ލޯބި ދޭށެވެ! ލޯބި ލިބޭނެއެވެ.

މީގެ ދުވަސްކޮޅެއް ކުރީން "ލޯބިވާށެވެ! ލޯބިދޭށެވެ!" މި ނަމުގައި ލިޔުނު ކޮލަމާ ގުޅިގެން ބައެއް ކިޔުންތެރީން ދެއްކި ވާހަކަތަކުގެ ސަބަބުން މި ލިޔުން ލިޔެލާން ހިތަށް އެރީއެވެ. ބައެއް މީހުން ބުނަނީ، މައިން ބަފައިން މުސްކުޅިވެ ގައިބާރު ނެތިގެންދާ ދުވަހު، ދަރީންގެ ފަރާތުން މައިން ބަފައިންނަށް ގިނަފަހަރަށް އަޅައިލުމާއި ލޯބި ނުލިބެނީ، ދަރީންނާ މެދު މައިން ބަފައިންނަށް ވެސް ކަންތައް ކުރެވިފައި ހުންނަ ގޮތުން ކަމަށެވެ. އެ ޚިޔާލަށް ތާޢީދު ކުރެވެއެވެ. އެގޮތަށް އެކަން ދިމާވުމުގައި މައިންބަފައިންގެ ދައުރުވެސް ކުޑައެއް ނޫނެވެ. ހަކުރު އަޑުބައެއްގެ ވެސް ދެކޮޅު އޮންނާނެއޭ ބުނާ އުޞޫލުން މިކަމުގައި ވެސް ދެ ކޮޅު އެބަ އޮތެވެ.

ދަރީން ދުނިޔެއަށް އަންނަނީ ސާފު ޠާހިރުކަންމަތީގައެވެ. އެއްވެސް ކަހަލަ މިލައެއް، ހަޑިއެއް ނެތިއެވެ. އެ ކުއްޖާގެ އެތެރެފުށުގައި ވެސް އަދި ބޭރުފުށުގައި ވެސް މެއެވެ. މަދު ކުއްޖެއް ފިޔަވައި ދަރިފުޅު ގެންގުޅެ ބޮޑުކުރަނީ އެކުއްޖެއްގެ މައިން ބަފައިންނެވެ. ތަރުބިއްޔަތު ވަމުން އަންނަނީ، މައިންގެ އުނގުގެ ތެރޭގައެވެ. ކުޑަ ކުދީންނަކީ މޮޑެފައި އޮންނަ ފުންގަނޑެއް ފަދަ ބަޔެކެވެ. ބޭނުން ކިއްސަރަކަށް، ބޭނުން ސިފައަކަށް ފަތުރާލައި، ބައްޓަން ކޮށްލެވިދާނެއެވެ.

ފާޑު ހުރި، ވައްޓަފާޅި ދަންނަ މީހާ އޭނާގެ އެ ތުއްތު މަޢުޞޫމު ދަރިފުޅު ބައްޓަން ކޮށްލާނީ، ކުއްޖާގެ މުސްތަޤުބަލަށާއި، ގައުމުގެ ކުރިމަގަށް ލާބަހުރި ގޮތަށެވެ. އެކުއްޖެއްގެ ކިބައިގައި އިންސާނިއްޔަތުކަމާއި އީމާންތެރިކަމާއި އިޚުލާޞްތެރިކަން ހުންނާނެއެވެ. މައިން ބަފައިންނަކީ މައިންބަފައިން ކަމާއި ޢާއިލާގެ މީހުންނަކީ ކިހައި މުހިންމު ބަޔަކުކަން ދަންނާނެއެވެ. އެހެން ނަމަވެސް މިފަދަ ކަމެއް ކުރުމުގެ ލަޔާޤަތެއް، އުރަތްޕެއް ނެތް މީހެއްގެ އަތްމައްޗަށް އުފަންވާ މަޢުޞޫމު ދަރިފުޅު، މުޖުތަމަޢަށް ނިކުންނާނީ، އެ މީހަކު ކުރިމަގުގައި ހިތާމަކުރާން ޖެހޭ ފަދަ ކުއްޖެއްގެ ގޮތުގައެވެ. އެ ދަރިފުޅު ގޯސްކުއްޖެއްގެ ގޮތުގައި، ނުވަތަ މައިން ބަފައިންނަށް އަޅައިނުލައި ދަރިއެއްގެ ގޮތުގައި ބޮޑުވެ، އެދަރަޖައަށް ވެއްޓުމުގައި މައިން ބަފައިންގެ ދައުރެއް ވާނޭކަމަށް ޤަބޫލު ކުރެވެއެވެ.

މި ހަފުތާތެރޭގައި ފެނުނު މަންޒަރެކެވެ. މަންމައަކު އޭނާގެ 6 އަހަރު، ނުވަތަ 7 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން އެ ދަނީ ލަފާކުރެވޭ ގޮތުން ޓިޔުޝަން ކުލާހަށް ގެންދާށެވެ. މަންމަގެ އަތުގައި ފޮތް ދަބަސް އޮތެވެ. އެ ސޮރު ދިޔައީ މަންމަގެ ފަހަތުންނެވެ. ތަންކޮޅަކަށް ގޮސްފައި، މަންމަ އަތުގައި އޮތް ފޮތް ދަބަހުގައި އެ ސޮރު ހިފައިފިއެވެ. ކީއްކުރަން ކަމެއް ނޭނގެއެވެ. މަންމައަށް އެކަން ނޭނގި ކުއްލިއަކަށް ދަބަހުގައި ހިފުމުން، މަންމަގެ އަތުން ފޮތް ދަބަސް މަގުމައްޗަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

ލިބުނު ކުއްލި ސިހުމާއެކު މަންމަ އެރީ ފުރަތަމަ ވެސް ރަތަށެވެ. ދެ ލޯ ދެ ކާށިކިބަހެން ވެއްޖެއެވެ. އެ ކުޑަކުޑަ ސޮރާ ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލައިލާފައި ހަޅޭއް ލަވައިގެންފިއެވެ. އަޑުގެ ކޮޅަށެވެ. އެއީ މަގުމަތިކަން ހަނދާން ވެސް ނެތް ކަހަލައެވެ. އެ ސޮރު ވާނެ ދެރައާއި ގަންނާނެ ލަދާމެދުގައި ކުޑަކޮށް ވެސް ފިކުރުކޮށް ނުލިއެވެ. މަންމައަށް ވެފައި ހުރިވަރުން ބޮނޑިއެއް އަޅާނެއޭ ވެސް ހިތަށް އެރިއެވެ. ނަޞީބަކުން ގަޔަކު އަތެއް ނުލައެވެ. ރުޅި އައިސް ފުފިފައި ހުރެ، އެ ސޮރާ ދިމާއަށް އެތިވަރު ގޮވަމުން މަގުހުރިގޮތަށް އެހެރަދަނީއެވެ.

ޤަބޫލު ކުރާން ޖެހޭ ޙަޤީޤަތަކީ ލޯބި ލިބޭނީ ލޯބި ދީގެން ކަމެވެ. މައިން ބަފައިންގެ އަތްމައްޗަށް ތިމާގެ ދަރިފުޅު އަރަނީ، އާރެއް ބާރެއް ނެތް ނިކަމެތި ބަލިކަށި އިންސާނެއްގެ ގޮތުގައެވެ. އެ ދަރިފުޅުގެ އެންމެހައި ޒިންމާތައް މައިން ބަފައިންގެ ކޮނޑުގައި ވަނީ ވާޖިބެއްގެ ގޮތުގައި އެޅިފައެވެ. އޭގެ އަހަރުތަކެއްގެ ފަހުން ވަތަށް އޮތް ފުށް މައްޗަށް ޖެހެނީއެވެ. އެ ދުވަހު އާރެއް ބާރެއް ނެތް ބަޔަކަށް މި ވަނީ ކުރީ ދުވަހު އާރާއި ބާރު ހުރި މައިން ބަފައިންނެވެ. އެދުވަހު އާރާއި ބާރު ހުރި ބަޔަކީ، ކުރީ ދުވަހު ބަލިކަށިކޮށް ތިބި ކުދި ދަރީންކޮޅެވެ. މައިން ބަފައިން ތިބޭނީ ދަރީންގެ އެހީތެރިކަމާއި ލޯތްބަށް ނިހާޔަތަށް ބޭނުންވެފައެވެ. އެހެންނަމަވެސް ދަރީންނަށް މި ލޯބި ބޭނުންވި ދުވަހު ރަނގަޅަށް ދެވިފައި ނުވާނަމަ، މިއަދު އެ ދަރީންގެ ފަރާތުން ލޯތްބާއި އެހީތެރިކަން ނުލިބުމަކީ ވެދާނޭ ގޮތެކެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކަން ހިނގަނީ ވެސް މި އުޞޫލުންނެވެ. އެހެންނަމަވެސް މީގެ އަނެއް ކޮޅަށް ވެސް ކަން ހިނގައެވެ. ކަން ކޮންމެ ގޮތަކަށް ހިނގިޔަސް، އެ ބަޔެއްގެ ޒިންމާއާއި ވާޖިބު އެބަޔަކު އެންމެ ފުރިހަމަ ގޮތުގައި އުފުލުމަކީ، ދެ ދުނިޔެއަށް ވިސްނާއިރު ވެސް، އޮތް އެންމެ އިތުރުކަން ބޮޑުގޮތެވެ. މައިން ބަފައިން އެބައިމީހުންގެ ޒިންމާއާއި ވާޖިބެވެ. ދަރީން އެބައިމީހުންގެ ޒިންމާއާއި ވާޖިބެވެ.

ދަރީންނަކީ ތިމާމެންނާ ހަވާލުވެފައިވާ އަގު ބޮޑު އަމާނާތެއްކަމާއި އެ އަމާނާތް ފުރިހަމަ ގޮތުގައި ބެލެހެއްޓުމަކީ ވާޖިބެއްކަން ދެކިގެން، ވީ އެންމެ ރަނގަޅަކަށް ދަރީން ތަރުބިއްޔަތު ކުރެވޭތޯ ބަލާށެވެ. އާއެކެވެ! ދަރީންދެކެ ލޯބިވާށެވެ! އަދި އެ ދަރީންނަށް ލޯބި ދޭށެވެ! އޭރުން އެދަރީންގެ ފުށުން ތިމާމެންނަށް ވެސް ލޯބި ލިބޭނެއެވެ. ބަލިހާލުގައި އެކަނިމާއެކަނި އޮންނާކަށް ނުޖެހޭނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް