Last Updated: 10 year 9 month ago

ތޫނުއެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި

ބުލޮގު ޚުލާސާ
ކ. ތުލުސްދޫގައި ތޫނުއެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައި ވާ މީހަކަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
02:46

ޝިއާމް މަރާލި ކަމަށް އިއުތިރާފުވެ އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔުމުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މުހައްމަދު ނިޔާޒް ނަމަކަށް ކިޔާ މާލޭ މީހެއް. އޭނާ އަކީ އެރަށުގައި ދިރިއުޅޭ މީހެއް.
02:41

ޝިއާމްގެ ހަށިގަނޑު މިހާރު ވަނީ ސަހަރާއަށް ގެންގޮސްފައި.
22:25 ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

ފުލުހުންގެ ތަހުގީގު ޓީމުން ގޮސް ހާދިސާ ހިނގި ސަރަހައްދު ބަލައި ފާސްކޮށް އެ ސަރަހައްދުން އަލީ ޝިއާމަށް ހަމަލާދިން ވަޅި ހޯދައިފި.
22:19 ތުލުސްދޫ ސިއްހީ މަރުކަޒު

ޢަލީ ޝިއާމްގެ ހަށިގަނޑު އަދިވެސް އޮތީ، ތުލުސްދޫ ސިއްހީ މަރުކަޒުގައި. ފުލުހުން މިހާރު ދަނީ އޭނާގެ ހަށިގަނޑުން ނަގަން ޖެހޭ ފޮރެންސިކް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން.
22:07 އަބްދުﷲ ރިޔާޒު، ކިނބިދޫ ދާއިރާގެ މެމްބަރު

އަޅުގަނޑު މިކަމާ ހިތާމަ ކުރަން. މިކަން އަޅުގަނޑު ވަރަށް ބޮޑަށް ކުއްވެރި ކުރަން. މިއީ ނާތަހުޒީބު އަމަލެއް. މިކަން އަވަހަށް ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅައި ގާނޫނީގޮތުން ލިބެންޖެހޭ އަދަބު ދިނުމަށް އަޅުގަނޑު ގޮވާލަން. މި ފުރުސަތުގައި ނިޔާވި އަލީ ޝިއާމްގެ އާއިލާއަށް ހެޔޮދުއާ ކުރަން.
22:03

މިރޭ އިރާކޮޅު ކ. ތުލުސްދޫގައި ތ. ކިނބިދޫ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލަ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުއްވެރިކުރައްވައިފި.
21:14 ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

އެމީހާއަށް އަދަބު ދިނުމަށް ރައްޔިތުންނާ ހަވާލުކުރުމަށް ގޮވާލައި، ތުލުސްދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ދަނީ، އެރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައި މުޒާހަރާކުރަމުން.
21:12 ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ތުލުސްދޫން ފުލުހުން ހައްޔަރުކޮށްފައިވާ މީހާ ފުލުހުންނާ ހަވާލުވީ އެމީހާ އަމިއްލައަށް. އޭނާއަކީ އެރަށުގައި ދިރިއުޅޭ މާލޭ މީހެއް.
20:59 ޕޮލިސް މީޑިއާ

ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި ކަމުގެ ތުހުމަތުގައި، ތުލުސްދޫން މީހަކު ހައްޔަރު ކޮށްފި.
20:47 ޕޮލިސް މީޑިއާ

ތޫނު އެއްޗަކުން ހަމަލާދީ ތުލުސްދޫގައި މީހަކު މަރާލި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ.
20:43 ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

ޝިއާމް މަރުވިއިރު، އޭނާގެ އަނތްބަކާއި ކުޑަ ދެ ކުދިން ތިބޭ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް. އެ ދެކުދިންނަކީ ތުލުސްދޫ ސްކޫލުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދެ ކުދިން.
20:33 ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

ތުލުސްދޫ ޕޮލިސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން އަންނަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން.
20:28 ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

ރޯދަ ވީއްލުމަށްފަހު ކޮންމެ ދުވަހަކު ވެސް އެމީހުންގެ ގެއާދިމާލު އަތިރިމަތީ ޖޯލިފައްޗަށް އޭނަ ދާނެ ސިނގިރެޓެއް ބޯލަން. އެގޮތުން މިރޭ ވެސް ރޯދަ ވީއްލުމަށްފަހު އަތިރިމަތީ ޖޯލިފައްޗަށް ދިޔައީ. ކުއްލިއަކަށް އޭނަ ހަޅޭލައްވައިގަތް އަޑަށް އެގޭ މީހުން އެތަނަށް ދިޔައީ. ދިޔައިރު މުޅި މީހާ ވަނީ ލެއިން ފޯވެފައި. އެއިރު ވާހަކަވެސް ނުދެކެވޭ.
20:26 ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައި ވަނީ ކ. ތުލުސްދޫ، ދުއްފަޅުގޭ މީހަކާ އިނދެގެން އުޅޭ ތ. ކިނބިދޫ މީހެއް ކަމަށްވާ އަލީ ޝިއާމް. އޭނާއަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އޭނާގެ ގެއާދިމާލު އަތިރިމަތީ ޖޯލިފަތީގައި އޮއްވާ.
20:13 މުހައްމަދު ވަހީދު އިބްރާހީމް، ތުލުސްދޫ ދާއިރާގެ މެމްބަރު

އުމުރުން 35 އަހަރުގެ އެމީހާ މަރާލި މައްސަލަ އެންމެ ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރިކުރަން. އެ އަމަލު ހިންގި މީހާ ހިފައި ހައްޔަރުކޮށް އެ މައްސަަލަ އަވަހަށް އަވަހަށް ތަހުގީގުކޮށް އެ އަމަލު ހިންގި މީހާއަށް ހައްގު އަދަބު ދިނުމަށް އަޅުގަނޑު ގޮވާލަން. ނިޔާވި މީހާގެ އާއިލާގެ ހިތާމާގައި އަޅުގަނޑު ބައިވެރިވަން. އަދި އެއާއިލާއަށް ތައުޒިޔާ ދަންނަވަން
20:07 އިބްރާހީމް މުއާޒު އަލީ، ރައީސް އޮފީހުގެ ތަރުޖަމާން

މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާނެ. ސަރުކާރުން ބޭނުންވަނީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްފަހު އެ އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް. ފުލުހުންގެ މުއައްސަސާއިން އެ މަސައްކަތް ކުރައްވަމުން އެބަގެންދަވާ.
20:04 އިބްރާހީމް މުއާޒު އަލީ، ރައީސް އޮފީހުގެ ތަރުޖަމާން

ރަމަޟާން މަސް ނިމުމާއެކު ކޮންމެ ރެއަކު ކަހަލަގޮތަކަށް ތޫނުއެއްޗަކުން ހަމަލާދިނުން ފަދަ ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުން. މިފަދަ އަމަލުތައް އެއްވެސްގޮތަކަށް ހިނގުމަކީ ސަރުކާރުން ބޭނުންވާނެ ކަމެއް ނޫން.
19:52 ޕޮލިސް މީޑިއާ

މަރާލާފައި ވަނީ 34 އަހަރުގެ ފިރިހެނެއް. އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް ތުލުސްދޫއަށް ފުރައިފި.
19:50 ޕޮލިސް މީޑިއާ

ހަމަލާދީފައިވަނީ އޭނާގެ ބަނޑަށް. އެމީހާ މަރުވީ ތުލުސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް.
19:48 ޕޮލިސް މީޑިއާ

އެމީހާ އަށް ތޫނުއެއްޗަކުން ހަމަލާދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިރޭ 7:00 ގައި.