ލަންކާގެ ޓޫރިޒަމް ތަރައްގީ ކުރުމަށް މިއަހަރު 1.5 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރަނީ

ކޮޅުނބު : 2011 ވަނަ އަހަރު ސްރީލަންކާގެ ޓޫރިޒަމް ސެކްޓަރ ވަރަށް ބޮޑަށް ތަރައްޤީ ވެގެންދާނެ ކަމަށާއި ޓޫރިޒަމް ސެކްޓަރ ތަރައްޤީ ކުރުމަށްޓަކައި މިއަހަރު 1.5 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރަން ރޭވިފައިވާ ކަމަށް އެޤައުމުގެ އިޤްތިސާދާބެހޭ ވަޒީރު ބާސިލް ރާޖަޕަކްސެ ވިދާޅުވެއްޖެއެވެ.

ބާސިލްއާ ޙަވާލާދީ ލަންކާގެ މީޑިޔާ ޚަބަރުދޭގޮތުގައި މީގެތެރެއިން ބޮޑުބައެއް އިންވެސްޓްކުރާނީ ބޭރުގެ އިންވެސްޓަރުންނެވެ. ނަމަވެސް ސްރީލަންކާގެ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިވެރިންވެސް 1.5 ބިލިޔަން ޑޮލަރުގެ މިއިންވެސްޓްމަންޓްތަކުގައި ޙިއްސާ ކުރާނެއެވެ. ސްރީލަންކާގެ ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި އަހްލީ ހަނގުރާމައަށްފަހު އެޤައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ޢަދަދުވެސް ދަނީ ވަރަށްބޮޑަށް އިތުރުވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ސްރީލަންކާގެ އަހްލީ ހަނގުރާމަ ނިމުނުތާ ދެއަހަރުވާން ކައިރިވެފައިވާއިރު އެޤައުމުގެ ޓޫރިޒަމް ސެކްޓަރަށްވަނީ ވަރަށްބޮޑު އާރޯކަމަކާއި ތާޒާކަމެއް އައިސްފައެވެ. ޓޫރިޒަމްގެ ދާއިރާގައި މިއަހަރު ސްރީލަންކާގައި އިންވެސްޓް ކުރުމަށް ރޭވިފައިވާ 1.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑުބައެއް ޚަރަދު ކުރެވޭނީ އާހޮޓާތައް ބިނާކުރުމަށާއި މިހާރުހުރި ހޮޓާތައް ބޮޑުކޮށް އަޕްގްރޭޑްކޮށް ފެންވަރު މަތިކުރުމުގެ މަޝްރޫޢުތަކަށް ކަމަށް ޚަބަރުތައް ބުނެއެވެ. 30 އަހަރުވަންދެން ސްރީލަންކާގައި ކުރިޔަށްދިޔަ އަހްލީ ހަނގުރާމަ 2009 ވަނަ އަހަރުގެ މޭމަހު ނިމުމަކަށް އައުމާއެކު، ދިފާޢީ އަދި ޢަސްކަރީ ކަންކަމަށް ސްރީލަންކާ ސަރުކާރުން އެކަށައަޅަމުން ގެންދިޔަ ބޮޑު ބަޖެޓް މިހާރު ވަނީ ކުޑަކޮށްފައެވެ. އަދި ސްރީލަންކާގެ ޤައުމީ ބަޖެޓުން ކުރިން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ކުރާ ޚަރަދުގެ ދެގުނައަށްވުރެވެސް ބޮޑުޚަރަދެއް އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް މިހާރު އެޤައުމުގެ ބަޖެޓުން ކުރަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

2010 ގައި ސްރީލަންކާއަށް 6 ލައްކަ 50 ހާސް ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ 2009 ވަނަ އަހަރާ އަޅާބަލާއިރު 46 އިންސައްތަ އިތުރު އަދަދެއް ކަމަށް ސްރީލަންކާގެ ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު