ޑރ. ހަސަންގެ އިންޓަވިއު:
ރައީސް ނަޝީދު އުޅުއްވަނީ ގަދަކަމުން މީހުންގެ ގައިގައި "ރީނދޫ" ކުލަ ޖައްސަވަން!

"ވަތަން އެދިގެން" 2008 ވަނަ އަހަރު ވެރިކަމަށް ގެނައި އިއްތިހާދު ރޫޅި، އެމްޑީޕީއާ އެކު ސަރުކާރު އުފައްދަން ބައިވެރިވެވަޑައިގެންނެވި ސިޔާސީ ލީޑަރުން ވަނީ އެމްޑީޕީގެ ރީނދޫ "ހިޔަނީ"ގެ ދަށު ނުވުމަށް ދުރަށް ވަޑައިގެންފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރުގެ މަގާމުން، ސަރުކާރަށް 100 ދުވަސް ފުރުނު އިރު އިސްތިއުފާދެއްވި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދެވެ. އެދުވަހަށް ފަހު ގައުމީ ޕާޓީން ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ ސަރުކާރާ ދެކޮޅަށެވެ. އެއީ ސަރުކާރު ޒިންމާދާރުކުރުވުމަށް ކަމަށް އެޕާޓީން ބުނާއިރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޖެހޭ ފެންވަރަށް ގައުމީ ޕާޓީ އަށް މަސައްކަތް ނުކުރެވޭ ކަމުގެ ތުހުމަތުތައް ވެސް ދަނީ ގިނަވަމުންނެވެ.

ތިރީގައި މިވަނީ ޑރ. ހަސަން މިދިޔަ އަންގާރަ ދުވަހު ސަން އޮންލައިންގެ ހައްވާ ލުބްނާ ދެއްވާފައިވާ ޚާއްސަ އިންޓަވިއުއެއްގެ މުހިންމު ބައިތަކެކެވެ.

ގައުމީ ޕާޓީއަކީ އިދިކޮޅު ޕާޓީއަކަށް ބަލާއިރު ވަރަށް "ސައިލެންޓް"، ޒިންމާ އަދާނުކުރެވޭ ޕާޓީއެއް ގޮތުގައި މީހުން ސިފަކުރޭ. ކީކޭތޯ ވިދާޅުވާނީ އެކަމަށް؟

ޖ. މި ސަރުކާރު ޒިންމާދާރު ކުރުވުމުގެ ގޮތުން މަޖިލީހަށް [ގައުމީ ޕާޓީން] ހުށަހެޅި ވަރަށް ގިނަ އަދަދެއްގެ ބިލުތަކެއް ވަނީ ފާސްވެފައި. ހަމައެކަނި ޒިންމާދާރުކުރުވުމުގެ އިތުރަށް ރައްޔިތުންނަށް އޭގެ ފައިދާ އާއި މަންފާ އާއި ލާބަ ލިބޭ ގިނަ ބިލުތަކެއް ވަނީ ފާސްވެފައި. މިސާލަކަށް ނުކުޅެދޭ މީހުންނަށް މިއަދު އެލިބެންޖެހޭ ޚިދުމަތްތަކާއި އިނާޔަތްތަކަކީ މި ޕާޓީން އިސް ނަގައިގެން ހުށަހަޅައިގެން ފާސްވި ބިލެއް. ފަތުރުވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެލްތު އިންޝުއަރެންސް ތައާރަފްކުރުމަކީ އަޅުގަނޑުމެން ހުށަހަޅައިފައި އޮތް ބިލެއް. އަދި މިހާރު އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ސިވިލް ސާވަންޓުންގެ ވަޒީފާ ސަރުކާރުން ހިތު ހުރި ގޮތަކަށް ބަދަލުކުރަމުން އެބަދޭ. ކުންފުނިތައް ހިތުހުރި ގޮތަކަށް އުފައްދައިފައި ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތައް ކުރަމުން އެބަދޭ. އެހެންވެ އެ ކުންފުނިތައް ޕްރޮފެޝަނަލްކޮށް ހިންގޭނެ ކަހަލަ ނިޒާމެއް އެކުލަވާލަން އަޅުގަނޑުމެން ވަނީ ބިލެއް ހުށަހަޅާފައި. އެހެންވެ މިހުންނަނީ ހަގީގީ މާނައިގައި ސިޔާސީ ޕާޓީއަކުން ކުރަން ޖެހޭ ކަންތައްތައް. އޭގެ އިތުރުން މި ސަރުކާރުން ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އެތައް މައްސަލަތަކެއް އަޅުގަނޑުމެން ވަނީ ފެންމަތިކޮށްފައި. ކޯޓަށް ގޮސްފައި. އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފައި. ޣައިރު ޤާނޫނީ ގޮތުން މާލެއިން ބިން ވިއްކަން އުޅޭ މައްސަލައިގައި ވެސް އަޅުގަނޑުމެން ކޯޓަށް ދިޔައީ. ވަޒީރުންނަށް ރުހުން ނުދީ ގެންގުޅޭ މައްސަލައިގައި ވެސް އަޅުގަނޑުމެން ކޯޓަށް ދިޔައީ. ޖީއެމްއާރު މައްސަލައިގައި ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އުޅުނީ. އެހެންވެ "ސައިލެންޓް"ކޮށް ނޫން އަޅުގަނޑުމެން މިތިބީ. ވަރަށް އެކްޓިވް. އެހެންނަމަވެސް، ރަނގަޅު ވާހަކައެއް އަޅުގަނޑުމެން މަގުމައްޗަށް ނުކުމެ، މުޒާހަރާކޮށް އާއްމުންނަށް އުނދަގޫވާ ގޮތަށް ކަންތައްތައް ނުކުރަން. އެއިން ހާސިލުވާ ކަމެއް ނުވެސް ނެތް ހަގީގަތުގައި.

މުޒާހަރާނުކޮށް ސަރުކާރު ޒިންމާދާރުކުރުވުމުގައި ކޮބައިތޯ ގައުމީ ޕާޓީގެ ސިޔާސަތަކީ؟

ނޫން ނޫން. އަޅުގަނޑުމެން މި ދައްކަނީ މުޒާހަރާ ނުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެން ދައްކާ ވާހަކައަކީ ކަންތައްތައް ކުރުމުގައި ވަކި މަރުހަލާތަކެއް ހުރެއޭ ކަޑަތު ކުރަން ޖެހޭ. ކަމެއްވާއިރަށް މަގުމައްޗަށް ނުކުމެ ހަޅޭއްލެވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކުރަން ޖެހޭ ކަމެއް ނޫން. ފުރަތަމަ ޤާނޫނީ އިމުގެ ތެރެއިން އެކަން ކުރެވޭނެ ހައްލު ހޯދުމަށް މަސައްކަތްކުރަންވީ.

މިހާރުގެ ސިޔާސީ މަސްރަހަށް ބަލާއިރު މައި އިދިކޮޅު ޕާޓީގެ ތެރޭ މިވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައި. މިކަމުން ސަރުކާރަށް ފައިދާ ކުރާ ކަމަށް ގަބޫލުކުރައްވަންތޯ؟

އަޅުގަނޑު ކަންބޮޑެއް ނުވޭ އިދިކޮޅު ފަރާތް ބައިބައިވެގެން އުޅޭތީ. އިދިކޮޅު ފަރާތް އެއްގަލަކަށް އަރަން ޖެހޭ މާ ބޮޑު ސަބަބެއް ވެސް ނެތް. ހަގީގަތުގައި އޭގެ ތެރޭ ތިއްބެވި ގިނަ ބޭފުޅުންނަކީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ގޮތުގައި އިއުލާންކުރައްވާފައިވާ ބޭފުޅުން. އެހެންވެ އެބޭފުޅުން އެއް ގަލަކަށް އަރައި، އެކެއްޗެއް ކިޔައިގެން އުޅޭނޭ ކަމަށް ރައްޔިތުން އުއްމީދުކުރާ ކުރުމަކީ ވެސް އަޅުގަނޑު ދެކޭ ގޮތުގައި މިސްޓޭކެއް. ވާދަވެރި އިންތިހާބެއްގެ ކެންޑިޑޭޓުން ގޮތުގައި އިއުލާންކުރައްވާފައިވާ ބޭފުޅުން އުޅުއްވާނީ އެބޭފުޅުންގެ އަމިއްލަ ސިޔާސީ ހަޔާތް އުޖާލާ ކުރެއްވުމަށް. އެހެންނަމަވެސް، އެބޭފުޅުންގެ އެތެރޭގައި ޚިޔާލު ތަފާތުވުން އޮތް ނަމަވެސް ސަރުކާރު ޒިންމާދާރު ކުރުވުމަށް އެއް ގަލަކަށް އެބަ އަރައޭ ސަރުކާރު ޒިންމާދާރު ކުރުވުމަށް. އަނެއްކާ މި ސަރުކާރުގެ މަގުބޫލުކަން ރައްޔިތުން ތެރޭ އިތުރެއް ނުވޭ. އިތުރުވާ ކަހަލަ ކަމެއް ނުކުރޭ. [ސަރުކާރުގެ] ކޮރަޕްޝަނާއި ފަސާދަ ދަނީ އިތުރަށޭ. ބާޒާރުގައި އަގުތައް ދަނީ މައްޗަށޭ. ޑޮލަރުގެ އަގު ދަނީ އިންތިހާ އަށް މައްޗަށޭ.

ކޮބައިތޯ މި ސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ ނުވަތަ ފެއިލިއާ އަކީ؟

ސަރުކާރުގެ އެންމެ ބޮޑު ފެއިލިއާ އަކީ ރައީސް ނަޝީދަށް އޮޅިވަޑައިގަތުން. އެއީ ރައީސް ނަޝީދަށް ހީފުޅުވެލެއްވީ އެމަނިކުފާނަށް ދިވެހި ރައްޔިތުން ދިން ވޯޓެއް ކަމަށް. ފުރަތަމަ ދުވަހު އެމަނިކުފާނު ވިދާޅުވީ އެހެން. މިއީ ތިމަންމަނިކުފާނަށް ލިބުނު ވޯޓެއް ނޫނޭ އިއްތިހާދަކަށް ދިން ވޯޓެކޭ. އެ އޮޅިވަޑައިގަތުން އެއީ އެންމެ ބޮޑު މައްސަލައަކީ. އެހެންވީމާ ވީ ގޮތަކީ ކައިރީގައި ތިއްބެވި ހުރިހާ ރަނގަޅު ބޭބޭފުޅުން ދުރުކޮށްފައި، ނޫނީ ދުރަށް ޖައްސައިފައި ނުވަތަ އެބޭފުޅުން ދުރަށް އަމިއްލަފުޅަށް ވެސް ވަޑައިގެންފައި، އެހިސާބުން ދެން އެމްޑީޕީގެ އެއްޗަކަށް މީތި [ސަރުކާރު] ހަދަން އުޅުން. އެހެންވީމަ އަޅުގަނޑުމެންނަށް ފެންނަނީ ގަދަކަމުން ވެސް މީހުން ގައިގައި ރީނދޫ ކުލަ ޖައްސާތަން. ސައި ހޮޓާތަކުގައި ރީނދޫ ކުލަ ޖައްސާތަން. ގައުމީ ހަފްލާގެ ދައުވަތު ވެސް ރީނދޫ ކުލަ. އެހެންވީމަ ތިމާމެންނަށް ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ ގަދަކަމުން ވެސް މަޖުބޫރު ކުރުވައިގެން ވެސް އެ ކުލަ އެ ޖައްސަނީ. ދެވަނަ ކަމަކަށް ރައީސް ނަޝީދުގެ އެންމެ ބޮޑު ފެއިލިއާ އަކީ އަމިއްލަ ފުޅުގައި ގާބިލުކަމެއް ނެތް. ދުވަހަކުވެސް ކުންފުންޏެއްގައި ވެސް ސަރުކާރުގައި ވެސް އެ ފެންވަރުގެ ވަޒީފާއެއް އަދާކުރެއްވި ބޭފުޅެއް ނޫން. ދުނިޔޭގެ ފެންވަރުގައި ވެސް ތަޖުރިބާ ހުންނެވި ބޭފުޅެއް ނޫން. އެފަދަ ބޭފުޅަކު ޖެހިވަޑައިގަންނަވާނީ ވަރަށް ގާބިލު ޓީމެއް އެކުލަވާލުމަށް. އެހެންނަމަވެސް [ސަރުކާރު] އެކުލަވާލީ އެންމެ ކުރީ ސަފުގައި އުޅުނު އެކްޓިވިސްޓުންތަކުން. އެއީ އަދި ރައީސް ނަޝީދަށް ވުރެ ހާލު ދަށް ބައެއް. އެހެންވީމަ ތިމާގެ [ރައީސް ނަޝީދު]ގެ ހާލަތަށް ވުރެ ދަށް އެޑްވައިޒަރުންގެ ޓީމެއް މިއުޅެނީ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ތާއީދުކުރެއްވުމަށްފަހު މިއަދު ތިޔަ މަސައްކަތްކުރައް ވަނީ ސަރުކާރާ މުޅިން ދެކޮޅަށް. ކޮބައިތޯ ދެން އަންނަ ރިޔާސީ އިންތިހާބުގައި މަނިފާނު ނަގާނެ ސްޓޭންޑަކީ؟

ރައީސް ނަޝީދުގެ ސަރުކާރު އެނބުރި އައުމަކަށް އަޅުގަނޑުމެންގެ ސަޕޯޓެއް ނެތް. މިހާރު ވެސް އަޅުގަނޑުމެން މުޅިން ދެކޮޅަށް ނޫންތޯ މަސައްކަތް މިކުރަނީ. ސަބަބަކީ މީ އެކްޓިވިސްޓުންގެ ސަރުކާރެއް. އަޅުގަނޑު ރައީސް ނަޝީދާ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތްކުރުމަށް ވައުދުވީ ހުރިހާ ރައްޔިތުން އަޑުއަހަން ތިއްބާ ތިމަންނަގެ ސަރުކާރުގައި ތިއްބަވާނީ ތައުލީމީ ގާބިލު ބޭފުޅުންނޭ. އެއީ ވައުދެއް. އެ ވައުދާ ޚިލާފުވެވަޑައިގަތީ. ތައުލީމީ ގާބިލު ބޭފުޅުންނަށް ވަޒީފާ ނުދެއްވައި އެކްޓިވިސްޓުންނަށް ފުރުސަތު ދެއްވީ. އޭރު ވިދާޅުވީ ކޮރަޕްޝަނާއި ފަސާދަ އަކީ ތިމަންނަމެން ދެކޮޅު ހަދާ ކަމެކޭ. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެ ތަކުރާރުވަމުން ކުރިއަށް ވުރެ ވެސް ހާލަތު ގޯސްވި ތަން. އެހްނވީމާ ރައީސް ނަޝީދުގެ ސަރުކާރަކަށް އަޅުގަނޑުމެންނަށް ދެން އިންތިހާބެއްގެ ތާއީދުނުކުރެވޭނީ މި ކަންތައްތައް މިހެން ހުރުމުން. އެއީ އަޅުގަނޑަކީ ވަކި މީހަކަށް ވުރެ ބޮޑަށް ވަކި ކަންތައްތައް ހައްލުކުރަން ރަނގަޅު ކުރަން މަސައްކަތްކުރާ މީހެއް. އަޅުގަނޑަކީ ކޮރަޕްޝަނާ ދެކޮޅު މީހެއް. ތައުލީމީ ގާބިލު މީހުންނަށް ފުރުސަތު ހޯދައިދޭން މަސައްކަތްކުރާ މީހެއް. އަޅުގަނޑަކީ ވިޔަފާރިވެރިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ފުރުސަތު ހޯދައިދޭ މީހެއް. ތަރައްގީ، ރާއްޖޭގެ އާބާދީ އެއްފަސްކޮށްގެން ހަތަރު ސިޓީއެއް ގާއިމްކުރަން ވަކާލާތު ކުރީ އަޅުގަނޑުމެން. އެހެންވީމާ އެކަންތައްތަކާ ބީރައްޓެކޮށް އުޅޭ ސަރުކާރަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ. އެއީ ކޮންމެހެން ރައީސް ނަޝީދަށް ވީތީކީއެއް ނޫން، އަޅުގަނޑު ގަބޫލުރާ އުސޫލުތަކާއި ހަމަތަކާ ޚިލާފުވާތީ.

ޑރ. ހަސަންގެ ސިޔާސީ ކެރިއާގައި ދެން ފެނިގެންދާނީ ކޮން ކަމެއްތޯ؟

އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް ސިޔާސީ މައިދާނަށް ނުކުމެ. ކުރީ ސަފުގައި ހަރަކާތްތެރިވަމުން މިދަނީ. އަޅުގަނޑަށް ވަރަށް ބޮޑަށް މި އަމާޒުކުރެވެނީ ރިޔާސީ އިންތިހާބު 2013. އަޅުގަނޑު ދެކޭ ގޮތުގައި 2013 އާ ހަމައަށް އެބަ އޮތް ތިން އަހަރުގެ މުއްދަތެއް. އެތިން އަހަރުގެ މުއްދަތުގެ ތެރޭގައި ވެސް އަޅުގަނޑުމެން އެބަ ޖެހޭ ސަރުކާރު ޒިންމާދާރު ކުރުވަން. ހަމައެކަނި އަޅުގަނޑުމެންގެ މުޅި މަގުސަދުވެގެން ނުވާނެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން [ކަމަކަށް]. އިންތިހާބު ކާމިޔާބު ކުރަން ވެސް އަޅުގަނޑުމެން އެބަ ޖެހޭ ކަންތައްތަކެއް ކުރަން. އެހެންވީމާ އެކަންތައްތައް ރަނގަޅަށް ކުރެވެންޏާ، ކުރެވޭ ކަމާއި ނުކުރެވެންޏާ ނުކުރެވޭ ކަމާ ރައްޔިތުން ނިންމާނީ. އެހެންވީމާ ރިޔާސީ އިންތިހާބު 2013 އާ ހަމައަށް ދާންވާތަނާ ރައްޔިތުންނަށް ވަރަށް ބޮޑަށް އެނގިގެންދާނެ ރާއްޖޭގެ ލީޑާޝިޕްގައި ތިބީ ކޮން ބައެއްތޯ އެ ބޭފުޅުންނަށް ގަބޫލުކުރެވެނީ ކޮން ބައެއްތޯ. އެ ނިންމުން ރައްޔިތުން ނިންމާނީ.

ވަރަށް ގިނައިން އިވޭ ރިޔާސީ އިންތިހާބު 2013 އަށް ނުކުންނަވާ ލީޑަރުންގެ ތެރޭގައި މަނިކުފާނު ހިމެނިވަޑައިގަންނަވާނެ ވާހަކަ. އެ ލީޑާޝިޕުން ފެންނާނެތޯ؟

އަޅުގަނޑު ވެސް އަދި އެހެން ބޭފުޅަކު ވެސް ނުފެންނާނެއެކޭ ބުނެގެން ނުވާނެ. ފެންނާނީ ހަމައެކަނި މިވެނި ބޭފުޅެކޭ ވެސް ނުއެއް ދެންނެވޭނެ. އަޅުގަނޑު ދަންނަވަން އުޅޭ ވާހަކައަކީ ތިން އަހަރު ދުވަހަކީ ވަރަށް ދިގު މުއްދަތެކޭ. އޭގެ ތެރޭގައި ވަރަށް ގިނަ ބަދަލުތަކެއް އަންނާނެ، އެލައަންސްތަކެއް ހެދޭނޭ ވަރަށް ގިނަ އާ ލީޑަރުންތަކެއް ފެނިގެންދާނޭ. މިހާރު ތިބި ބައެއް ބޭފުޅުން ހަމަ ފަނޑުވެގެން ދިއުން ވެސް އެއީ އެކަށީގެންވާ ކަމެއް.

ގައުމީ ޕާޓީން ކޯލިޝަނެއް ހަދާނެތޯ އެހެން ސިޔާސީ ޕާޓީއަކާ އެކު؟

އަޅުގަނޑުމެން މުސްތަގުބަލުގައި މަސައްކަތްކުރާނީ ބަޔަކާ ގުޅިގެންތޯ ނުވަތަ ނޫންތޯ އެ އެނގޭނީ އެދުވަސް އައިމާ. މިހާހިސާބަށް އަޅުގަނޑުމެން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށްފައި ވަނީ ސަރުކާރު ޒިންމާދާރުކުރުވުމުގައި. އަދި މުސްތަގުބަލުގައި ވެސް އަޅުގަނޑުމެން [ޕާޓީތަކާ] ގުޅިގެން މަސައްކަތްކުރަން ޖެހޭނެ. އަދި ކުރަން ވެސް ކުރާނަން. އިންތިހާބާ ހަމައަށް ދާއިރު އެލައަންސެއް ކޯލިޝަނެއް ހެދޭނެތޯ އަޅުގަނޑުމެން އެ ދުވަސް އައިމާ ނިންމާނީ. ގައުމީ ޕާޓީގެ ފަރާތުން ރައްޔިތުންނަށް އުއްމީދުކުރެވޭނެ ބައެއް ކަންތައްތައް އެބަހުރި. އެއީ ސަރުކާރު ޒިންމާދާރުކުރުވުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނެ ކަން، ސަރުކާރު ޒިންމާދާރުކުރުވުމުގައި އަޅުގަނޑުމެން "ޝޯޓްކަޓްސް" ނުނަގާނެކަން.
ގުޅޭ ޓެގު
comment ކޮމެންޓް