ރައީސް ނަޝީދު ކެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބ. އަތޮޅުގެ ބައެއް ރަށްރަށް މިއަދު ކުރައްވާ ދަތުރުފުޅުގައި، އެ އަތޮޅު ކެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.
ކެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ އެކިއެކި ޕްރޮގްރާމްތަކާ ބެހޭ ގޮތުންނާ އެ ޕްރޮގްރާމްތަކުން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތައް ރައްޔިތުންނާ ހިއްސާ ކުރެއްވި އެވެ. އެ ގޮތުން، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން ސަރުކާރުން ދެއްވާ ދެހާސް ރުފިޔާގެ ޢިނާޔަތް، ޢުމުރުން 65 އަހަރުން މަތީ ކެންދޫގެ 42 މީހަކަށް ލިބެމުން އަންނަ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، އެރަށުގެ 157 ރައްޔިތަކު މަދަނައިގައި ބައިވެރި ކޮށްފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.

ސަރުކާރުގެ މައިގަނޑު 5 ވަޢުދުގެ ތެރޭގައި ހިމެނޭ ދަތުރުފަތުރު ކުރުމުގެ ނިޒާމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ގަސްދު ކޮށްފައި އޮތީ، އެ ނިޒާމް 7 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެއްވުމަށާއި، ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އެ ނިޒާމް އަސާސީ ގޮތަކަށް ސަރަޙައްދުތަކުގައި ފެށުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މިއަސާސީ ޚިދްމަތް، ރާއްޖޭގެ ސަރަޙައްދުތަކުގައި މިހާރު ފެށިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ކެންދޫގެ ފެން މިހާރު ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާކަން ފާހަގަކުރައްވަމުން، ކެންދޫގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް މިއަހަރުގެ ތެރޭ ފެށޭނެ ކަން ވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.

މީގެއިތުރުން ވެސް ތަޢްލީމާއި، އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީއަށްޓަކައި ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ ކަންކަމާއި، ކުރިއަށް ރާއްވަވާފައިވާ ކަންކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރު ފުޅުގައި ފުރާ ވަޑައި ގަތީ މިއަދު ހެނދުނު އެވެ.
އެއްދުވަހުގެ މިދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ ތިންރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު