އެންޑްރޮއިޑް އުފެއްދުމުގައި ޖާވާގެ ކޯޑްތައް ކޮޕީކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް

ސަން މައިކްރޯސިސްޓަމުން އުފައްދައި ތަރައްޤީކުރި ބާރުގަދަ ޕްރޮގްރާމިން ލެންގުއޭޖް، ޖާވާ ގެ މިހާރުގެ ޙައްޤުވެރިޔަކީ އޮރެކަލްއެވެ. އެއީ މިދިޔަ އަހަރު އެ ކުންފުނިން ސަން މައިކްރޯސިސްޓަމްސް ގަތުމާއި ގުޅިގެންނެވެ. އެހެންކަމުން އެއްވެސް ކުންފުންޏަކުން ޖާވާ ޕްރޮގްރާމިން ލޭންގުއޭޖްގެ ބޭނުން ހިފައި އެއިން ނަފާހޯދަން ބޭނުންނަމަ އޮރެކަލްގެ ކިބައިން ހުއްދަ ހޯދަންޖެހެއެވެ.

ނަމަވެސް ގޫގުލްއިން ވަނީ އެމީހުންގެ މޯބައިލްފޯނު އޮޕަރޭޓިން ސިސްޓަމްގައި އޮރެކަލް އިން ހުއްދަކޮށްފައިވާ އިމުގެ ބޭރުން ޖާވާގެ ބޭނުން ކޮށްފައެވެ. މިއީ އޮރެކަލް އިން ބުނާގޮތެވެ. އަދި މިކަމާއިގުޅިގެން އޮރެކަލްއިން ގޫގުލްއާއި ދެކޮޅަށް މިދިޔަ އަހަރު ހުށައެޅި ދަޢުވާ މިހާރުވެސް ކޯޓު މަރުޙަލާގައި ދަނީ ކުރިޔަށެވެ. އެ ދަޢުވާއަށް އިންކާރުކޮށް ގޫގުލް އިން އޭރު ބުނީ އޮރެކަލްއިން ހުށައަޅާފައިވާ ހެކިތަކަކީ އަސްލު ގެއްލޭގޮތަށް ބަދަލުކޮށް ބައެއް ބައިތައް އުނިކޮށްފައިވާ ތަކެތިކަމަށެވެ.

ދުވަސްކޮޅަކަށްފަހު މި ވާހަކަތަކުގެ އަޑު އަނެއްކާވެސް ގަދަވެގެން ގޮސްފައި މިވަނީ ކޮމްޕިއުޓަރ ލެންގުއޭޖް ސޯސް ކޯޑު ދިރާސާކުރާ ފަރާތެއް ކަމަށްވާ ފްލޮރިއަން މުލާ އޭނާގެ މިފަދަ ދިރާސާތަކަށް ޚާއްސަ ބްލޮގް 'ފޮސް )ފްރީ އެންޑް އޯޕަންސޯސް ސޮފްޓްވެއާ( ޕޭޓެންޓް' ގައި ގޫގުލް އެންޑްރޮއިޑާއި ޖާވާއާއި ހުރި ގުޅުންތައް ދިރާސާކޮށް، ހޯދާފައިވާ ހޯދުންތައް ހާމަކުރުމާއި ގުޅިގެންނެވެ.

އެ ހޯދުންތަކުގައި އޭނާ ބުނެފައިވާގޮތުގައި ޖާވާގައި ބޭނުންކޮށްފައިވާ 43 ކޯޑްފައިލް ވަނީ އޮރެކަލްއަށް އެނގުމަކާއި ނުލައި ކޮޕީކޮށް އެންޑްރޮއިޑުގައި ބޭނުންކޮށްފައެވެ. މިއިން އެއްވެސް ކޯޑް މޮޑިއުލެއް ޖާވާގެ ކޯޑް މޮޑިއުލްތަކާއި ކުޑަކޮށްވެސް ތަފާތުވެފައި ނުވާކަމަށްވެއެވެ. އަދި މިވަރުން ނިމުނީކީ ނޫނެވެ. މީގެ ތެރެއިން 37 ކޯޑް ފައިލްގެ ހެޑާގައި އެއީ އޮރެކަލްގެ ޒާތީ އަދި ފިކުރީ ޙައްޤެއް ކަމާއި އެ ކޯޑު ފައިލްތައް ޑިސްޓްރިބިއުޓްކޮށް، އެއްވެސް ސިފައެއްގައި ބަހައި ހަދައިގެން ނުވާނެކަމަށް ބުނެ ހިމަނާފައިވާ ޢިބާރާތްތައްވެސް ވަނީ ފެނިފައެވެ. މީގެ އިތުރުން އެންޑްރޮއިޑް ފްރޯޔޯ އާއި ހަނީކޮމްބް ގެ ސޯސް ކޯޑުގައި ވެސް ޖާވާ ދޭއް ގެ ސްޓޭންޑާޑް އެޑިޝަނުން ޑީކޮމްޕައިލްކޮށް އެޕާޗޭ އޯޕަންސޯސް ލައިސަންސްގެ ދަށުން ޢާންމުކޮށް ބަހާފައިވާ ހައެއްކަ ކޯޑްފައިލް ހިމެނޭކަމަަށް ވެއެވެ. ޑީކޮމްޕައިލް ކުރުމަކީ ކޮމްޕިއުޓަރުގައި ހިންގުމަށް ތައްޔާރުވެ ރެޑީގައި ހުންނަ ކޯޑް )އޮބްޖެކްޓް ކޯޑު( އިންސާނުންނަށް ފަސޭހައިން ދެނެގަނެވޭދަދަ ހައިލެވެލް ޕްރޮގްރާމިން ކޯޑަކަށް ބަދަލުކުރުމެވެ. ކޮންމެއަކަސް އޭނާގެ މި ހޯދުންތަކުގެ ކުރު ޙުލާސާއަކީ ގޫގުލް އިން އެންޑްރޮއިޑް އޯއެސް ލިޔެ ކޯޑުކުރުމުގައި އޮރެކަލްގެ ބަހެއް ނެތި ޖާވާ ކޯޑުތަކެއް ބޭނުންކޮށް އެ ކޯޑުތައް އޯފަން ސޯސް ލައިސަންސެއްގެ ދަށުން ޢާންމުކޮށް، ބަހާފައިވުމެވެ.
އައިސީޓީ ޙަބަރުފަތުރާ ވެބްސައިޓްތަކާއި ބްލޮގުތަކުގައި މިވާހަކަ ހޫނުކަމާއި އެކު ފެތުރިގެން ދިޔަލެއް ހަލުވިކަމުން އެންގެޖެޓްފަދަ މަޝްހޫރު ވެބްސައިޓްތަކުންވެސް މި ޙަބަރު ކަވަރުކޮށް 'ގޫގުލް އިން އޮރެކަލް އަށް އެނގުމަކާއި ނުލައި ޖާވާގެ ކޯޑުތައް ބޭނުންކޮށްފި' ކަމަށް ލިޔުނެވެ.

ނަމަވެސް އަސްލުގައި ކަން އޮތީ މުޅިން އެހެން ނޫންކަން މިހާރުވަނީ އެނގިފައެވެ. މިގޮތުން މުލާ ގެ ވާހަކަތަކާއި ގުޅިގެން މަޝްހޫރު ޓެކްނޮލޮޖީ ވެބްސައިޓްތައް ކަމަށްވާ ޒެޑްޑީނެޓާއި އާސްޓެކްނިކާއިން އެންޑްރޮއިޑުގެ ސޯސް ކޯޑާއި ކޮޕީކޮށްފައިވާކަމަށް ބުނާ ފައިލްތަކުގެ ޙަޤީޤަތް ވަނީ ބަލައިފައެވެ.

ޑެޑްޑީނެޓްގެ ފަރާތުން މި ތަކެތި ބަލައި ދިރާސާކުރި ތަޖުރިބާކާރު ކޯޑު އެނަލިސްޓް އަދި ސޮފްޓްވެއާ ޑިވެލޮޕާ އެޑް ބާނެޓް ވިދާޅުވެފައިވަނީ ފްރޯޔޯއާއި ހަނީކޮމްބުން ފެނުނުކަމަށް ބުނާ ހަތް ފައިލް )PolicyNodeImpl.java, AclEntryImpl.java, AclImpl.java, GroupImpl.java, OwnerImpl.java, PermissionImpl.java, އަދި PrincipalImpl.java ( ހިމެނެނީ އެންޑްރޮއިޑް ސޯސް ކޯޑުގެ ތަޙުލީލީ ބައިގެ ތެރޭގައިކަމަށެވެ.

މާނައަކީ އެ ކޯޑުތަކަކީ ހަމައެކަނި އެންޑްރޮއިޑް ގެ ކުޅަދާނަކަން ބަލައި، ގޫގުލް އިން ބޭނުންވާ ފެންވަރާއި ފަންވަރު އެންޑްރޮއިޑްގައި ހުރިތޯ ބެލުމަށް ބޭނުންކުރެވިފައިވާ ތަކެތި ކަމުގައިވުމެވެ އަދި މިފަދައިން އެއްވެސް އޯއެސް އެއްގައި އަދި ސޮފްޓްވެއާއެއްގައި ބޭނުންކުރާ ކޯޑުތަކަކީ ސޮފްޓްވެއާ އުފައްދައި ނިމި އާންމުކުރާއިރު އޯއެސް ނުވަތަ ސޮފްޓްވެއާގައި ހިމެނޭ އެއްޗަކަށްނުވާތީ ގޫގުލް އިންވެސް އެންޑްރޮއިޑާއި އެކު މިފައިލްތައް ބަހާފައެއް ނުވެއެވެ.

ކޮޕީ ކޮށްފައިވާކަމަށް ބުނާ އަނެއް 37 ފައިލްއަށް ބައްލަވާލައްވަމުން އެޑް ވިދާޅުވީ އެ ފައިލްތަކަކީ MMAPI.zip ގެ ނަމުގައި އެއްކޮށް ޒިޕްކުރެވި އާކައިވްކޮށްފައިވާ ފައިލްތަކެއްކަމަށާއި މި ފައިލްތައް ނިސްބަތްވަނީ އެންޑްރޮއިޑް ހިންގާ އާރމް ފަދަ އެކި ޗިޕްސެޓްތަކާއިގުޅޭ އޯޑިއޯ ޑްރައިވާތަކަށް ޚާއްސަކުރެވިފައިވާ ފޯލްޑާއަކަށް ކަމަށެވެ. އަދި މި ފައިލްތައްވެސް އެންޑްރޮއިޑްގެ ސޯސްކޯޑުގެ ގޫގުލް އިން ހިމަނާފައި ނުވާކަމަށާއި ޑިވެލޮޕަރުންނަށާއި އެނޫންފަރާތްތަކަށްވެސް ބަހާފައި ނުވާކަން ފާހަގަކުރައްވާފައިވެއެވެ.

ގޫގުލް ގެ އެންޑްރޮއިޑް ބިލްޑް ހިސްޓްރީވެސް މިވާހަކަތަކަށް ބާރުދެއެވެ. އެގޮތުން އެންޑްރޮއިޑްގެ ޓެސްޓް ވާޝަންގައި ބޭނުންކުރުމަށްފަހު ކޯޑު ޢާންމުކުރުމުގެ ކުރިން، އިހު މި ދެންނެވުނު ފައިލްތައް 'ސޯސްކޯޑާއި ގުޅުމެއް ނެތް' ތަކެތީގެ ގޮތުގައި ކަނޑައަޅައި އޮކްޓޯބަރު 10، 2010 ގަ އާއި ޖެނުއަރީ14، 2011 ގައި ސޯސް ކޯޑުން ވަނީ އުނިކޮށްފައެވެ.

ކަން މިހެން އޮތަސް މީގެ މާނައަކީ އޮރެކަލް އިން ކުރާ ދަޢުވާއިން ގޫގުލް ބަރީއަވުމެއް ނޫނެވެ. ސަބަބަކީ އެޕާޗޭ ލައިސަންސްގެ ދަށުން ކޯޑުތައް ޢާންމުކޮށް ބަހާފައި ނުވިޔަސް، ޖާވާގެ ބޭނުން އޮރެކަލް އިން ރުހޭ މިންގަނޑުތަކާއި ޙިލާފަށް ކޮށްފައިވުމެވެ. މިފަހަރުގެ މި ހޯދުންތަކުންވެސް ގޫގުލްއަށް ޖަވާބުދޭން ދަތި ކިތަންމެ ސުވާލެއް އޮރެކަލްއިން ކުރިމަތިކުރުވާނެކަމަށް ބެލެވިފައިވާއިރު. މި ޙާދިސާ އަކީ ކޮޕީރައިޓާއި ފިކުރީ ޙައްޤުތަކުގެ ނާޒުކުކަން ވިސްނައިލުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ސިނާޢަތުގެ ގިނަ ފަރާތްތަކަކުން ޤަބޫލުކުރެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު