މިގޮތެއް ރަނގަޅެއް ނޫން!

މީގެ ދެހަފުތާއެއްހައި ދުވަސް ކުރިއެވެ. އިރާކޮޅުގެ ވަގުތެވެ. އަމީނީމަގުން ސައިކަލުގައި އައިސް މަޑުކޮށްލީ އަމީނީ ބިލްޑިންގާ ދިމާގައި ހުރި "ބަސްޓޮޕް" ކައިރީގައެވެ. އޭރު އޭގެ އަނެއްފަރާތުގައި އޮތް ހުސް ބިމުގައި، ޒުވާން ފުރައިގެ ކުދިންކޮޅެއް، ފޯރިއާއެކު ފުޓުބޯޅަ ކުޅެ ނަގަނީއެވެ. އެ ވެރީންގެ ފޯރިގަދަ މެޗު ބަލާން ކޮންމެވެސް ވަރަކަށް އެތަނުގައި މީހުން ވެސް ތިއްބެވެ.

ގިނަ އިރުތަކެއް ނުވެއެވެ. އެތަނުން ސޮރަކު، ފަޔަށް ބާރުލާފައި ބޯޅައެއް ޖަހައިފިއެވެ. ވައިކަފާފައި އައި ބޯޅަ އައީ ހުރިގޮތަށް އަމީނީ މަގާދިމާއަށެވެ. އެތަނުގެ ވަށަފާރަށްވުރެ މަތިންނެވެ. އެއައި ގޮތަށް އައިސް ޖެހިއްޖެއެވެ. މަގުގެ އަނެއްފަރާތުގައި މަޑުކޮށްލައިގެން އިން މީހެއްގެ ކޮނޑުގައެވެ. ތަދުވިކަން އޭނާއަށް އައި ބަދަލުން އެނގުނެވެ. އެކަމަށް ނުވިސްނައި އިން މީހެއްކަމުން، އޭނާއަށް ލިބުނު ސިހުންވެސް ކުޑައެއް ނޫނެވެ. ސައިކަލުމަތީން ނައްޓާލައިގެން އެތަނަށް ނުވެއްޓުނީ ވެސް ކިރިޔާއެވެ. އެ މީހާގެ ކޮނޑަށް ހޫނު ހަމަލާއެއް ދީފައި، ބޯޅަ ގޮސް އޭރު މަގުމެދުގައި ހަމަ ޖެހިލަނީއެވެ. ކުޅޭން ތިބި ކުދީންނަކަށް އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ. އެއް ކުއްޖަކު މަޑުމަޑުން ދުވެލާފައި އައިސް، ބޯޅަ ނަގައިގެން ހިނގައްޖެއެވެ. އެންމެ ކުޑަ މިނުން އެ މީހާގާތު "ސޮރީ" އޭ ވެސް ބުނެ ނުލިއެވެ.

އެހެން ދުވަހެކެވެ. މާލޭހިޔާ ކައިރީގައި އޮތް ހުސްބިމުގައި ކުޅޭން ތިބި ކުދީންގެ ތެރެއިން ކުއްޖަކުގެ ފައިން ބޯޅައަކަށް ދިން ހޫނު ހަމަލާއަކާއެކު އުދުހިގަތް ބޯޅަ، އަމީނީމަގާ ދިމާއަށް އައީ ފިސާރި ވަރުހުރެގެންނެވެ. އެހެން ދިޔަ ސައިކަލެއްގައި އިން ކުޑަ ކުއްޖެއްގެ ބޮލުން ނައިޓައިލީ ހަމަ ކިރިޔާއެވެ. އަމީނީމަގު ހުރަސްކޮށް ގޮސް ޖެހުނީ މާލޭހިޔާ ފާރުގައެވެ. މިފަހަރު ނަޞީބަކުން މީހަކަށް ކަމެއް ނުވެއެވެ. އެހެންނަމަވެސް އެތަނުގައި ހުރި ސައިކަލެއް ސަލާމަތްވީ ހަމަ ކިރިޔާއެވެ.

މިހިރީ ކުދިކުދި ކަންކަމޭ ހީވިޔަސް، ކުދިކުދި ކަންކަމެއް ނޫނެވެ. މާލެއަކީ ތޮއްޖެހި އަވަދިވެފައި އޮތް ރަށެކެވެ. އެ ދިމާއަށް ބަލައިލިޔަސް އެތައް ބަޔެކެވެ. މިދިމާއަށް ބަލައިލިޔަސް އެތައް ބަޔެކެވެ. މަގުތަކުގެ ދެފަރާތް ފުރި ގޭގޭގެ ދޮރާށިތަކާއި ފިހާރަތަކުގެ ދޮރުއްޗަށް ދާނދެއް ހުންނަނީ ޕާކުކޮށްފައި ހުންނަ އަގު ބޮޑު ވެހިކަލް ތަކެވެ. އަނެއްކޮޅުން އެތައް ވެހިކަލެއް މެދުނުކެނޑި މަގުތަކުގައި ދުއްވަމުން ދެއެވެ. އެޔެއް މިޔެއް ނުބަލައި ދުއްވާ މީހުންނާއި، ބަލައިގެން ސަމާލުވެގެން ދުއްވާ މީހުންނެވެ. އެހެންކަމުން މިފަދަ ހާލެއްގައި އޮތް މާލޭގެ މަގުތަކަށް ބަލައިލުމެއްނެތި، ފުޓުބޯޅަ ފަދަ "ހޫނު" ކުޅިވަރުތައް ކުޅޭކަމަށް ވާނަމަ، ހީވެސް ނުކުރާފަދަ ހިތާމަވެރި ހާދިސާތައް ހިނގުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ރަނގަޅު ވާހަކައެކެވެ. މާލެއަކު ބޭނުންހައި ވަރަކަށް ކުޅޭނެ ހުސްބިންތަކެއް ނެތެވެ. މާލޭގައި ކުޅޭން ތިބި ކުދީން ވެސް މަދެއް ނޫނެވެ. ކުޅޭން ބޭނުންވާ ކުދީންނަށް ކުޅެވޭނެ ގޮތް ހަމަޖެހޭން އެބަ ޖެހެއެވެ. މިކަމަށް ހުރީ މިފަދަ ހުސް ބިންތަކެވެ. މި ބިންތައް އެކުދީންނަށް ނުކުޅެވޭނެ ބިންތަކަކަށް ވެގެން ނުވާނެއެވެ. އެހެންނަމަވެސް މިތަންތަން ހުންނަން ޖެހޭނީ ހިނގާ ބިނގާވާ މީހުންނާއި ދުއްވާ ތަކެއްޗަށް ނުރައްކަލެއް ކުރިމަތި ނުވާނޭ ފަދަ ގޮތަކަށް ތައްޔާރު ކުރެވިފައެވެ.

ވިސްނާލަބަލާށެވެ. މިފަދަ މަގަކުން ދުއްވާފައި މިދަނީ ކާރެކެވެ. ކުއްލިއަކަށް އަންނާންވީ ހޫނު ބޯޅައެކެވެ. ބޯޅަ އަމާޒުވާންވީ އެއްކަލަ ކާރާދިމާއަށެވެ. ޖެހޭންވީ ކާރުގެ ބިއްލޫރިގަނޑެއްގައެވެ. ފުނޑުފުނޑުވީއެވެ. ބިއްލޫރިގަނޑު ފަޅާލާފައި ބޯޅަ އެތެރެއަށް ވެސް ދެމިގެންފާނެއެވެ. މިފަދަ ހާލަތެއްގައި ކާރު ހަލާކުވުމުގެ އިތުރުން އެތެރޭގައި ތިބި މީހުން ޒަޚަމް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމަށް ވާނަމަ މިފަދަ ކަންކަމުގެ ނުރައްކާތެރިކަން އެ އޮތީ ވަރަށް ބޮޑުވެފައެވެ. އެދެނީ މިފަދަ ހިތާމަވެރި ހާދިސާއެއް ކުރިމަތި ނުވުމެވެ.

މިއީ ކަމާބެހޭ ފަރާތްތަކުން މިހާރުން މިހާރަށް ވެސް ވިސްނައި ހައްލުކުރާން ޖެހިފައި އޮތް މައްސަލައެކެވެ. މިފަދަ ގޮތަކަށް މަގުމައްޗަށް އަންނަ ބޯޅަތައް މައިތިރި ކުރެވޭނެ ގޮތެއް ނުހަދައި، މިފަދަ ތަންތަނުގައި ކުޅޭނަމަ، އެކަމުގެ ސަބަބުން މީހެއްގެ އަގުބޮޑު މުދަލަކަށް ކިތަންމެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެއެވެ. އެއަށްވުރެ ހިތާމަހުރި ކަމަކަށްވާނީ، މީހަކަށް އަނިޔާއެއް ލިބުމެވެ. ކަންދިމާވާ ގޮތަކުން ފުރާނައަށް ވެސް ނުރައްކާވުމަކީ ވެދާނެ ކަމެކެވެ. މިފަދަ ހާދިސާއެއް ވަނީ މި މާލޭގައި ކުރީން ހިނގާފައި ވެސް މެއެވެ. ތަކުރާރުވާން ނޭދޭތީ މިވާހަކަ ލިޔެލާން ހިތަށް އެރީއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް