ޖަމިއްޔާތަކަށް ފައިސާ ދިނުމުގެ ކަންކަން ސަބް ކޮމެޓީއަކަށް ފޮނުވައިފި

މިއަހަރުގެ ބަޖެޓުން ކުލަބް ޖަމިއްޔާތަކަށް ދިނުމަށް ހިމަނާފައިވާ 15 މިލިއަން ރުފިޔާ ދޫކުރާނެ އުސޫލާއި މެދު ގޮތެއް ނިންމުމުގެ ގޮތުން ސަބް ކޮމެޓީއަކުން އެކަމާ މެދު ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ކުލަބް ޖަމިއްޔާތަކަށް ދިނުމަށް ކަނޑައަޅާފައިވާ 15 މިލިއަން ރުފިޔާ ބަހާނެ އުސޫލު ކަނޑައެޅުމަށް އެކުލަވާލި ސަބް ކޮމެޓީގައި ހިމެނޭ މެމްބަރުންނަކީ، މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދުއެވެ.

ޖަމިއްޔާތަކަށް ފައިސާ ދިނުމަށް ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އެ ކުލަބަކުން ނުވަތަ ޖަމިއްޔާއަކުން އަހަރީ ރިޕޯޓް ހުށައެޅުމާއި އެ ޖަމިއްޔާއެއް ހަރަކާތްތެރިވާ މިންވަރުގެ އިތުރުން ކުރަން ރާވާފައިވާ ކަންކަމުގެ މަގުސަދުތަކަށް ރިއާޔަތްކޮށް މާކުސް ދިނުމަށްފަހު ފައިސާ ދޫކުރަން ހިމަނާފައި ވެއެވެ.

އެ އުސޫލާ ގުޅޭ ގޮތުން މިއަދުގެ ކޮމެޓީގައި ވާހަކަ ދެއްކެވި މެމްބަރުގެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު ހުށައަޅާފައިވަނީ ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލްތަކުގެ މަތިން ކުލަބް ޖަމިއްޔާތަކަށް ފައިސާ ދޫކުރުމަށް މިއަދު ފާސް ކުރުމަށެވެ.

ނަމަވެސް ކޮމެޓީގައި ވާހަކަދެއްކި ގިނަ މެމްބަރުން ވަނީ ޖަމިއްޔާތަކަށް ފައިސާ ދިނުމުގެ ކުރިން އެ މައްސަލަ ރަނގަޅަށް ދިރާސާކޮށް ހަރުދަނާ އުސޫލެއް ކަނޑައަޅަންވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް ގަބޫލް ކުރެވޭގޮތުގައި ޖަމިއްޔާ ހިންގާ މިންވަރަށް ބަލާފައި ނޫނީ ދައުލަތުން ފައިސާ ދޫކޮށްގެން ނުވާނެ" އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީގައި ވާހަކަ ދެއްކި ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ގިނަ ޖަމިއްޔާތަކަކީ އެހާ ހަރަކާތްތެރި ޖަމިއްޔާތަކަކަށް ނުވާއިރު ދައުލަތުގެ ބަޖެޓުން އެ ޖަމިއްޔާތަކަށް ފައިސާ ދޭން ޖެހިދާނެތީ އެވެ. އެހެންކަމުން ފައިސާ ދޫކުރުމުގެ ކުރިން އެ ޖަމިއްޔާތަކަކީ ކިހާ ހަރަކާތްތެރި ޖަމިއްޔާތަކެއްތޯ ބެލުން މުހިންމުކަން މެމްބަރުންގެ ވާހަކަފުޅުތަކުގައި ފާހަގަ ކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު