ފިތްކަނޑައިގެން ހިނގައްޖެ!

"މިއީ، މިއަހަރު ކުރީކޮޅުގެ ވާހަކައެއް." ވާހަކަ ފަށަމުން އޭނާ ބުނެލިއެވެ. އޭނާ އެ ހާދިސާ ކިޔައިދޭންފެށިއެވެ. އަޑުއަހަން އިންއިރު، އެތައް ފަހަރަކު ގައިން ހީބިހި ނަގައިގަތެވެ. ހިތަށް ބިރުވެރިކަން ވަނެވެ. ތިން ހަތަރު ފަހަރު، އެއީ ހަމަ ދިވެއްސެއްތޯ ވެސް އަހައިލެވުނެވެ. އޭނާ އާއެކޭ ބުނެ ތަކުރާރު ކުރިއެވެ. އެހޭނެތާއެވެ. މިއީ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. ﷲ އާއި ރަސޫލާ ގަބޫލުކޮށް، ކީރިތި ޤުރުއާނަކީ، ހަތްއުޑު މަތިން ﷲ ތަޢާލާ ބާވައިލެއްވި ކަލާންފުޅުކަން ހިތުގެ އަޑިން ޔަޤީންކޮށްެގެން އުޅެފައިވާ ކާބަފައިންގެ ތެރެއިން ދުނިޔެއަށް ނޭވާލައިގެން އުޅެމުން އަންނަ ޖީލެކެވެ. އެ ދަރަޖައަށް ވެއްޓުނީމާ، ދެން ދައިގަނެވޭނީ ޝަހާދަތް އިިނގިލީގައެވެ. ބުނެވޭން އޮތީ ސުބުޙާނަﷲ އެވެ!

ފަށަމުންވެސް ބުނިހެން އެއީ މީގެ ދުވަސްކޮޅެއް ކުރިއެވެ. ވަގުތަކީ އިރުއޮއްސުނު ވަގުތެވެ. ތަނަކީ މާލޭގެ ހުކުރުމިސްކިތެވެ. މަޣުރިބު ނަމާދަށް ބަންގި ގޮވައިފިއެވެ. ސުންނަތްކޮށް ނިމިއްޖެއެވެ. ނަމާދަކަށް ނުފަށައެވެެ. މިސްކިތުތެރޭގައި ވަނީ ހަނުހިމޭންކަމެވެ. އެނބުރެމުން ދިޔަ ފަންކާތަކުން ވައިކަފާ އަޑު ފިޔަވައި، އިތުރު އަޑެއްބަޑެއް މިސްކިތު ތެރެއަކު ނެތެވެ.

"އޭނާ ހިފަހައްޓާ!"ކުއްލި ސިހުމެއް ލިބުނީ މިސްކިތުގެ ތެރެއިން މީހެއްގެ އަޑު އިވިފައެވެ.
އަޑު އައި ދިމާއަށް އަވަސް އަވަހަށް ބަލައިލެވުނެވެ. ފެނުނީ ހައިރާންވާ ފަދަ މަންޒަރެކެވެ. ޒުވާން ފުރައިގެ ސޮރަކު ޒިބުއަޅުވަމުން މިހުރާބު ގޭތެރެއިން ނިކުމެގެން އަންނަތަނެވެ. އޭނާ ހިފަހައްޓާށޭ އެ ގޮވައިލީ، މިސްކިތަށް ނަމާދަށް އަރައި އިން މީހެކެވެ.

"އޭނަ އެ އަންނަނީ މިހުރާބުގެއަށް ހީސްލާފަ." އެމީހާ އިތުރުކޮށްލިއެވެ. އެ ތަނުގައި އިން އެހެން މީހަކު އެވަގުތު އަވަސް އަވަހަށް އޭނާގެގައިގައި ހިފެހެއްޓުމަށް އަތް ހޫރާލިއެވެ. ހިފުނީ އޭނާގެ ގަމީހުގެ ގިރުވާނުގައެވެ. އެެއާއެކު އެ ސޮރު މިސްކިތުގެ ތެރެއަށް ވެއްޓި ޖެހިއްޖެއެވެ. އެހައިތަނުން އޭނާ ހިފަހައްޓައިފިއެވެ. އެއްބަޔަކު ގޮސް މިހުރާބުގެ ބެލިއިރު، ކަމަކުދާކަށް ނެތެވެ. މުޅި އެތަންވަނީ ޚަރާބުވެފައެވެ. ހީސްލާ ފޯކޮށްފައެވެ.

ފުލުހުން އައީ އިރުކޮޅެއް ފަހުންނެވެ. ފުލުހުން ބުނީއެއީ ހަމަނުޖެހޭ ސޮރެއް ކަމަށެވެ. އެހެންނަމަވެސް ފުލުހުން ދިޔައީ އޭނާ ގޮވައިގެންނެވެ. މިސްކިތުގެ އިމާމް ބުނީ، ތިމަންނަ ހީކުރީ މައިކު ރަނގަޅު ކުރަން އެތަނަށް ވަދެގެން އުޅޭ ސޮރެއް ކަމަށެވެ. އެހެންވެ އޭނާ ވެސް އެކަމާ އެހައިބޮޑަށް އަޅައިނުލީއެވެ. ކޮންމެއަކަސް ފުލުހުން ދިޔުމުން، މިސްކިތް ސާފުކޮށްގެން އެރޭގެ ނަމާދު އަދާކުރީއެވެ.

އޭގެ ހަފުތާއެއްހައި ދުވަސް ފަހެވެ. ހަމަ ހުކުރުމިސްކިތެވެ. ޖަމާޢަތުގައި ނަމާދު ކުރެވެމުން ދަނީއެވެ. ކުއްލިއަކަށް މިސްކިތުގެ ތެރެއިން އިވޭންފެށީ ނގއަނބުރާ އަޑެވެ. ފުރަތަމަ އެ އަޑު ކަންފަތުގައި ޖެހުނު ވަގުތު ހީކުރެވުނީ، ބޭރުން އިވުނު އަޑެއްކަމަށެވެ. އެހެންނަމަވެސް އެ އަޑު ތަކުރާރުވަމުން ދާތީ، އެއީ މިސްކިތުތެރެއިން އިވޭ އަޑެއްކަން ކަށަވަރު ވެއްޖެއެވެ. އަޑު އަނަންނީ ފަހަތުންނެވެ. އޭރު ނަމާދު ވެސް ނިމެނީއެވެ.

ސަލާންދިނުމާއެކު އެންމެންނަށް އެއް ފަހަރާ ކަހަލަ ގޮތަކަށް ފަހަތަށް ބަލައިލެވުނީ ފަހަތަށެވެ. ފެނުނީ އެއްކަލަ ސޮރެވެ. މީސްމީހުންގެ ބޯމަތިން، ކޮނޑުމަތިން ކަހަލަ ގޮތަކަށް ކުރިއަށް އަންނަތަނެވެ. އެވަގުތު ފަހަތުގައި އިން މީހަކު ބުނި އަޑު އިވުނެވެ. އޭނާ އެ ދަނީ ޚަތިމުތަކަށް ހީސްލާފައެވެ.

ވަގުތުން އެއްބަޔަކު އޭނާ ހިފަހައްޓައިފިއެވެ. އެއަށްފަހު ގޮސް ޚަތިމުތައް ލާފައި ހުރި ކަބަޑު ހުޅުވާލިއިރު.... ސުބުޙާނަﷲ! މުޅި ކަބަޑުތެރެއަށް ވަނީ ހީސްލާފައެވެ. ޚަތިމުތަކާއެކުގައެވެ. ބިރުން ފިތްކަނޑައިގެން ދާހައެއް ނުވޭހެއްޔެވެ؟ އެހައިތަނުން ގިނަ މީހުންނަށް ޤަބޫލުކުރެވުނީ، އޭނާއަކީ ކުރީން ހީކުރެވުނު ފަދަ ސިކުނޑި ހަމަނުޖެހޭ މީހެއް ނޫންކަމެވެ. އެހެންނޫންނަމަ އޭނާ ކޮންމެ ފަހަރަކު މިސްކިތަށް އަރާ ހީސްލާންވީ ކީއްވެގެން ހެއްޔެވެ؟ ގަޔަށް ވެސް މަގުމައްޗަށް ވެސް ލާންވީ ނޫންހެއްޔެވެ؟ ފަހުން އެނގުނު ގޮތުގައި އޭނާއަކީ ޓުއަރގައިޑެކެވެ. ޗާނދަނީމަގު ފަތުރުވެރީންގެ ފިހާރަތައް ހުންނަ ސަރަޙައްދުން އޭނާ ފަހުން ދުވަހަކު ފެނުނުވެސް މެއެވެ. އެހައިތަނުން ޤަބޫލުކުރަން މަޖުބޫރުވީ، އެއީ ސިކުނޑީގެ އުނިކަމެއް ނެތް "މޮޔައެއް" ކަމެވެ.

ވިސްނައި ފިކުރުކޮށްބަލާށެވެ! މިހިރީ ކުދިކުދި ކަންކަމޭ ހީކޮށްގެން ބަޔަކު އުޅުނަސް، ކުދިކުދި ކަންކަންހެއްޔެވެ؟ އެއީ މިސްކިތެވެ. ﷲގެ ކަލާމްފުޅެވެ. އެ ތަންތަނަށާއި ތަކެއްޗަށް މިފަދަ ގޮތަކަށް ކަންތައްކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ބިރަކާމެދު ކުޑަކޮށް ވެސް ފިކުރުކޮށްލެވޭ މީހަކަށް، މިފަދަ އަމަލެއް ހިންގާކަށް ނުކެރޭނެއެވެ. އަތުވެދާނެ ކޯފާއެއް ނުވަތަ ދުނިޔެ މަތީގައި ވެސް ލިބިދާނެ ބޮޑު ގެއްލުމަކާމެދު ފިކުރު ކޮށްލެވޭ ނަމަ، ހަމަ ހިލާ މިފަދަ ކަމެއް ކުރާކަށް ނުކެރޭނެއެވެ. އީމާންކަމެއް، ﷲ އަށް ބިރުވެތިވުމެއް ކުޑަކޮށް ވެސް ނެތީއެވެ.

ބިރުގަންނަން އެބަ ޖެހެއެވެ. މިހިރީ މިއަދު ދިވެހީންގެ ތެރެއިން ބައެއް މީހުންގެ އުޅުން ގޮސްފައި ހުރި ހިސާބެވެ. މިއީ ތަރުބިއްޔަތުގެ މައްސަލައެވެ. ކުޑައިރު ރަނގަޅު ހަރުދަނާ އީމާންތެރިކަމެއް އަށަގަންނުވައި، ސާބިތުގެ ޢަޤީދާއެއްގެ މަތީގައި ހަރުލައްވައިގެން ދަރިފުޅު ބޮޑުކުރެވިއްޖެ ނަމަ، ކޮންމެ ފަދަ ނުފޫޒެއްއޭނާއަށް ކުރިމަތިވިޔަސް، ކޮންމެ ފަދަ ބަޔަކާއެކު އުޅެން ޖެހުނަސް، މީހާ ހުންނާނީ ތެދުމަގުގައެވެ. ﷲ އަށް ބިރުވެތިވާނެއެވެ. ހިތުހުރިހައި ކަމެއް ކުރާކަށް ނުކެރޭނެއެވެ. އާއެކެވެ! ކުނިއުކާ ގޮނޑެއްގައި ވަޅުޖަހައި ގެއްލި އޮތަސް، އެއަށް ވާރޭވެހި އަވިދިނަސް، މުތެއްގައި ދަބަރެއް ނުޖެހާނެއެވެ. މުތެއް ވާނީ ހަމަ މުތަކަށެވެ. އެހެންކަމުން "މުތެއްގެ" ސިފައިގައި ދަރިފުޅު ގެންގުޅެ ބޮޑުކުރެވޭތޯ ކޮންމެ މަންމައަކާއި ބައްޕައަކު ވެސް މިއަދު ޢަޒުމު ކަނޑައަޅަން އެބަޖެހެއެވެ. މިފަދަ ފާޙިޝް ޢަމަލުތަކުން މި ޖީލު ސަލާމަތް ކުރުމަށް ޓަކައެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް