ލޯބިވާށެވެ! ލޯބިދޭށެވެ!

ދާދި މިދާކަށް ދުވަހު އައި. ޖީ. އެމް އެޗަށް ކޮށްލި ޒިޔާރަތެއްގައި ފެނުނު މަންޒަރަކުން ވާހަކަ ފަށާނަމެވެ. އެއީ ގާތް ރައްޓެއްސަކު އެތަނުގައި ބާއްވާފައި އޮތްކަން އެނގިގެން ވަދެލި ދުވަހެކެވެ. އެކުވެރިޔާ އޮތް ވާރޑުގައި ހުރި އެހެން އެނދެއްގައި، ބަލިހާލު ބޮޑު، މުސްކުޅި އަންހެނަކު އޮތެވެ. އޭނާގެ އެހީތެރި އަކަށް އިނީ ބިދޭސީ ފިރިހެނެކެވެ. އެ މުސްކުޅި އަންހެންމީހާއަށް ސަމާލުކަމުގެ ކަށި ހުއްޓުނީ، ހަމައެކަނި އޭނާ އޮތް ބަލިހާލު ފެނިފައެއް ނޫނެވެ. ބަލިމީހާއަކީ އަންހެނަކަށް ވެފައި، އޭނާއަށް ހޭހަންކޮށްދެމުން ގެންދިޔައީ، ބިދޭސީ ފިރިހެނަކަށް ވީތީ ވެސް މެއެވެ.

އެކުވެރިޔާގާތު އެމީހާއާ ބެހޭގޮތުން އަހައިލުމުން، ކިޔައިދިން ވާހަކަތަކުން ލަގޮނޑިއަށް ތަދުވިއެވެ. އެނދުގައި ހާލެއް ނެތިފައި އޮތް އަންހެންމީހާ އަކީ، އުފަން ދަރިއަކު، އަޅައިލާނޭ މީހަކު ނެތް، އެކަނިވެރިއެއް ނޫނެވެ. ފިރިއަކު ހުރިކަމެއް ނެތްކަމެއް ނޭނގެއެވެ. ހަމަ ޔަޤީނުންވެސް ދަރީން އެބަ ތިއްބެވެ. އެކަން އެނގެނީ، ދުރުމީހުން ގޮވައިލާން އަންނަ އުޞޫލުން އޭނާގެ ދަރީން އޭނާގެ ގާތަށް ޒިޔާރަތް ކޮށްލާތީއެވެ. ބޮޑެތި އަންހެނުންނާއި ފިރިހެންނުންނެވެ. ތިބޭ ގޮތުން އެނގެނީ، އެއީ ގޮތްފޮތް ހުރި، ތަނަވަސް ބަޔެއްކަމެވެ. ޒިންމާ ބޮޑުވެފައި، އުޅޭން ޖެހޭލެއް ބުރަކަމުން، މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މައިމީހާ ބެލޭން ނެތީއެވެ.

"ރޭގަނޑުވެސް، ދުވާލު ވެސް، އެ ބަންގާޅީ މީހާ މިތާ އިންނާނީ. އެ އަންހެން މީހާ ވަރަށް ގިނައިން ރޯ ތަންވެސް ފެނޭ!" އެކުވެރިޔާ ވާހަކަ ނިންމާލިއެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟

އެކުވެރިޔާގެ ވާހަކަ އަޑު އަހާފައި ހުރެވުނީ ބަސްހުއްޓިފައެވެ. ހިތަށް އަސަރު ކުރިއެވެ. ގައިމު އެއީ ސިކުނޑި ސަލާމަތުން އޮތް މީހެކެވެ. އެތައް ވޭނަކާއެކު ދަރީން ވިހައި، އެތައް ބުރައެއް އުފުލައިގެން ގެންގުޅެ ބޮޑުކޮށް، އެދަރީންގެ ލޯތްބާއި އޯގާވެރިކަން ނިހާޔަތަށް ބޭނުންވި ދުވަހު، ރާއްޖޭން ބޭރުން ފިރިހެނަކު ގެނެސް ހަވާލުކޮށްފައި އެފަދައިން ދޫކޮށްލީމާ، ދެން ކުރާނޭ އަސަރާއި، ލިބޭނޭ ހިތާމަ އިހުސާސް ކުރެވޭނީ، ހަމަ އެހާލަތު ކުރިމަތިވި މީހަކަށެވެ.

މައިން ބަފައިންނާ މެދު ފަރުވާކުޑަކުރުމަކީ ކިހައި ވަރެއްގެ ކަމެއްކަން ނޭނގޭ ހަމަ އެކަކު ވެސް، މިއަދުގެ މި މުޖުތަމަޢުގައި ހުންނާނެއެކޭ ހިއެއް ނުވެއެވެ. މާތް ﷲ އަންގަވާފައި ވަނީ، ﷲ ފިޔަވައި އެހެންފަރާތަކަށް އަޅުކަށް ނުކުރުމަށެވެ. އެއާ ވިދިގެން ދެން އަންގަވަނީ، މާތް ބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް މަންމައެއްގެ ބަނޑުން ދުނިޔެއަށް އައިސް، މަންމައެއްގެ ފިރުމުންތަކާއި، ލޯތްބާއި، އެހީތެރިކަމާ ލައިގެން ބޮޑުވެ ތަސައްރަފު ފުދިފައިވާނޭ މީހެކެވެ. އެހެންކަމުން، މަންމައާ މެދު ޚާއްޞަ ގޮތަކަށް ބަލާން އެބަޖެހެއެވެ. އެހެންނަމަވެސް މިއަދުގެ މުޖުތަމަޢުން ފެންނަމުން ދަނީ މުޅީން ތަފާތު މަންޒަރެކެވެ. މަންމަ ނުވަތަ ބައްޕަ މުސްކުޅިވެ، ބަލިހާލުގައި ޖެހުމުން، އެބައިމީހުންގެ މަތީން ފޫހިވަނީއެވެ. ބަލާން ބޮޑުކަމަކަށް ވަނީއެވެ. ކޮންމެވެސް މީހަކަށް ފައިސާކޮޅެއް ދީފައި، މަންމަގެ ކަންކަން ނުވަތަ ބައްޕަގެ ކަންކަން ބަލާން ހަވާލުކުރަނީއެވެ. އެމީހުން ކަންތައް ކުރަނީ ކިހިނެއްތޯ ވެސް ބަލައިލާނޭ އަވައްޖެއް ނުވެއެވެ.

މުސްކުޅިވެ ބަލިހާލު ޖެހުމަކީ، ކޮންމެ މީހަކަށް ވެސް ކުރިމަތިވާނޭ ހާލަތެކެވެ. އުމުރުގައި ތަން އޮތް ކޮންމެ މީހަކު ދުނިޔެ ދޫކޮށްދާނީ، އެ ދުވަސް ދެކެފައެވެ. ތިމާ މުސްކުޅިވާ ދުވަހު ތިމާއަށް އަޅައިލައި، ލޯބިދޭން ތިބޭނީ ތިމާގެ ދަރީންނެވެ. އެހެންނަމަވެސް އެކުދީންނަށް މިއަދު މި ފެންނަނީ، އެކުދީންގެ މާމައިންނާއި ކާފައިންނަށް މަންމަ އާއި ބައްޕަ އަޅައިނުލައި، އިހާނެތިކޮށް ކަންތައް ކުރާތަން ކަމަށް ވާނަމަ، ތިމާމެންނަށް އެ ދުވަސް އައުމުން، ތިމާމެން ވެސް ކުރިމަތިލާން ޖެހޭނީ އެފަދަ ނިކަމެތި ހާލަތަކާއެވެ. މިއަދު ތިމާގެ މަންމަ ނުވަތަ ބައްޕަ ކުރާ ހިތާމައާއި، އޮހޮރާ ކަރުނަ، އެދުވަހުން ތިމާއަށް އޮންނާނީ އޮހޮރާން ޖެހިފައެވެ. މިހިރީ ވިސްނާން ޖެހޭ ކަންކަމެވެ.

މައިން ބަފައިން ގަދަވެ ހެޔޮ ހާލުގައި ތިބޭއިރު ގައްޔާއި، ބަލިހާލުގައި އުޅޭއިރުވެސް، އެބައި މީހުންނަށް ހެޔޮކޮށް ހިތާން ޖެހެއެވެ. އެގޮތުން މައިން ބަފައިންނާ ވާހަކަ ދައްކާއިރު، ރީތިބަހުން މަޑުމައިތިރި ކަމާއި، ހިތްހެޔޮކަމާއެކު ވާހަކަ ދައްކައި، އެބައިމީހުންނަށް ކޮށްދޭންޖެހޭ ކޮންމެ ކަމެއް، ލޯތްބާއި، އޯގާވެރިކަމާއެކު ކޮށް ދިނުމަކީ، ދަރީންގެ މައްޗަށް އޮތް ވާޖިބެކެވެ. އެބައިމީހުންނަށް ނިކަމެތިކޮށް ކަންތައް ކުރާމީހުންނަށް މަޙުޝަރު ބިމުގައި އޮތީ ވޭނާއި ކެކުޅުންކަން ހަނދާން ބަހައްޓާށެވެ! މިއަދު އެބައިމީހުން ލޯބޯ ކޮށިވެ، ގައިބާރު ނެތިފައި އެތިބީ، ހަމަ އަޅުގަނޑުމެންގެ ޚިދުމަތުގައި ރެއާއި ދުވާލު އެތައް ބުރައެއް އުފުލަ އުފުލާ ތިއްބާކަން ހަނދާން ނައްތައި ނުލާށެވެ!

އަޅުގަނޑުމެން ބަލާން އެބައިމީހުނަށް ޖެހުނު ދުވަހު، ކާން ދިނީ އަތުން ލަވައިގެންނެވެ. ފެންވެރުވީ ފައިތިލަ މަތީގައި ބައިންދައިގެންނެވެ. ނިންދެވީ އުނގުގައެވެ. ގެންގުޅުނީ އުރުގައެވެ. ލޯބިން ބޮސް ދެމުންނެވެ. ފުދުންތެރިކަން ހުރި މިންވަރަކުން ނުހަނު ޢިއްޒަތުގައެވެ. ބައްޔެއް ވެއްޖެނަމަ ލޮލުފިޔައެއް ނުޖަހައެވެ. އަޅުގަނޑުމެންނަށް އެބައި މީހުން ބަލާން ޖެހުނު ދުވަހު، ބަންގާޅިއެއްގެ އަތް މައްޗަށް، ހަދާނޭ ގޮތެއް ހަދާން އެބައިމީހުން ދޫކޮށްލުމީ، ދުނިޔަވީ ހަމައިން ބެއްޔަސް ކޮންފަދަ ބޮޑު ބޭ އިންސާފެއްތޯއެވެ؟
ގުޅޭ ޓެގު
comment ކޮމެންޓް