އައިފޯނު ޖެއިލްބްރޭކްކުރުން ހުއްޓުވައިދިނުމަށް އެޕަލްއިން އެމެރިކާ ސަރުކާރުގައި އެދެފި

އައިފޯނު ކްރެކްކޮށް ޖެއިލްބްރޭކް ކުރާ ފަރާތްތަކުގެ ކިބައިން ޑިވައިސްތައް ސަލާމަތްކޮށް އެ ފަރާތްތަކުގެ އަތްތަކުގައި ޤާނޫނީ ގޮތުން ކަސްތޮޅު އެޅުވުމަށްޓަކައި ސަރުކާރުގެ މަދަދުހޯދުމަށް އެޕަލްއިން މަސައްކަތްފަށައިފި އެވެ. މި ދިޔަ ހޯމަ ދުވަހު އެޕަލްއިން ވަނީ މިކަމާއިގުޅޭގޮތުން ޔޫއެސް ކޮޕީރައިޓް އޮފީހާއި ވާހަކަދައްކާފަ އެވެ.

އެމެރިކާގެ ޓީވީ ނެޓްވާކެއް ކަމަށްވާ އެންބީސީއިން ހާމަކޮށްފައިވާ ގޮތުގައި އައިފޯނުތައް ޖެއިލްބްރޭކްކުރުން ހުއްޓުވައިދިނުމަށް އެދެމުން އެޕަލްގެ ފަރާތުން ޔޫއެސް ކޮޕީރައިޓް އޮފީހުގައި ވާހަކަދެއްކެވި އޮފިޝަލް ބުނެފައިވަނީ، މިހާރު އައިފޯނު ޖެއިލްބްރޭކްކުރުމަށްޓަކައި ފުޅާ ދާއިރާއެއެްގައި ބޭނުންކުރެވޭ ޓެކްނޮލޮޖީތަކަކީ އައިފޯނުގައި އެޕަލް އިން ހިމަނާފައިވާ އޮޕަރޭޓިން ސިސްޓަމާއި ބޫޓްލޯޑާ (ފޯނު ހުޅުވުމާއިއެކު އޮޕަރޭޓިން ސިސްޓަމް، މެމޮރީއަށް ލޯޑުކުރުމުގެ ވަޒީފާ އަދާކުރާ ޕްރޮގްެރާމް) ގެ ސައްޙަކަން ކަނޑުވާލައި، އެޕަލްއިން ހުއްދަކޮށްފައިނުވާ ބަދަލުތައް ގެންނަ ޓެކްނޮލޮޖީތަކެއް ކަމަށެވެ. އަދި އެޕަލްގެ ހައްޤެއްކަމަށްވާ އައިއޯއެސް އަށާއި ބޫޓްލޯޑާއަށް އެ ޓެކްނޮލޮޖީތައް މެދުވެރިކޮށް ބަދަލުގެނައުން އެއީ ކޮޕީރައިޓް ޤާނޫނާއި ޚިލާފުކަމެއްކަމަށ ްވެސް ބުނެފައިވެއެވެ.

އައިއޯއެސް ޖެއިލްބްރޭކްކޮށް އައިފޯނު އަންލޮކްކުރުމާއި ގުޅިގެން މީގެ ކުރިންވެސް އެޕަލްއިން ވަނީ އެކަމާއި ދެކޮޅަށް ތެދުވެފައެވެ. އެފަހަރު އެކަން ކުރިފަރާތް (ޖޯޖް ހޮޓްޒް) ގޮވައިގެން އެޕަލްއިން ދިޔައީ ކޯޓަށެވެ. ނަމަވެސް ކޯޓުން ވަނީ، ޕައިރެސީ ފިޔަވައި އެހެން ބޭނުންތަކަށް އައިފޯނު ޖެއިލްބްރޭކްކުރުމާއި އަންލޮކްކުރުމުގައި ޤާނޫނީގޮތުން ހުރަހެއް ނެތްކަމަށް ނިންމާފައެވެ. ފާހަގަކޮށްލަންޖެހޭކަމަކީ މިފަހަރު އަނެއްކާވެސް އެޕަލްއިން މި މައްސަލަ ނަގާފައި މިވަނީ ސޮނީއިންވެސް ޖޯޖް ހޮޓްޒް (ޖެއޯހޮޓް) އާއި ދެކޮޅަށް ދަޢުވާ އުފުލާފައިވާ ދަނޑިވަޅެއްގައިކަމެވެ. ސޮނީއިން ދަޢުވާ ކުރަނީ ޕީއެސް ތިނެއް ގޭމް ކޮންސޯލް ހެކްކުރި މައްސަލައިގައެވެ.

މިއިން އެއްވެސް މައްސަލައެއް އަދި ވަކި ކޮޅެއްގައި ނުޖެހި އޮތުމާއިއެކު އަންލޮކްކޮށްގެންނާއި ޖެއިލްބްރޭކްކޮށްގެން އައިފޯނުތައް ބޭނުންކުރަމުންދާ ގިނަފަރާތްތަކަކުން، އެޕަލްގެ މި އެދުމަށް ޔޫއެސް ކޮޕީރައިޓް އޮފީހުން ދޭނެ ޖަވާބަކަށް އިންތިޒާރު ކުރާނެކަން ޔަޤީނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު