ މަގާމު ލިބިފަ އެވެ. އަދި މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ފިލްމް އެވޯޑުން ޖެހިޖެހިގެން ތިން އަހަރު އެންމެ މޮޅު އެކްޓްރެސްގެ މަގާމު ލިބިފައިވާ އިރު އޭނާގެ މަސައްކަތް ބަލައިގަނެ ދިވެހި ސަރުކާރުން ވަނީ އޭނާ އަށް އާއްމު ހިތްވަރު ދިނުމުގެ އިނާމު ވެސް ދީފަ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު