ރަމަޟާންމަހެއް ފެށުނީއެވެ.

ރަމަޟާން މަހަކީ އެހެން ހުރިހައި މަސްމަހަށްވުރެ ބަރަކާތްތެރި މަހެކެވެ. މާތް މަހެކެވެ. މި މަހުގެ ބަރަކާތާއި ފައިދާ އޮތީ އެކަމަށް މަސައްކަތް ކުރާބަޔަކަށެވެ. އެ ބަރަކާތް ޙާޞިލުކުރުމަށް އަޒުމު ކަނޑައަޅައިގެން، އެކަމަށް ހިތް ނިޔަތް ޚާލިޞްކޮށްގެން އުޅޭ ބަޔަކަށެވެ. މިފަހަރުގެ ރަމަޟާން މަސް އައިސް ވަދެފައި މިވަނީ، ދުނިޔޭގެ ފުޓުބޯޅައިގެ މޫސުމުގެ ތެރެއަށެވެ. މެޗުތައް ދިމާވެފައި މިވަނީ ރޭގަނޑުގެ ވަގުތާއެވެ. އެހެންނަމަވެސް އަހަރެމެންނަކީ މުސްލިމުންކަމާއި މިއީ ރޯދަމަސްކަމާއި މިމަހުގެ މާތްކަމާއި މަތިވެރިކަން ހަނދާން ނައްތާނުލުމަށް އިލްތިމާސްކުރަމެވެ.

ރޯދަމަހަށް ތައްޔާރު ވުމަށްޓަކައި އެކި މީހުން ކުރާނީ އެކިކަމެވެ. އިސްކަންދޭނީ އެކިކަންކަމަށެވެ. ގޭތެރެ ފޮޅައި ސާފުކުރުމާއި ގެއަށް ބޭނުންވާ ފަރުނީޗަރު އައުކުރުމާއި ކާބޯތަކެތީގެ ބާވަތްތައް ގަނެ ހަމަކުރުމާއި ރޯދަކުރުކުރަން ކުޅޭނެ ކުޅިވަރުގެ ސާމާނާއި ފޫހިނުވެ ކުޅެވޭނެ ތަފާތު ގޭމުތައް ގަތުމާއި މިހެން ގޮސް އެތައް ކަމެއް ކުރެއެވެ. ނިސްބަތުން ގިނައީ މިފަދަ ކަންކަމަށް އިސްކަން ދޭ މީހުންނެވެ. ކިޔަވާނެ ޚަތިމެއް ގަނެ، އަންހެން ވެރިންނަށް ފަސޭހައިން ނަމާކުރެވޭނެ ގޮތަކަށް ގޭތެރެ އިންތިޒާމުކޮށް، މިފަދަ ކަންކަން ކުރާމީހުން މަދެވެ. ޙަޤީޤަތުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ކަންމަކީ މިއެވެ. ކިޔަވަން ގެންގުޅޭ ޚަތިމު ބާވެފައި އޮތްނަމަ، ނޫނީ ގޭގައި އުޅޭ އެންމެނަށް ފުދޭ ވަރަށް ޚަތިމު ނެތްނަމަ، ޚަތިމެއް ހޯދާށެވެ! އަޅުކަމަށް މަގުފަހިވާނޭ ފަދަ ގޮތަކަށް ގޭތެރެ އިންތިޒާމުކޮށްލާށެވެ!

ރަމަޟާންމަހުގެ ދުވަސްތައް ހޭދަކުރަމުން ގެންދާއިރު، ސަމާލުކަން ދޭންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ އަޅުކަމުގެ މަހަކަށް މި މަސް ހެދުމެވެ. ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމެވެ. މިހެން ދެންނަވާއިރު ނަމާދަކީ ވަކި މަހަކަށް ޚާއްޞަ އަޅުކަމެއް ނޫންކަން އެނގެއެވެ. އެއީ ހަމަ ކޮންމެ މަހެއްގައި ވެސް ފުރިހަމަ ކުރަން ޖެހޭ އަޅުކަމެކެވެ. އެހެންނަމަވެސް ރަމަޟާންމަހު މިކަމަށް ދޭ ސަމާލުކަން އިތުރުކޮށް، ސުންނަތް ނަމާދުތައް ވެސް ހާލަތާއި ވަގުތު ތަންދިން އެންމެ ފުރިހަމައަކަށް އަދާކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ވީވަރަކުން ކީރިތި ޤުރުއާން ކިޔަވައި، މުންކަރާތްތަކުން ދުރުހެލިވެ، ހެޔޮ އަމަލުތަކަށް އިސްކަން ދިނުން އެދެވިގެން ވެއެވެ.

މި މަހަކީ ޞަދަޤާތުގެ ވެސް މަހެކެވެ. އެހެނިހެން މަސްމަހަށްވުރެ މިމަހު ޞަދަޤާތް ކުރުން އިތުރުކުރުމަށް ސަމާލުވާށެވެ! ނިމަމެތި ފަޤީރުންނާއި ޔަތީމުންނާއި މިސްކީނުންނަށް، ތިމާގެ ކުޅަދާނަކަން ހުރި މިންވަރަކުން ޞަދަޤާތް ކުރުމަކީ މުހިންމު ކަމެކެވެ. ފައިސާއިން ކަމަށް ވިޔަސް، ކާ ބޯ ތަކެތީން ކަމަށް ވިޔަސް، ނިކަމެއްޗަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލައި ދެވިއްޖެނަމަ، ހަމަ ކަށަވަރުން ވެސް އެކަން ވާނީ ވަރަށް ބޮޑު ހެޔޮކަމަކަށެވެ. ފަހަށް ރައްކާކުރެވޭ ނުހަނު ފައިދާހުރި ޚަޒާނާއަކަށެވެ.ހަމަ އެހެންމެ ޞަދަޤާތް ކުރުމުން ބަލިތަކުންނާއި މުޞީބާތްތަކުން ތިމާ ސަލާމަތް ކުރައްވައެވެ.

ބައެއް މީހުންނަށް ރަމަޟާން މަސް ސިފަ ކުރެވެނީ ކުޅިވަރުގެ މަހެއްގެ ގޮތުގައޭ ހީވެއެވެ. އަދާކުރަން ޖެހޭ ދީނީ ވާޖިބުތައް އަދާކުރުމަށްފަހު،ނުވަތަ ނުކޮށް ބައެއް ފިރިހެނުންނާއި ޒުވާން ކުދިން ނިކުންނަނީ ބޭރަށެވެ. ޚާއްޞަކޮށް ހަވީރުގެ ވަގުތުގައެވެ. ސައިކަލު ބުރުޖަހައިލާށެވެ. ކޮންމެވެސް ކުޅިވަރެއް ކުޅެލާށެވެ. ނޫނީ ބަޔަކު ކުރިވަރު ކުޅޭތަން ބަލައިލާށެވެ. މި ގޮތަށް ނިކުމެ އުޅޭ އާބާދީގައި، ޒުވާން ފުރައިގެ އަންހެން ކުދީންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ހަވީރުގެ ވަގުތަކީ، ގޭތެރޭގައި އެންމެ މަސައްކަތް ބުރަ ވަގުތެވެ. އަވަދިވެތި އުޅޭން ޖެހޭ ވަގުތެވެ. މި ވަގުތު ގޭތެރޭގެ ކަންކަމުގައި އަނބިމީހާއަށް، ނުވަތަ މަންމައަށް އެހީތެރިކަން ފޯރުވައިދިނުމަށް ޓަކައި ގޭގައި މަޑުކޮށްލުން ކިހިނެއްވާނެހެއްޔެވެ؟ މިއީ އެހީތެރިކަމުގެ ވެސް މަހެވެ. މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް އަޅައިލުމުގައި ޚާއްޞަކަމެއް ގެންގުޅެންވީ މަހެވެ.
ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތި އިސްރާފުކުރާ ވާހަކައަކީ، ޢާންމު ވާހަކައެކެވެ. އެންމެން ވެސް ދައްކާ ވާހަކައެވެ. މިވާހަކަ ދައްކާ މީހުން ވެސް ކަންކުރާ އުޞޫލަކީ މިއެވެ. ތައްޔާރުކުރާ ތަކެތީގެ ބާވަތްތަކާއި މިންވަރު އިތުރުކުރުން އޮންނަނީ ލިބޭ އުފަލަކަށް ވެފައެވެ. މަދުވުން ކަންބޮޑުވާންޖެހޭ ފަދަ ކަމަކަށްވާތީ، ހަމަ ޔަޤީނުން ވެސް މަދުނުވާވަރު ކުރަން އުޅޭން ހަދައިގެން، ގިނަ ފަހަރަށް ވަނީ ގިނައެވެ. ގިނަވި ބަޔަށް ޖާގައެއް ލިބެނީ ކުނިގޮނޑުންނެވެ. ކުރެވެނީ އިސްރާފެވެ. މިއީ ހަމަ ވަރަށް ގިނަ ގޭގޭގެ ހާލަތެވެ. އިސްރާފު ކުރުމަކީ އެއް ވެސް ހަމައަކުން ބަލާއިރު، ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އިޖުތިމާއީ ހަމައަކުން ބެއްޔަސް، ދީނީ ހަމައިން ބެއްޔަސް، އިޤުތިޞާދީ ހަމައިން ބެއްޔަސް ވެހެވެ. އެހެންކަމުން ރޯދަމަހެއްކަމަކު ގިނަވެ އިސްރާފުކުރާންޖެހޭ ވަރަށް ކާބޯތަކެތި ތައްޔާރު ނުކުރާށެވެ!

ރަމަޟާން މަހުގައި ހިފި ރޯދައަށް ފުރިހަމަކަން އަންނަނީ،މި މަހާ ވިދިގެން އަންނަ، ފިތުރުޢީދުގެ ނަމާ ގުޅުވައިގެން ނަން ދެވިފައިވާ، ފިތުރު ޒަކާތް އޭގެ ޙައްޤު ވެރީންނަށް އަދާކުރެވުނީމައެވެ. ފިތުރު ޒަކާތަކީ ރޯދަ މަހުގައި ރޯދަވެރީންނަށް ކުރެވިފައިވާ ކުދި ފާފަތަކުން މިންޖުވުމަށް އޮތް ކައްފާރާއެއް ކަމުގައި ބުނެވެއެވެ. މި ޒަކާތުގެ އަނެއް ފައިދާއަކީ،ފިތުރު ޒަކާތް ނެރުމުން ﷲގެ ޙަޟުރަތުގައި ތިމާއަށް ދަރުމަ ލިބޭ އިރު، އަނެކުންގެ ހިތްދަތިކަން ފިލުމެވެ. އެހެންކަމުން ރަމަޟާން މަސް ނިމުމުގެ ކުރީން ފިތުރު ޒަކާތުގެ ވާޖިބު އަދާކުރުމަކީ ހަމަ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ހަދާށެވެ. ޒަކާތަށް ދައްކަޖެހޭ މިންވަރަކީ ކޮބައިތޯ ބަލައި، އެ މިންވަރެއް ނިކަމެެއްޗަކަށް ދީގެން ނަމަވެސް، މިކަން ފުރިހަމަ ކުރުމަށް ސަމާލުކަން ދޭށެވެ!
ގުޅޭ ޓެގު
comment ކޮމެންޓް