ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި އެސްއެމްއެސް ފޮނުވުން މަނާކޮށްފި

މިދިޔަ އަހަރުން ފެށިގެން ހަނގުރާމަ ކުރުން އާއްމުވެފައިވާ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ފޯނުން މެސެޖް ނުވަތަ އެސްއެމްއެސް ފޮނުވުން މަނާކޮށްފި އެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ސަރުކާރުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އެސްއެމްއެސް ފޮނުވުން މަނާކޮށްފައި ވަނީ ވެރިރަށް ބަންގޫއީ ގައި މުޒާހަރާކުރުމަށް ގޮވާލާ، މަސައްކަތް ހުއްޓާލައިގެން އިހްތިޖާޖު ކުރުމަށް ހިތްވަރުދޭ އެސްއެމްއެސް ތަކެއް ފެތުރެން ފެށުމުންނެވެ. މިދިޔަ ހަފްތާއިން ފެށިގެން ހަނގުރާމަކުރުމާ ތަކެއްޗާއި ތަންތަނަށް ގެއްލުންދިނުންވަނީ ބަންގޫއީގައި އާއްމުވެފައެވެ.

އެސްއެމްއެސް ފޮނުވުން މަނާ ކުރުމަށްފަހު ސެންޓްރަލް އެފްރިކަން ރިޕަބްލިކް ގެ ރައީސް އަންޑްރޭ ޒާޕަޔޭކޭ ވަނީ ހުރިހާ އެންމެން ވެސް އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށާއި އާދައިގެ މަތިން އޮފީހަށް ނުކުމެ އުޅުމަށް ގޮވާލާފައެވެ.

“ގައުމުގެ ސަލާމަތީ ހާލަތު ހަމައަކަށް ގެނައުމަށްޓަކައި 2 ޖޫން 2014 އިން ފެށިގެން އިތުރު ގޮތަކަށް އަންގަންދެން ހުރިހާ މޮބައިލް ފޯނުގެ ހިދުމަތްދޭ ފަރާތްތަކެއް އެސްއެމްއެސް ބޭނުންކުރުން މިވަނީ މެދުކަނޑަލާފައި،” ސެންޓްރަލް އެފްރިކަން ރިޕަބްލިކް ގެ މުއާސަލާތާ ބެހޭ ވުޒާރާއިން އެ ގައުމުގައި މުއާސަލާތީ ހިދުމަތްދޭ 4 ކުންފުންޏަކަށް ފޮނުވި އެންގުމެއްގައި ވެއެވެ.

ނަން ހާމަނުކުރުމަށް އެދި އޭއެފްޕީ އާ ވާހަކަދެއްކި މީހަކު ބުނިކަމަށް އެ ނޫހުން ހަބަރުދޭ ގޮތުގައި “އެތައް ދުވަހެއް ވަންދެން” އެސްއެމްއެސް މަނާކޮށްފައި ބާއްވަން ސަރުކާރުން ވަނީ ނިންމާފައެވެ. ބަންގޫއީގައި މިހާރު އެސްއެމްއެސް އެއް ފޮނުވައިފިނަމަ “އެސްއެމްއެސް ވަނީ މަނާކޮށްފައި،” މިހެން ލިޔެފައިވާ މެސެޖެއް އަނބުރާ ލިބޭކަމަށްވެސް އޭއެފްޕީ އިން ވަނީ ބުނެފައެވެ.

އާބާދީގެ ބޮޑު ބައި ނަސޯރާ ދީނަށް އުޅެމުން އަންނަ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ހަނގުރާމަކުރަން ފެށީ އެ ގައުމުގެ ވެރިކަމަށް ސެލަކާ ކިޔާ މުސްލިމު ޖަމާއަތަކުން ވެރިވެގަތުމުންނެވެ. ނަމަވެސް ގިނަ ދުވަސްތަކެއްގެ ހަނގުރާމައަށްފަހު ސެލަކާގެ ބާރުގައި ވެރިކަން ކުރަމުން އައި މިކެލް ޖޯޓޯޑިއާ ވަނީ މިދިޔަ ޖެނުއަރީ މަހު ވެރިކަމުން ދުރުކޮށްފައެވެ.

މިހާރު ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި އަމަން ބަލަހައްޓަމުން އަންނަނީ ފަރަންސޭސި ވިލާތާއި އެފްރިކާގެ ބައެއް ގައުމު ތަކުގެ އަމަން ދަމަހައްޓާ ސިފައިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު