އައިއޯއެސް 4.3 ގައި ސޯޝަލް މީޑިއާގެ ފަސޭހަތައް ހިމަނައި، ފޭސްބުކާއި ވާދައަށަ އެޕަލް ނުކުންނަނީ

އައިފޯނުގެ ކުރިއަށް ނުކުންނަން އޮތް އަދަދު 4.3 ގައި ފޮޓޯ ސްޓްރީމިން ގެ ނަމުގައި ސޯޝަލް މީޑީއާގެ ކުޅަދާނަކަން ލިބިދީފައިވާ ހިދުމަތްތެއް ހިމަނައިފާނެކަމުގެ ހެކިތައް ފެނިއްޖެއެވެ. މިގޮތުން އައިއޯއެސް 4.3 ގެ ޑިވެލޮޕާ ވާޝަންއަކުން ވަނީ މިކަމާއި ގުޅޭ ކޯޑު ރެފަރެންސްތައް ފެނިފައެވެ.

އެޕަލްއާއި ގުޅުންހުރި ޙަބަރުތައް ހޯދައި ދިރާސާކުރާ ވެބްސައިޓެއް ކަމަށްވާ ނައިންޓުފައިވް މެކް އިން ބުނާގޮތުން އައިއޯއެސް 4.3 ގެެ ފައިލް ސިސްޓަމުގެ ތެރޭގައި ފޮރުވާފައިވާ ފޯލްޑާތަކުގެ ތެރެއިން މީޑިއާ ސްޓްރީމިންގ އާއި ފޮޓޯ ސްޓްރީމިން ގެ ނަންދެވިފައިވާ ފޯލްޑާތައް ވަނީ ފެނިފައެވެ. އަދި މި ފޯލްޑާތަކުގައިވާ ކޯޑް ރެފަރެންސްތަކުން އެނގިފައިވާގޮތުގައި އައިއޯއެސް ގެ ދެން އަންނަ ޢަދަދުގައި، އައިފޯނު ބޭނުންކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ޑިޖިޓަލް ފޮޓޯ އަލްބަމްތައް ރަޙުމަތްތެރިންނާއި ޙިއްސާކޮށްލެވޭނޭ މަގު ވަނީ ފަހިކޮށްދީފަ އެވެ. އެޕަލްގެ ބެލެނިވެރިކަމުގެ ދަށުން ބަލަހައްޓައި ފޯރުކޮށްދެވޭނެކަމަށް ބެލެވޭ މި ޙިދުމަތުގައި ފޮޓޯތައް ރައްކާކުރެވިފައި ހުންނާނީ އެޕަލްގެ ޚާއްސަ ކްލައުޑް ކޮމްޕިއުޓިން ސްޓޯރޭޖެއްގައި ކަމަށްވެއެވެ.

މީގެ އިތުރުން ފޮޓޯ އަލްބަމްތައް ބޭނުންވާ ވަކި ބަޔަކަށް އެކަނި ފެންނާނޭތޮތް ހަދައިލެވުން ފަދަ ފީޗާތަކުގެ އެހީގައި ސޯޝަލް މީޑިއާގައި އަމިއްލަ މިނިވަންކަމުގެ އިންތަކާއި މިންތައް ކަނޑައަޅައިދިނުމުގެ ޤާބިލްކަންވެސް އައިއޯއެސްގައި ހިމަނާފައިވާކަން މި ހޯދުންތަކުން ވަނީ އެނގިފައެވެ.

މިވާހަކަ އަށް ބާރުދޭ ހެކިތަކެއް މަޝްހޫރު ޓެކް ވެބްސައިޓް ގިޒްމޯޑޯ އިންވެސް ވެސް ވަނީ ހާމަކޮށްފައެވެ. ގިޒްމޯޑޯގެ ފަރާތުން އައިއޯއެސް 4.3 ބީޓާ ޓެސްޓްކުރި ރޯސާ ގޮލިޖަން އަށް ވަނީ "ފޮޓޯ ސްޓްރީމް" މި ޢިބާރާތް ހިމެނޭ ގޮތްނޭނގޭ އެރާ މެސެޖެއް ފެނިފައެވެ.

އައިއޯއެސް ގެ ކުރިޔަށް އޮތް ޢަދަދާއިއެކު އިޖުތިމާޢީ ވެއްޓާއި ދިމާއަށް އެޕަލްއިން މިސްރާބުޖަހާފައިވާކަމުގެ ހެކިތަށް ފުރަތަމަ ފެނިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ގޮތުން 'ފައިންޑް މައި ފްރެންޑް' ގެ ނަމުން ނަންދެވިފައިވާ ފީޗާއަކާއި ތާޑް ޕާޓީ ޑިވެލޮފަރުންގެ އެޕްލިކޭޝަންތަކަށް 'އެއާޕްލޭ' ވީޑިއޯ ސަޕޯރޓްކުރާގޮތަށް އައިއޯއެސް ބައްޓަން ކޮށްފައިވާކަން ވަނީ އެނގިފައެވެ.

ނަމަވެސް މިއިން އެއްވެސް ފީޗާއެއް އައިއޯއެސް 4.3 ގައި ހިމެނިފައިވާކަން ނުވަތަ ނޫންކަންވެސް އެޕަލްއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ބައެއް ޓެކް ވެބްސައިޓްތަކުގައި ވާގޮތުން އެޕަލްގެ މަޤްސަދަކީ އައިޑިވައިސްތައް ބޭނުންކުރާ ފަރާރްތަށް އެޕަލްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ސޯޝަލް މީޑިއާ ޙިދުމަތްތަކަކުން ގުޅުވާލައި ފޭސްބުކް ފަދަ ސޯޝަލް ނެޓްވާކްތަކުން ނަގަމުންދާ ފައިދާގެ ރަހަ އަމިއްލައަށް ބަލައިލުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު