އެއީ ދެ ލޯބިވެރީންނެވެ. އެކަކު އަނެކަކު ދެކެ ނުހަނު ބޮޑަށް ލޯބިވާ ދެ ލޯބިވެރީންނެވެ. ރައްޓެހިވެގެން އުޅޭތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. ބޮޑު މައްސަލައެކޭ ބުނާވަރުގެ މައްސަލައެއް ނުޖެހެއެވެ. ދެ ކުދީން ނުލާހިކު ގުޅެއެވެ. ކުރާ އިތުބާރާއި ޔަޤީންކަން ނުހަނު ބޮޑެވެ. ދެފަރާތުގެ އާއިލާގެ ރުހުމާއި ގަބޫލުވުން ވެސް މިފަދައެވެ.

ކައިވެނީގެ ގޮށް ޖަހައިލުމަށް ދެ ކުދީން ގަސްދުކޮށްފިއެވެ. ދެފަރާތުގެ އާއިލާގެ ރުހުމާއެކު ކައިވެނީގެ ތާރީޚު ވެސް ކަނޑައަޅައިފިއެވެ. ރީތި ތާރީޚެކެވެ. ތެލެސީމިޔާއަށް ޓެސްޓުކުރިކަމުގެ ކާޑު، ފޯމާއެކު ކޯޓަށް ހުށައަޅަން ޖެހޭކަން އެނގުނީ،ކައިވެނީގެ ކަންކަމައިގެން އުޅޭންފެށި ހިސާބުންނެވެ. އެހައިތަނު ދެ ކުދީން އަވަސްވެގަތީ، ތެލެސީމިޔާއަށް ޓެސްޓް ކުރުމަށެވެ. ކޮންމެ ގޮތެއް ވިޔަސް ހަމަޖައްސާފައި އޮތް ތާރީޚުގައި ކުރަން ބޭނުންވެއެވެ.

ތެލެސީމިޔާ ސެންޓަރަށް ދެކުދީން ދިޔައީ އެކުގައެވެ. އެއަށްފަހު ނަތީޖާ ބަލާއި ވެސް ދިޔައީ އެކުގައެވެ. މާ ބޮޑު ޚިޔާލެއް ފިކުރެއް ނެތިއެވެ. އެހެންނަމަވެސް ދެން ކަންތައްވީ، ވެދާނޭ ކަމަށް ކުރީން ހީކުރި ގޮތަކަށް ނޫނެވެ. ލިބުނު ކާޑުގައި ޖަހާފައި އޮތީ "ބީޓާ ތެލެސީމިޔާ ވާރުތަކުރާގޮތް ހުންނަ" މި ޢިބާރާތެވެ. ފިޔާތޮށި ކުލައިގެ މި ކާޑު އަތަށް އެރުމާއެކު، ދެ ކުދީންނަށް ހީވީ ދުނިޔެ ގިޔާމަތްވިހެންނެވެ. ދެ ލޮލުން ކަރުނަ އޮހިގަތެވެ. އެކަކަށް އަނެކަކު ފެންނަހެން ހީވީ ލޮލުކޮޅަށް އޮބައިލާހައި ދުރުންނެވެ. އާއެކެވެ! ދެ ކުދީން މި ވީ، ދެ ކެރިއަރުންނަށެވެ. ނުހަނު ލޯބިން، އެކަކަށްޓަކައި ޤުރުބާންވާން ޖެހުނަސް ފަސްޖެހެން ބޭނުންނުވާ ހާލަތުގައި ތިބި ދެ ލޯބިވެރީންގެ ދެމެދަށް މި ވަނީ ކޮންފަދަ ހުރަހެއް ހެއްޔެވެ؟

ދެ ކުދީން ބަލިވެއްޖެއެވެ. ކެއުމާއި ބުއިން ނެތްކަމަކަށް ވެއްޖެއެވެ. ބޭނުންވަނީ ކައިވެނި ކުރާށެވެ. ކެރިއަރުންނަށް ވިޔަސް ހެވެވެ. އެކަކާ ނުލައި އަނެކަކަށް އުޅުން ދަތިކަމަކަށް ވާނެތީއެވެ. ހަމައެކަނި ދަތިކަމަކަށް ވާނެތީއެއް ނޫނެވެ. ނުވެސް އުޅެވޭނެތީއެވެ. ދެފަރާތުގެ ޢާއިލާ ކަންބޮޑުވެއްޖެއެވެ. ހަދާނޭ ގޮތަކާމެދު މަޝްވަރާކުރެވިއްޖެއެވެ. އެކި މީހުންގެ ޚިޔާލު އައީ އެކި ގޮތަށްކަމަށްވިޔަސް، އެންމެ ފަހުން އެއްބަސް ވެވުނީ، އެކުދީންގެ މިއަދު ހާލަތާމެދު އުފެދިފައިވާ ހަމްދަރުދީ އެއްގެ ސަބަބުން ކައިވެނި ކުރުވާށެވެ.

ދެ ލޯބިވެރީން ކޯޓުން ނިކުތީ އުފަލާއެކު އަތާއަތް ގުޅާލައިގެންނެވެ. މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ތުންފަތްމަތީގައި ވަނީ ހިނިތުންވުމެވެ. ބުނާކަހަލައެވެ. ދުނިޔޭގެ ހުރިހައި އުފަލެއް ލިބުނީއެވެ. އުފާވެރި ދިރިއުޅުމެއް ލިބުނީއެވެ. ހިތާމައާއި ހިތްދަތިކަން ފިލައި ދިޔައީއެވެ. ފިކުރެއް ޚިޔާލެއް ނެތި، ކުރިމަގު އުފާވެރި ކަމާއެކު ބައްޓަންކުރާނެ ފުރުޞަތު ލިބުނީއެވެ.

ދެތިން ހަތަރު އަހަރެއް ފަހެވެ. ކައިވެއްޏަށްފަހު، އުފަލާއެކު ކޯޓުން ނިކުމެގެން ދިޔަ ދެމަފިރީންގެ މޫނުމަތީން، މިއަދު ފެންނާން ހުރީ މުޅީން އެހެން ކުލައެކެވެ. އެދުވަހު ދެލޮލުގައި ހުރި އުފާވެރިކަމުގެ ވިދުވަރެއް މިއަދު ފެންނާކަށް ނެތެވެ. މިއަދު އެ ދެލޮލުގައި ހުރީ ކަރުނައިގެ ތެތްކަމެވެ. ދެމަފިރީންގެ ދެމެދަކު މައްސަލަތަކެއް ނުޖެހެއެވެ. ޚިޔާލުތަފާތެއް ވެސް ނުވެއެވެ. ދެއާއިލާގެ ގުޅުން ވެސް ހަރުދަނާކަމާއެކު އޮތެވެ. މާލީ ތަނަވަސްކަން ކުޑަ ނަމަވެސް، ނުދަރާ އުޅެވޭވަރު ވެއެވެ. ހިތްދަތިކަން ގުޅިފައިވަނީ މުޅީން އެހެން ކަމަކާއެވެ. ކައިރިކައިރީގައި ލިބުނު ލޯބިލޯބި ދެ ކުދީން، ލޭއަޅާބަލި ހުރި ދެކުދީންނަށް ވުމެވެ. ތެލެސީމިޔާ ބަލީގެ ދެ ކުދީންނަށް ވުމެވެ.

މިއަދު އެދެމަފިރީންގެ ދިރިއުޅުމަކުން އުފާވެރިކަމުގެ މަލެއް ނުފޮޅެއެވެ. ހަތަރު ފަރާތުން ވަށާލާފައި އޮތީ ނުތަނަވަސްކަމާއި ހާސްކަމެވެ. އެއް މަހު ލޭ އެޅުމާއެކު އަނެއް މަހަށް ލޭ ލިބޭނޭގޮތެއް އޮންނަނީ ހޯދާން ޖެހިފައެވެ. މިވަރުން ފުދުނީއެއް ނޫނެވެ. ހަފުތާއަކު ފަސްދުވަހު ޑެސްފަރޯލް އިންޖެކްޝަން ޖެހުން ވެސް ކުޑަ ކަމަކަށް ނުވެއެވެ. އެންމެ ބޮޑު ހިތާމައަކީ ދަރީން ތިބޭލެއް ނިކަމެތިކަމާއި، އެކުދީން ތަޙައްމަލުކުރަމުން ގެންދާ ވޭނާއި ކެކުޅުމެވެ. ހިތް ފަޅައިގެންދާވަރު ވެއެވެ.

މިއަދު އެދެމަފިރީންނަށް ވަނީ ލޯ ހުޅުވިފައެވެ. އެދުވަހު ތިބެވުނީ ޢިޝްޤީޖަޒުބާތުން ކަނުބަނދެވިފައިކަން ޤަބޫލުކުރެވެއެވެ. ކައިވެނި ކުރެވުނު މޮޔަ ހީވާފަހަރު ވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ދެން ކުރާނޭ ކަމެއް ނެތެވެ. ވަގުތު ފާއިތު ވެއްޖެއެވެ.

މިއީ މިއަދުގެ މި ހޭލުންތެރި، ޓެކްނޯލޮޖީ ފުޅާވެ، އަތަށް އަރާފައި އޮތް ދުވަސްވަރު ވެސް، ކަން ހިނގަމުން އަންނަ ގޮތެވެ. އެހެންނޫންނަމަ، ތެލެސީމިއާ ބަލި ހުންނަ 26 ކުދީން އަހަރެއްގެ މައްޗަށް މި ކުޑަކުޑަ އާބާދީގެ ތެރެއަށް ނޭވާއެއް ނުލާނެއެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެނގިތިބެ މިފަދަ ކަންކަން ކުރާތީއެވެ. ތިމާގެ ދަރީންގެ މުސްތަޤުބަލަށް ވިސްނައިލާނަމަ، މިފަދަ ކަންކަން ކުރާނެއެކޭ ނުބެނެވޭނެއެވެ.

މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ، ވީ އެންމެ އަވަހަކަށް ޓެސްޓު ހެދުމެވެ. ތިމާއަކީ ކެރިއަރެއްތޯ ނުވަތަ ނޫންތޯ ބަލައި ކަށަވަރު ކުރުމެވެ. ހަޔާތުގެ ބައިވެރިއަކަށް މީހަކު އިޚުތިޔާރު ކުރުމުގެ މާ ކުރީންނެވެ. ތިމާ ކެރިއަރަކަށް ވެއްޖެ ނަމަ، ތިމާ ހިތް އެދޭ ކުއްޖަކު އިޚުތިޔާރު ކުރުމުގައި ބަލާ ސިފަތަކުގެ ތެރެއަށް، މިކަން ވެސް އިތުރުކުރާށެވެ. އެއީ ކެރިއަރެއްތޯ ނުވަތަ ނޫންތޯއެވެ. އެއީ ރަނގަޅު އުޅުމެއް ހުންނަ ކުއްޖެއްތޯ ނުވަތަ ނޫންތޯ ބަލާ އުޞޫލުންނެވެ. ކެރިއަރަކަށް ވެއްޖެ ނަމަ، މިޞްރާބު ބަދަލުކޮށްލާނީއެވެ. ހިތަށް މާ ބޮޑު ތަދެއްނުވެ މިކަން ކުރެވޭނެއެވެ. އެކަމަކު ލޯބީގެ ދޮރާށިން ވަނުމުގެ ކުރީން އުޅެފިއްޔާއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް