އެޕަލްގެ އަގު 300 ބިލިއަނަށް ވުރެ މައްޗަށް އުފުލިއްޖެ!

ތިޔަ ހީކުރީ ހަމަ ރަނގަޅަށެވެ. މި ދައްކަނީ އަނގަޔަށް މީރު މޭވާއެއްގެ ވާހަކައެއްނޫނެވެ. އެކަމަކު، ޓެކްނޮލޮޖީގެ ހިތްގައިމު އުފެއްދުންތަކެއް ބާޒާރަށް ނެރެ، އެ އާފަލެއްގެ ރަހަޔަށް ގިނަބައެއްގެ ހިތް ޖައްސުވާފައިވާ "އެޕަލް" ގެ ވާހަކައެވެ.


މި ދިޔަ ހޯމަ ދުވަހު ހިއްސާގެ ބާޒާރުގައި އެޕަލް ގެ ޙިއްސާއެއްގެ އަގު ވަނީ ހަތް ދަރަޖައަށްވުރެ މައްޗަށް ޖެހިލައި، 392.75 ޑޮލަރަށް އަރައިފައެވެ. ނަތީޖާއެއްގެގޮތުން ކުންފުނީގެ އަގު މިހާރު އުޅެނީ ގާތްގަޑަކަށް 302.47 ބިލިއަނަށްވުރެ މަތީގައެވެ.


އެޕަލް އިން ހާމަކޮށްފައިވާ ގޮތުގައި އައިޕެޑާއި އައިފޯނު ހަތަރެއްގެ އެޙީއާއިއެކު މިދިޔަ 2010 ވަނަ އަހަރު އެކުންފުންޏަށް ވަނީ ރެކޯޑު ޢަދަދަކަށް ނަފާ ލިބިފަ އެވެ. އެގޮތުން އަހަރުުގެ ހަތަރުވަނަ ކުއާޓަރުގައި އެކަނިވެސް 3.89 މިލިއަން މެކާއި، 14.1 މިލިއަން އައިފޯނުގެ އިތުރުން އައިޕޮޑްގެ 9.05 މިލިއަން އުފެއްދުމާއި، 4.19 މިލިއަން އައިޕެޑް ވިކިފައި ވާކަމަށް ރިޕޯރޓްކޮށްފައިވެ އެވެ.


މީގެ އަށް މަސް ކުރިން އެޕަލްއިން ވަނީ ކުންފުނީގެ އަގު 223 ބިލިއަން އެމެރިކާ ޑޮލަރަށް އަރުވައި، ވާދަވެރި މައިކްރޯސޮފްޓް ފަހަތައް ޖައްސައިލުމަށްފަހު ދުނިޔޭގެ އެންމެ އަގުބޮޑު ޓެކްނޮލޮޖީ ކުންފުނީގެ ޝަރަފް ހޯދައިފައެވެ. އަދި ނިމިގެންދިޔަ އޮކްޓޯބަރު މަހު ކުންފުނީގެ ޙިއްސާ 300 ޑޮލަރަށް ވުރެ މައްޗަށް އެރުމާއިއެކު ކުންފުނީގެ އަގު 274 ބިލިއަނަށްވުރެ މައްޗަށް އުފުލިގެން ދިޔައެވެ.


‹މީގެ އަށް މަސް ކުރިން އެޕަލް ވަނީ ކުންފުނީގެ އަގު 223 ބިލިއަން އެމެރިކާ ޑޮލަރަށް އަރުވައި، މައިކްރޯސޮފްޓް ފަހަތައް ޖައްސާފައި›


މި ކާމިޔާބީ އާއިއެކު އެޕަލް އަކީ މިހާރު މުޅި ދުނިޔެއިންވެސް ދެވަނައަށް އެންމެ އަގުބޮޑު ކުންފުންޏެވެ. އެއްވަނައިގައި އޮތް އެއްޒޮން މޯބައިލް ކޯޕަރޭޝަން ގެ އަގު އުޅެނީ 376 ބިލިއަނުގައެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ އެޕަލް އިން އެއްޒޮން އާއި ވާދަކޮށް ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަޤާމު ހޯދަން އުޅެފާނެތޯ، އަދި އެކަމަށް ފައިނަގައިފިނަމަ ކާމިނާބުވާނީ ކިހައި ދުވަހަކުންތޯ ކުރެވޭ ސުވާލެވެ. -- އިބްރާހިމް ސަމީރު

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު