އެޕަލްއިން އައިއޯއެސް 8 ދައްކާލައިފި

ހޯމަ ދުވަހު އެމެރިކާގެ ކެލިފޯނިއާގައި ބޭއްވުނު އެޕަލްއިގެ އަހަރީ ވާލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރަންސް ގައި އައިއޯއެއްގެ އައު ވާޝަން، އައިއޯއެސް 8 ދައްކާލައިފި އެވެ.

އެޕަލްގެ އައިފޯން، އައިޕޮޑް އަދި އައިޕެޑްތަކުގައި ބޭނުންކުރަމުން އަންނަ އައިއޯއެސް ސީރީޒް ސޮފްޓްވެއާގެ އެންމެ ފަހުގެ ވާޝަން ގައި އައު ކަންތައްތަކެއް އެކުލަވާލާފައިވެއެވެ. ނަމަވެސް އައިއޯއެސް 7 ގައި ޑިޒައިން އަށް ގެނައިފަދަ ބޮޑު ބަދަލެއް އައިއޯއެސް 8 އިން ފެނިފައެވެ ނުވެއެވެ.

އައިފޯން 4، ފިފްތު ޖެނަރޭޝަން އައިޕޮޑް ޓަޗް، އައިޕެޑް 2 އަށް ވުރެ ފަހުގެ ފޯނުތަކާ އައިޕޮޑް އަދި އައިޕެޑް ތަކަށް އައިއޯއެސް 8 ލިބޭނެއެވެ. އައިއޯއެސް 8 ދޫކުރަން ފަށާނީ މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައެވެ.

އައިއޯއެސް 8 ގައި އަލަށް ތައާރަފްކުރި ކަންކަމުގެ ތެރޭގައި މެސެޖެއް އައުމުން ނޯޓިފިކޭޝަން ޑްރޯއަރ ތެރެއިން މެސެޖައަށް ޖަވާބުދެވުން ހިމެނެއެވެ. ހަމަ މިގޮތަށް، ފޭސްބުކް ނޯޓިފިކޭޝަން އެއް އަތުވެއްޖެ ނަމަ ނޯޓިފިކޭޝަން ޑްރޯއަރ ތެރެއިން އެ ޕޯސްޓްއަކަށް ލައިކްކޮށް، ކަލަންޑަރު އިވެންޓްތައްވެސް ބަދަލުކުރެވޭނެއެވެ.

އައު އައިއޯއެސް 8 ގެ “ސްޕޮޓް ލައިޓް ސާޗް” ވެސް ވަނީ ރަނގަޅުކޮށްފައެވެ. އެގޮތުން ސްޕޮޓްލައިޓް ބޭނުންކޮށްގެން އިންސްޓޯލް ކޮށްފައި ނުވާ އެޕަލިކޭޝަންތަކާއި ލަވަތައް ސާޗްކުރެވެއެވެ. އަދި ސްޕޮޓްލައިޓްގައި ސާޗްކޮށްގެން ހަބަރު ބަލައިލުމުގެ އިތުރުން، ދާން ބޭނުންވާ އެޑްރެހެއް ސްޕޮޓްލައިޓްގައި ޖަހާލުމުން ދަތުރުކުރަން އެންމެ ފަސޭހަ މަގާއި ދާން ނަގާނެ ވަގުތު ދައްކައިދޭނެއެވެ.

އައިއޯއެސް 8 ގައިވާ ކީބޯޑް އަށް ވެސް ވަނީ ރަނގަޅު ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި “ޓެކްސްޓް ޕްރިޑިކްޝަން” ނުވަތަ ލިޔަމުން ދާއިރު ލިޔަމުންދާ އަކުރުތަކާއި ބަސްތައް ދެނެގަތުމުގައި އައު ކީބޯޑް މާ ރަނގަޅުވާނެކަމަށް އެޕަލް އިން ބުނެއެވެ. އަދި ހަމަ އެއާ އެކު “ތާޑް ޕާޓީ”ކީބޯޑްތައްވެސް އައިއޯއެސް 8 ގައި ބޭނުންކުރެވޭގޮތަށް ވަނީ ހުޅުވާލާފައެވެ. މީގެ މާނަ އަކީ އެންޑްރޮއިޑްއަށް މަޝްހޫރު “ސްވައިޕް” ކީބޯޑް ފަދަކީބޯޑްތަކައި، ޓައިޕްކުރެވޭނެ އައު ގޮތްތައް އައިފޯނަށް އައުންއޮތީ ޑިވެލޮޕަރުންގެ އަތްމަތީގައި ކަމެވެ.

އައިމެސްޖް އަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގޮތުން އައިއޯއެސް 8 ގައިވާ އައިމެސެޖް އެޕްލީކޭޝަންގެ ތެރެއިން ވީޑިއޯ އަދި އޯޑިއޯ ފޮނުވެއެވެ. އަދި އޯޑީއޯ މެސެޖަކަށް ޖަވާބު ދޭން ފޯނު ހުޅުވާކަށް ނުޖެހެއެވެ. ލޮކްސްކްރީން ގައި ހުރެގެން ފޯނު ކަނފަތާ ގެނެސް، ވާހަކަދައްކާ މެސެޖް ރެކޯޑްކޮށް ފޮނުވޭނެއެވެ.

އައިއޯއެސް 8 ގައި އެންމެ ބޭނުންތެރި ކަމަކަށް ފާހަގަކޮށްލެވެނީ އަލަށް އެކުލަވާލާފައިވާ “ކޮންޓިނިއުޓީ” ފީޗާ އެވެ. ކޮންޓިނިއުޓީ ގެ ސަބަބުން ފޯނަށް އަންނަ ފޯނުތަކާ މެސެޖްތަކަށް މެކްބުކްއިން ޖަވާބުދެވެއެވެ. މީގެ މާނައަކީ ގޭގެ އަނެއްފަރާތުގައި ފޯނު އޮތް ކަމުގައި ވިޔަސް، ފޯނެއް އައުމުން ކޮމްޕިއުޓަރު ކައިރީގައި އިނދެ، ކޮމްޕިއުޓަރުން ފޯނަށް ޖަވާބުދެވޭނެކަމެވެ.

ބޭނުންކުރާ މީހާއަށް އައިއޯއެސް 8 ގައި ވާ ބަދަލުތައް އެހާ ގިނަ ކަމުގައި ނުފެނުނަސް އައިއޯއެސް ގެ މި އައު ވާޝަން އަކީ ޑިވެލޮޕަރުންނަށް ނުވަތަ ސޮފްޓްވެއާ އުފައްދާ ފަރާތްތަކަށް ފަސޭހަވާނޭ ފަދަ ބަދަލުތަކަކާ އެކު ނެރެވޭ ވާޝަންއެއް ކަމަށް އެޕަލް އިން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު