މައްސަލަ އުޅޭ އައިފޯން ޗާޖަރު ތަކެއް އެޕަލް އިން ބަދަލުކޮށްދެނީ

އާދަޔާ ހިލާފަށް ހޫނުވެ، ބޭނުންކުރާ ފަރާތްތަކަށް ނުރައްކާވެދާނެ ކަމަށް ބުނެ 2009 އޮކްޓޯބަރ އަދި 2012 ގެ ސެޕްޓެމްބަރ އާ ދެމެދު ވިއްކާފައިވާ އައިފޯން އެޑަޕްޓަރ ނުވަތަ ޗާޖަރުތައް ބަދަލުކޮށްދިނުމުގެ ޕްރޮގްރާމެއް އެޕަލް އިން ފަށައިފިއެވެ.

މައްސަލަ ޖެހިފައިހުރި ޗާޖަރުތައް ޔޫރަޕް، އެފްރިކާ އަދި އޭޝިއާގެ ގައުމުތައް ހިމެނޭ ގޮތަށް، އިންޑިއާ އަދި ވިއެޓްނާމް އާ އެކު37 ގައުމެއްގައި ވިއްކާފައިވާ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ އެއް ނުހިމެނެއެވެ. އަދި ރާއްޖެއަށް އާއްމުކޮށް އައިފޯން އެތެރެކުރާ ސިންގަޕޫރު އަދި އެމެރިކާވެސްވަނީ އެޕަލް އިން ހުކުރު ދުވަހު ނެރުނު ލިސްޓުން އިސްތިސްނާވެފައެވެ.

މައްސަލަ ހުރިކަމަށް އެޕަލް އިން ބުނަނީ“އެޕަލް 5ޑަބަލިއު ޔޫރަޕިއަން ޔޫއެސްބީ ޕަވަރ އެޑަޕްޓަރ” ގައެވެ. މި ޗާޖަރު ވިއްކާފައި ވަނީ އައިފޯން 3ޖީއެސް، އައިފޯން 4 އަދި އައިފޯން 4އެސް މޮޑެލްގެ ފޯނުތަކާ އެކުގައެވެ. އަދި ފޯނާ ވަކިން، ހަމަ އެކަނި ޗާޖަރުވެސް ވިއްކާފައިވާ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.

ނަމަވެސް ބަދަލުކޮށްދޭނެ ކަމަށް ބުނާ ބެޗް ގެ ޗާޖަރުތަކުގައި މައްސަލަ އުޅޭ ކަން އެނގުނީ ކިހިނެއް ކަމެއް އެޕަލް އިން ހާމަކޮށްފައެވެ ނުވެއެވެ. އަދި މިއިން ޗާޖަރެއް ބޭނުންކޮށްގެން މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް ނުވަތަ ނޫންކަމެއްވެސް ނުބުނެއެވެ. ބަދަލު ކުރަން މަޖުބޫރުވީ ކިތައް ޗާޖަރު ކަމެއްވެސް އެ ކުންފުންޏަކުން ހާމައެއް ނުކުރެއެވެ.

ޗާޖަރުތައް ބަދަލުކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން މައްސަލަ އުޅޭ ޗާޖަރުތައް ދެނެގަންނާނެ ގޮތް އެޕަލްގެ ވެބްސައިޓްގައިވާ ވަނީކިޔާދީފައެވެ. އޭގައި ވާގޮތުން ޗާޖަރުގެ ކަށި ހުންނަ ފަޅީގައި މޮޑެލް ނަމްބަރ “އޭ1300” ޖަހާފައިވާ، އަދި “ސީއީ”، އިނގެރޭސި ބަހުން މި ދެ އަކުރުގެ އެތެރޭގައި އަޅި ކުލައިން ފަވާފައިވާ ޗާޖަރުތަކަކީ މައްސަލަ އުޅޭ، ނުވަތަ “އެފެކްޓަޑް”ޗާޖަރުތަކެވެ.

މައްސަލަ އުޅޭ ޗާޖަރެއް ފެނިއްޖެ ނަމަ އެޕަލްގެ ރީޓެއިލް ފިހާރައަކަށް ނުވަތަ އޯތަރައިޒްޑް ސާވިސް ޕްރޮވައިޑަރ (އެޕަލްގެ ހުއްދަ އާ އެކު އެ ކުންފުނީގެ މުދާ ވިއްކާ ނުވަތަ ހިދުމަތްދޭ ފިހާރައަކަށް) ޗާޖަރު ގެންދިއުމުން ބަދަލުކޮށްދޭނެއެވެ. އަދި ޗާޖަރު ބަދަލުކުރާއިރު ޗާޖަރާ އެއްކޮށް ލިބުނު އައިފޯންގައިވާ ސީރިއަލް ނަމްބަރު ބަލަން ބޭނުންވާނެކަމަށައި، އެހެންކަމުން ޗާޖަރު ބަދަލުކުރަން ދާއިރު އައިފޯންވެސް ހިފައިގެން ދިއުން މުހިއްމު ކަމަށް އެޕަލް އިން ބުނެފައި ވެއެވެ.

އެޕަލް އިން މީގެ ކުރިން 2008 ވަނަ އަހަރު އެމެރިކާ، ޖަޕާން، ކެނެޑާ އަދި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުގައި ވިއްކާފައިވާ އައިފޯން 3ޖީ ޗާޖަރު ތަކެއްގައި މައްސަލަ އުޅޭ ކަމަށް ބުނެ ވަނީ ބަދަލުކޮށްދީފައެވެ. އަދި ޗައިނާގައި ވިއްކާފައިވާ ތާރޑް ޕާޓީ ޗާޖަރު ތަކެއްވެސް އެޕަލް އިން ވަނީ ބަދަލުކޮށްދީފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު