ގޫގުލްގެ ސީއީއޯ އަކަށް ލެރީ ޕޭޖް

ގޫގުލްގެ މާލިމީކަމުން އެރިކް ޝްމިޓް ދުރަށް ޖެހިވަޑައިގެން، އައު ސީއީއޯ އަކަށް ލެރީ ޕޭޖް އައްޔަންކުރެއްވިކަން އެ ކުންފުނިން އިޢުލާނުކޮށްފިއެވެ. ގޫގުލް އިން މިކަން އިޢުލާނުކޮށްފައިވަނީ ކުންފުނީގެ ނިމިދިޔަ މާލީ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މަޢުލޫމާތުތައް ހާމަކުރުމުގެ ގޮތުން ނެރުނު ރަސްމީ ނޫސްބަޔާނުގައެވެ.

އެ ނޫސް ބަޔާނުގައި ވާގޮތުން ސީއީއޯ އެއްގެ ޙައިސިއްޔަތުން ކުންފުނީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓެވުމުގެ އިތުރުން ކުންފުނީގެ ޕްރޮޑަކްޓްތައް ތަރައްޤީކޮށް ކުރިއެރުވުމާއި ސްޓްރެޓީޖިކް ލެވެލްގެ ނިންމެވުންތަކުގެ ޒިންމާވެސް ނަންގަވާނީ ލެރީ ޕޭޖެވެ. ދެން އުފެދޭ ސުވާލަކީ އެރިކް ސްމިޓަށް ވާނީ ކިހިނެތްބާއެވެ؟ ގޫގުލް އިން ވަނީ މި ސުވާލުގެ ޖަވާބުވެސް ދީފައެވެ. ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައިވަނީ ސީއީއޯގެ މަޤާމުން އެރިކް ދުރަށް ވަޑައިގަތަސް ކުންފުންޏާއިއެކު ދެމިހުންނަވާނެކަމަށެވެ.

އެގޮތުން އެގްޒެކެޓިވް ޗެއާމަންއެއްގެ ޙައިސިއްޔަތުން ލެރީ ޕޭޖަށާއި ކޯ-ފައުންޑާ ސާގޭ ބްރިން އަށް ލަފާއަރުއްވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވާނެއެވެ. މީގެ އިތުރުން ފާޓްނަޝިޕް އެއްބަސްވުންތަކާއި، ކަސްޓަމަރުން އިތުރުކޮށް ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމާއި، ކުންފުނީގެ ފަރާތުން ސަރުކާރާއި ރަސްމީ ފަރާތްތަކާއި ބާއްވަންޖެހޭ ގުޅުންތަކުގެ މުގުލުގައިވެސް ހުންނަވާނީ އެރިކް ޝްމިޓް ކަން ވަނީ ހާމަކޮށްފައެވެ.

ކޯ-ފައުންޑަރެއްގެ މަޤާމުގައި ހުންނަވައިގެން ސާގޭ ބްރިންގެ މަސައްކަތްތައް ޚާއްސަކުރައްވާނީ ގޫގުލްގެ އައު އީޖާދުތަކާއި ޓެކްނޮލޮޖީތައް ތަރައްޤީކުރެއްވުމަށެވެ. އަދި ގޫގުލްގެ އިންޖިނިއަރިންގ ޓީމާއެކީ އެކި ފަންތިއާއި ގިންތިތަކުގެ އައު އުފެއްދުންތައް ތަރައްޤީކޮށް ބާޒާރަށް ނެރުއްވުމަށް ވަގުތުތައް ހުސްކުރައްވާނެކަމަށްވެއެވެ.

މި ބަދަލްތަކާއި އެކު ކުންފުނި ހިނގަން ފަށާނީ އެޕްރީލް ހަތަރަކުން ފެށިގެންނެވެ. މީގެ ކުރީގައި މި ތިންބޭފުޅުން ކުންފުނި ހިންގަވަމުން ގެންގޮސްފައިވަނީ ހުރިހައިކަމެއްގައިވެސް ތިން ބޭފުޅުންގެ ޝާމިލްވުން އެއްވަރެއްގައި ހިފަހައްޓަވައިގެންނެވެ. ކޮންމެ ކަމެއްގައިވެސް ބަސްބުނުމުމުގެ އިޚްތިޔާރާއި ބާރު ތިންބޭފުޅުންނަށްމެ އޮންނަނީ އެއްވަރަކަށެވެ. އަދި މިއީ ކުންފުންޏެއްގެ ގޮތުގައި ގޫގުލްއަށް ލިބިފައިވާ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމެއްގެ ގޮތުގައި ދިރާސާ ކުރާ ފަރާތްތަކާއި ޓެކް ވެބްސައިޓް ތަކުގެ އިތުރުން ޚުދު ޝްމިޓް ވެސް ޤަބޫލުކުރައްވައެވެ. ނަމަވެސް ވަކިވަކި ޚާއްސަ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ތިންބޭފުޅުންގެ މެދުގައި ބައްސަވާލައްވައި އަލައް މި އެކުލަވައިލެއްވި އޮނިގަނޑުގެ ސަބަބުން މިހާރު ބައެއްކަންކަމުގައި ގޮތެއް ނިންމުމުގައި ލަސްވާ ލަސްވުން އެއްފަރާތްކުރެވި ކޮންމެ ކަމެއްގައިވެސް ޒިންމާނަގަންޖެހޭ އެންމެ އިސްފަރާތެއް ކަނޑައެޅިފައި ވުމަކީ ކުންފުނި ހިންގުމަށް ލިބިގެންދާނެ ފަސޭހައެއްކަމަށް ސްމިޓް ވިދާޅުވިއެވެ.

ލެރީ ފޭޖް އާއި އެރިކް ޝްމިޓް އަދި ސާރގޭ ބްރިން އަކީ ގިނަދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ވަރަށް ގާތް ތިން ރަޙުމަތްތެރިން ކަމުގައި ސިފަކުރަށްވަމުން އެރިކް ޝްމިޓް އިތުރަށް ވިދާޅުވީ މިއީ ލެރީ ފޭޖް ކުންފުނީގެ ނަގާކިޔާ މީހެއްގެ ރޯލު އަދާކުރަން އެންމެ ރަނގަޅު ވަގުތުކަމުގައެވެ.
ގޫގުލްއިން ސާޗް އިންޖީނުގެ ވިޔަފާރި އެހެން ދާއިރާތަކަށް ފުޅާކޮށް، ސްމާޓްފޯނުތަކާއި މޯބައިލް އަދި ޓެބްލެޓް ކޮމްޕިއުޓަރުތަކަށް ޚާއްސަ އޮޕަރޭޓިން ސިސްޓަމާއި ވެބް ބްރައުޒާއެއް އުފައްދައި އޮންލައިން އެޕް ސްޓޯރއެއް ހިންގަންފަށާފައިވާއިރު ލެރީ ފޭޖްގެ މާލިމީކަމުގައި ގޫގުލްގެ ކުރިމަގު ބައްޓަންވެގެން އަންނާނޭގޮތް އެނގޭނީ އަދި ދުވަސްކޮޅަކުން ކަމަށް ދިރާސާކުރާ ގިނަ ފަރާތްތަކުން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު