މިއީ ފުޓުބޯޅައިގެ ފޯރި ދިވެހި ޖައްވުގައި ވަރަށް ބޮޑަށް ގުގުމަމުން އަންނަ ދުވަސްވަރެކެވެ. އޭ އެފްސީ ޗެލެންޖް ކަޕްގެ މެޗުތައް ކުޅެވެމުން ރާއްޖެއަށް ކުރިއެރުން ލިބެމުން އަންނަނީ ދިވެހީންގެ ހިތްތައް އުފަލުން ފޮޅުވަމުންނެވެ. މިއަދު ރާއްޖޭގެ ގައުމީޓިމް އެވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. މާދަމާރޭ ސެމީފައިނަލްމެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެންމެހައި ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާއަކަށް ވާނީ، އެމެޗުން ދިވެހި ގައުމީޓީމު މޮޅުވެ، ފައިނަލަށް ދަތުރުކުރުމެވެ.

އެވާހަކަ އެހައް ބާއްވައިލާނަމެވެ. މިއީ ދިވެހި ގައުމީޓީމު ދެވަނަ މެޗު ކުޅުނު ރޭގެ ވާހަކައެކެވެ. ދިވެހިރާއްޖޭގެ ގައުމީޓީމާއި، ކިރްގިސްތާނުގެ ޓީމް ކުޅުނު މެޗު 0-2 އިން ކާމިޔާބުކުރީ ދިވެހި ގައުމީޓީމެވެ. މިޔަންމާއާއެކު ކުޅުނު މެޗުން ލިބުނު ހިތްދަތިކަމަށް ހަމަޖެހުމެއް ލިބި، އުއްމީދެއް އައުކޮށްދިން މެޗަކަށް އެ މެޗު ވެގެން ދިޔައެވެ. ދިވެހީންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލި މެޗަކަށް އެ މެޗު ވެގެން ދިޔައެވެ. ހަމަ ކޮންމެ ދިވެއްސަކު ވެސް މި އުފަލުގައި، އުފަލާއެކު ބައިވެރިވާން ޖެހޭފަދަ އުފަލަކަށް އެރޭގެ މެޗުގެ ނަތީޖާ ވެގެން ދިޔައެވެ.

މެޗު ނިމިގެން ދަނޑުން މީހުންތައް ނިކުތްއިރު، އެރޭގެ އެގާރަޖަހައި ބޮޑުވެދާނެއެވެ. ކޮންމެ މީހަކު ވެސް ދަނޑުން ނިކުމެގެން ހިނގައިގަތީ، އުފަލުން ފޮޅިފައިވާ ހިތަކާއެކުގައެވެ. އެކި މީހުން އުފާފާޅުކުރަމުން ގެންދިޔައީ އެކި ގޮތަށެވެ. ހިނިތުންވެލުމާއެކު، އެކަކު އަނެކަކާ ސަލާންކޮށްލާތަން ފެނުނެވެ. މެޗުގެ ތަފާތު ވާހަކަތައް ދައްކައިގެން، ހިތްހަމަޖެހުން އިތުރަށް ހޯދަމުން ގެންދިޔަ މީހުން ފެނުނެވެ. ހުނުމާއި މަޖާ ވާހަކަދެއްކުމުން ހިތް އުފާކުރަމުން ގެންދިޔަ މީހުން ވެސް ފެނުނެވެ. މި ކަހަލަ ބޮޑެތި ކާމިޔާބީތަކާ ގުޅިގެން އުފާކުރަން ޖެހޭނެއެވެ. ވަރަށް ރަނގަޅު ކަމެކެވެ.

އުފާކުރާއިރު ވެސް ވިސްނާންވީ، ކޮންމެ ކަމަކަށް ވެސް މިންވަރެއް އޮންނާން ޖެހޭނެކަމެވެ. ނުވަތަ މިންގަނޑެއް އޮންނާންވާނެކަމެވެ. ތިމާ ކުރާ އުފަލަކީ، އަނެކާގެ ހިތާމައަކަށް ނުވަތަ ހިތްދަތިކަމަކަށް ވެގެން ނުވާނެއެވެ. މިހެން މި ދެންނެވީ ކުރީން މި ދެންނެވި ރޭ، މާލޭގެ މަގުތަކުން ފެނުނު އުފާކުރުމުގެ ބައެއް ހަރަކާތްތައް ހުރި ގޮތުންނެވެ. ބައެއް ޒުވާނުންގެ އަމަލުތައް ފެނިގެން ދިޔަ ގޮތުންނެވެ. އޭގެ ތެރެއިން ބައެއް ވާހަކަ ލިޔެލާން ހިތަށް އަރައެވެ.

ދަނޑުން ނިކުމެގެން އައި ޒުވާން ފުރައިގެ ކުދީން ކޮޅެކެވެ. ހަނދާންވާ ގޮތުން އެ ގުރޫޕުގައި ތިބީ ފަސްކުދީންނެވެ. އެހެންނަމަވެސް އަޑުފަށްގަނޑު ހުރި ގޮތުން، ދިހަ ބާރަ ކުދީންހެން ހީވެއެވެ. މުޅި މަގުގައި އަޑު ބައްދައިލާފައި ވަނީ ހުނުމާއި،ލަވާ ހަޅޭކާއި، ކިޔާ ތަފާތު އެއްޗެހީންނެވެ. ކިޔައި އެއްޗެއް ކިޔަނީ ކަންފަތަށް މާ ފަސޭހަ ބަހުރުވައަކުން ނޫނެވެ. އެއް ކުއްޖަކު ބުނާއަޑު އިވުނެވެ. މަ މިހުރީ ވަރަށް ކިކު އައިސްފައެވެ. ހަގީގަތުގައި ވެސް އެކުދީން ތިބީ ވަރަށް ބޮޑަށް "ކިކު" އައިސްފައެވެ. ހިތާމައަކީ އެ ކުދީންކޮޅު ކިކު އައިސްފައި ތިބިއިރު، ހަމަ އެމަގުން މައިންނާއި ޅަދަރީން، ބަފައިންނާއި ޅަދަރީން އަންނަކަން އެކުދީންނަށް ނޭނގުނުކަމެވެ. އެ ވެރީން އެ ކިޔައި އެއްޗެއް އިވޭފަށުންނެވެ. ލަދުގަންނަ މީހަކު ކަންފަތުގައި އަތް އަޅަންވީއޭ ބުނާކަހަލައެވެ.

ދެން އަދި އެހެން މަންޒަރެކެވެ. މިއީ އަދި މާ ބޮޑު ގުރޫޕެކެވެ. ދަނޑުން ނިކުމެގެން ސައިކަލުގައި ނައްޓާލި ބައިގަނޑެކެވެ. ބަރުގޮނު އަޅަމުން، ހަޅޭއްލަވަމުން، ދުއްވުނުހައި ބާރަކަށް މަގުތަކުގައި ދުއްވައިނަގަނީއެވެ. ވިސްނާން ޖެހެއެވެ. އެއީ މެންދަންވުމާ ދާދި ކައިރިވެފައިވާ ވަގުތެކެވެ. ކުޑަކުދީންނާއި، ދުވަސްވީ މީހުންނާއި، ބަލި މީހުން ވެސް ގޭގޭގައި ތިބޭނެއެވެ. ވާނެ އުނދަގޫތަކެއް ހުންނާނެއެވެ. އުފާވިޔަސް، އުފާކުރިޔަސް، މިކަހަލަ ކަންކަމަށް ވިސްނައިލާން ޖެހޭނެއެވެ.

ބައެއް މީހުން ދަނޑަށް ވަނީ ޑްރަމްސެޓުކަހަލަ ތަކެތި ހިފައިގެންނެވެ. އެއީ ދަނޑުގައި ފޯރިގަދަކުރުމަށާއި، ޓީމަށް ކުރާ ސަޕޯޓާއި، ދޭ ތަރުހީބު ވަރުގަދަ ކުރުމަށެވެ. މިއީ ހަމަ އެއްވެސް މައްސަލައެއް ނޫނެވެ. ސަޕޯޓަރުންގެ ސަޕޯޓާއެކު މެޗު ނިމުނީ އުފާވެރި ނިމުމަކުންނެވެ. ލިބުނު ހިތްހަމަޖެހުމާއި އުފަލެއްގެ ބޮޑުކަމުން އެއްކަލަ "ޑްރަމްސެޓް" ހިފައިގެން ނިކުންނާންވީ މަގުމައްޗަށެވެ. އަތުގައި ހުރިއްޔާ ހުރި ބާރެއްލާފައި ޖަހަމުން މަގުތަކުގައި ހިނގާންވީއެވެ. އެއާ އެއްހަމައަށް ލަވަކިޔަމުން ނަށަމުންނެވެ. މަގުތަކުގައި އޮންނާނީ އަޑުބައްދާލާފައެވެ. ދުއްވާ އެއްޗެހީން ފުރި، މަގުބެދިފައެވެ. އޭގެ ބަރޮގޮނު އަޑާއި، ޑްރަމްސެޓުގެ ބުން އަޑާއި، ކިޔާލަވައާއި ހަޅޭއްފަޅޭކުގެ އަޑުން މުޅި ސަރަހައްދު ގުގުމާފައެވެ. މިއީ އުފާފާޅުކުރުމުގެ ނަމުގައި ނަމަވެސް ކަންކުރާން އެންމެ ރަނގަޅުގޮތްބާވައެވެ؟

ނަހީތަކުން އެއްކިބާވެ ތިބެ، އުފާކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެކެވެ. ނަހީން އެއްކިބާވުމަކީ، ދީނީގޮތުން އަދާކުރާންޖެހޭ ވާޖިބުތައް އަދާކުރުމަށްފަހު އުފާކުރުމެވެ. އުފާކުރުމަށްޓަކައި ކުރާކަމަކީ، ދީން ހުއްދަކުރާ ކަމަކަށް ވުމެވެ. އެފަދައިން ކުރާކަމަކުން، އަނެކާއަށް ދައްޗެއް ތުރާލެއް ނުވާނޭ ފަދަ ގޮތަކަށް، އެކަމެއް ކުރުމެވެ. އެހެންކަމަށް ވާނަމަ އުފާކުރުމަށްޓަކައި ކަމަށްވިޔަސް، މިއާ ޚިލާފަށް ކުރެވޭ ކަންކަން އެއީ ދީން ހުއްދަކުރާ ކަމަކަށް ނުވާނެއެވެ.

އެހެންކަމުން އަބަދުވެސް ހަނދާން ބަހައްޓަންވީ ތިމާއަށް، ނުވަތަ ތިމާގެ އާއިލާއަށް، ނުވަތަ ތިމާގެ ގައުމަށް ލިބޭ ކޮންމެ ކާމިޔާބަކީ، ތިމާމެން ކުރާމަސައްކަތާއެކު، ވަކި ފަރާތަކުން މިންވަރު ކުރެއްވުމުން ލިބޭ ކާމިޔާބެއްކަމެވެ. އެފަދަ ކާމިޔާބެއް ލިބުމުން، އެކަމަށް ޝުކުރުވެރިވާ ހާލު، އުފާކުރާން ޖެހޭނީ، އެފަރާތުން ހުއްދަކޮށްފައިވާ ހަމަތަކާއި އުޞޫލުތަކުގެ ތެރޭގައެވެ. އެހެންކަމުން ކާމިޔާބީގެ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަކަމަކަށް ﷲ އަށް ޝުކުރުކުރާށެވެ! އުފާކުރުމަށްޓަކައި ނަހީއަކަށް އަރައި ނުގަންނާށެވެ! އަދި އުފާކުރުމަށްޓަކައި ކުރާ ކަންކަން އެހެނިހެން ފަރުދުންނަށް ލިބޭ "ހިތާމައަކަށް" ވިޔަނުދޭށެވެ!
ގުޅޭ ޓެގު
comment ކޮމެންޓް