އައިޕެޑް ދޭކާއި އައިފޯނު ފަހަކާއެކު އެޕަލްއިން 'އިންފިނެއޮން' ދޫކޮށް 'ކުއަލްކޮމް' އާއި ދިމާލަށް

އައިޕެޑާއި އައިފޯނުގެ ކުރިޔަށް އޮތް އާއިލާގެ ސިފަތަކާއި ބަދަލުތަކާއި ގުޅޭ އަޑުތައް ގަދަވެފައިވާ މިދުވަސްވަރު މިކަމުގެ އެކޮޅުމިކޮޅު އޮތްގޮތް ބަލައިލުން ކިހިނެތް ހެއްޔެވެ؟

އެޕަލް އިން ވެރައިޒަން ވަޔަލެސްގެ ސީޑީއެމްއޭ ނެޓްވާކަށް ހާއްސަކޮށްގެން ނެރެން ތައްޔަރުވެފައިވާ އައިފޯނު ހަތަރަކާއި، ދާދިފަހުން އާންމުކުރި އައިއޯއެސް 4.3 ބީޓާ ޢަދަދަށް ބަލައިލުމުން ކުރިން ހީކުރެވިފައި ނުވާ ކަންތައްތަކެއް ވަނީ އެނގިފައެވެ. އެންމެ ފާހަގަކޮށްލެވެނީ އައިއޯއެސް 4.3 ގެ ކޯޑުން، އައިޕެޑް ދޭކާއި އައިފޯނު ފަހަކަށް ނިސްބަތްވާ ނިޝާންތައް ފެންނަން ހުރުމެވެ.

މިގޮތުން އައިއޯއެސް 4.3 ބީޓާގެ ކޯޑުގައި މިހާރުގެ ޖީއެސްއެމް އައިފޯނަށް iPhone3,1 ނިސްބަތްކޮށްފައިވާއިރު iPhone3,2 ނިސްބަތްވާކަމަށް ބެލެވެނީ ފެބްރުއަރީ ތިނެއްގައި ނެރެން ހަމަޖެހިފައިވާ ވެރައިޒަން އައިފޯނު ހަތަރަކަށެވެ. ނަމަވެސް iPhone3,3 ގެ ނަމުގައި ގޮތްނޭނގޭ ޑިވައިސްއަކަށް ނިސްބަތްވާ ކޯޑުތަކެއްވެސް ވަނީ ފެނިފަ އެވެ. އަދި ކޯޑުގައިވާ iPhone4,1 އާއި iPhone4,2 އަކީ އައިފޯނުގެ ދެން އަންނަން އޮތް އާއިލާގެ ސީޑީއެމްއޭ އާއި ޖީއެސްއެމް އައިފޯނުތައް ކަމަށްވެއެވެ. މީގެއިތުރުން އައިޕެޑް ދޭއް އާއިލާގެ ވައިފައި، ޖީއެސްއެމް އަދި ސީޑީއެމްއޭ ޑިވައިސްތަކަށް ނިސްބަތްވާ iPad2,1, iPad2,2, iPad2,3 ކޯޑު ރެފަރެންސްތައް އައިއޯއެސް 4.3 ގައި ވަނީ ހިމަނާފައެވެ.

އައިފެޑް ދޭއްގައި ހިމެނޭނެ ކަމަށް ބުނާ ސިފަތަކަށް ބަލާއިރު އައިފޯނު 4 ގެ 'ރެޓީނާ ޑިސްޕްލޭ' އާއި ތިމާގެ އައު (ސުޕަރ ހައި ރިޒޮލިއުޝަން) ޓެކްނޮލޮޖީއެއްގެ އިތުރުން މިހާރުގެ އައިޕެޑް ތަކުގައި ބޭނުންކުރާ ހޯމް ބަޓަން އުނިކޮށް އެ ވަޒީފާ "މަލްޓިޓަޗް ޖެސްޗަރސް" އަށް ދީފައިވުން ހިމެނެއެވެ.

މާނައަކީ ހޯމް ބަޓަންއަށް ފިތުމުގެ ބަދަލުގައި ޓަޗް ޓެކްނޮލޮޖީގެ ބޭނުންކުރަންޖެހުމެވެ. އަޑުފެތުރިފައިވާ ގޮތާއި ޚިލާފަށް ކުރިއެކޭވެސް އެއް ސައިޒެއް (10 އިންޗި) ގައި އުފައްދާ މި ޑިވައިސްގެ ކުރިމަތީގަ އާއި ފަހަތުގައިވެސް ކެމެރާ ހިމަނާނެކަމަށް ވެއެވެ.

ދެން މިއޮތީ އައިފޯނު ފަހެއްގެ ވާހަކައެވެ. ކުރީގެ ހުރިހައި ޑިވައިސް ތަކަކާއި ހިލާފަށް މުޅިން އައު ޑިޒައިނަކަށް އުފައްދާ މި ފޯނު ނުކުންނާނެކަމަށް ބެލެވެނީ ބަހާރުމޫސުމާއި ދިމާކޮށެވެ. ބައެއް ޓެކްނޮލޮޖީ ވެބްސައިޓްތަކުން ބުނާގޮތުގައި މިހާރު އައިފޯނު ފަހެެއް ދަނީ އެޕަލްގެ އިސް މުވައްޒަފުން ލައްވައި ޓެސްޓްކުރަމުންނެވެ.
ނަމަވެސް އެއީ އޮފީހުން ބޭރަށްވެސް ނުނެރެވޭގޮތަށް، ވަރަށް ހަރުކަށި ޤަވާއިދުތަކެއްގެ ދަށުންނެވެ. ޙަބަރު ލިބިފައިވާގޮތުގައި މި ފޯނު ހިންގާނީ އެޕަލްއިން "އޭ ފައިވް" ގެ ނަންދީފައިވާ ކޯޓެކްސް އޭ ނައިންގެ ބިންގަލުގެމަތީގައި އުފައްދާ މަލްޓި ކޯ ޗިޕަކުންނެވެ. ސީޑީއެމްއޭ އާއި ޖީއެސްއެމް ގެ އިތުރުން ޔޫއެމްޓީއެސް ނެޓްވާކްތަކުގައިވެސް ބޭނުންކުރެވޭގޮތަށް އުފައްދާ މި ފޯނުގެ ޗިޕްސެޓްވެސް ޑިޒައިންކުރުމަށް ޙަވާލުކޮށްފައިވަނީ އައިޕެޑް ދޭއްގެ ޗިޕްސެޓުގެ މަސައްކަތްވެސް ޙަވާލުކޮށްފައިވާ 'ކުއަލްކޮމް' އާއެވެ.

މި ކަންތައްތަކަށް ރިއާޔަތްކުރާއިރު ފެންނާންއޮތް އެއް ޙަޤީޤަތަކީ އެޕަލްއިން އެމީހުންގެ ޗިޕްސެޓުތައް އުފެއްދުމުގައި ޒަމާނުއްސުރެ ވިޔަފާރި ބައިވެރިއެއްގެ ގޮތުގައި ބަލަމުންއައި 'އިންފިނެއޮން' ދޫކޮށް 'ކުއަލްކޮމް' އާއި ދިމާއަށް މިސްރާބުޖަހާފައި ވާކަމެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު