ސްކައިޕް އަށް“ރިއަލް ޓައިމް ޓްރާންސްލޭޓަރ” އެއް މައިކްރޮސޮފްޓް އިން ދައްކާލައިފި

ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަމުން ދާ އިރު ދެކޮޅުން ވާހަކަ ދައްކާ މީހުންނަކީ ދެ ބަހުން ވާހަކަ ދައްކާ މީހުނަށް ވާނަމަ، ދެކެވޭ ވާހަކަތައް ވަގުތުން ވަގުތައް ތަރުޖަމާކޮށްދޭ ޓެކްނޮލޮޖީއެއް މައިކްރޮސޮފްޓް އިން ދައްކާލައިފިއެވެ.

ސްކައިޕް އަކީ އިންޓަނެޓް މެދުވެރިކޮށް ވީޑިއޯ އާއި އަޑު ފޮނުވައިގެން ދުނިޔޭގެ އެކި ކަންކޮޅުގަކުގައި ހިލޭ ވާހަކަދައްކާލެވޭ ހިދުމަތެކެވެ. ސްކައިޕް އާ އެކު ބޭނުން ކުރެވޭ މި އައު ޓެކްނޮލޮޖީއަށް ކިޔަނީ “ސްކައިޕް ޓްރާންސްލޭޓް” އެވެ.

މިސާލަކަށް، އިނގެރޭސި ބަހުން ވާހަކަ ދައްކާ މީހަކާ ހިންދީ ބަހުން ވާހަކަ ދައްކާ މީހަކު ސްކައިޕް ޓްރާންސްލޭޓް ޖައްސައިގެން ވާހަކަދައްކާ ނަމަ، އިންގެރޭސި ބަހުން ވާހަކަ ދައްކާ މީހާ ބުނާ އެއްޗެއްގެ ތަރުޖަމާ އިންޑިޔާ މީހާއަށް ހިންދީ ބަހުންފެންނެއެވެ. އަދި ހިންދީ ބަހުން އަޑުވެސް އިވޭނެއެވެ. ހަމަ އެގޮތަށް އިންޑިޔާ މީހާ ހިންދީ ބަހުން ދައްކާ ވާހަކަ އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހާއަށް އިވޭނީ އިނގެރޭސިންނެވެ.

މީގެ މާނައަކީ، މި ޓެކްނޮލޮޖީ މެދުވެރިކޮށް ރާއްޖޭގައި ހުންނަ ވިޔަފާރި ވެރިއާއަށް ޗައިނާގައި ހުންނަ އޭނާގެ ޕާޓްނަރާ ގުޅަލާ ކަންކަން މަޝްވަރާކުރަން ފަސޭހަވެގެން ދިއުމެވެ. ޗައިނާ މީހާ އިނގެރޭސި ބަހަށް ކިތަންމެ ކޮށި ކަމުގައިވިޔަސް މެއެވެ. މިފަދަ އެހެން އެތައް ސަބަބުތަކަކަށް ޓަކައި މި ޓެކްނޮލޮޖީގެ އަކީ “އުއްމީދީ” ޓެކްނޮލޮޖީއެއްގެ ގޮތުގައި އިންޑަސްޓްރީ ދިރާސާ ކުރާ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

“އެއްވެސް ހުރަހަކާ ނުލާ މުއާމަލާތް ކުރެވޭނެކަން މީގެން ޔަގީންކޮށްދޭނެ،” މައިކްރޮސޮފްޓް ގެ ސީއީއޯ ސަޓިޔާ ނަޑެއްލާ، މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ލޮސް އެންޖަލިސްގައި ބޭއްވި ކޯޑް ކޮންފަރެންސް ގައި ވާހަކަދައްކަމުން ބުންޏެވެ.

ސްކައިޕް ޓްރާންސްލޭޓް ގެ ފަހަތުގައިވާ ޓެކްނޮލޮޖީއަކީ15 ވަރަކަށް އަހަރު ގެ ދިރާސާގެ ނަތީޖާކަމަށް މައިކްރޮސޮފްޓްއިން ބުންޏެވެ. ސްކައިޕް ޓްރާންސްލޭޓް ގެ ޓެސްޓް ސޮފްޓްވެއާއެއް މި އަހަރު ފަހުކޮޅު ވިންޑޯސް 8 އަށް ނެރޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ސްކައިޕް ޓްރާންސްލޭޓްގައި ތަރުޖަމާ ކުރެވެން ހުނަނާނީ ކޮންކޮން ބަސްބަހެއް ކަމެއް އަދި މައިކްރޮސޮފްޓް އަކުން އިއުލާނެއް ނުކުރެއެވެ.

މި ދިރާސާތަކުގެ ފަހަތުގައިވާ ޓެކްނޮލޮޖީއަށް ކިޔަނީ “ޑީޕް ނިއުރަލް ޏެޓްވާކްސް” އެވެ. މި ޓެކްނޮލޮޖީއިން އިންސާން ކަންކަން ދަސްކުރާ ގޮތް ނަކަލުކުރަން ދަސްކުރާކަމަށް މައިކްރޮސޮފްޓް އިން ބުނެއެވެ.

“އަހަރަމެންގެ ހޯދުންތަކުން އެންމެ އަޖައިބުކުރަނިވި އެއް ހޯދުމަކީ ޓްރާންސްފަރ ލާނިން. އެއަށް އިންގެރޭސި ދަސްކޮށްދީފިއްޔާ އޭތި އިނގެރޭސި ދަސްކުރާނެ. އެއަށް މެންޑްރިން (ޗައިނާ ބަސް) ދަސްކޮށްދީފިއްޔާ މެންޑްރިން ވެސް ދަސްކުރާނެ. އެކަމަކު (މެންޑްރިން ދަސްކުރުމަށްފަހު) އެތީ އިންގެރޭސި ބަހަށް ކުރިއަށްވުރެ މޮޅުވޭ. އެއަށް ސްޕެނިޝް ދަސްކޮށްދީފިއްޔާ ސްޕެނިޝް ރަނގަޅަށް ދަސްކުރާނެ. ހަމައެއާއެކު މެންޑްރިން އާ އިނގެރޭސިއަށް އަދި މާ މޮޅުވާނެ. ހަގީގަތަށް ބުނާ ނަމަ އެކަކަށްވެސް ނޭންގޭ އެއީ ކީއްވެގެން އަކަމެއް” މައިކްރޮސޮފްޓްގެ ސީއީއޯ ސަޓިޔާ ނަޑެއްލާ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު