ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނި ހަލާސްކޮށްދޭނަން: ސިޔާމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނުއިރު، ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ދަރަނި ދެ އަހަރުގެ ތެރޭގައި ހަލާސްކޮށްދިނުމަށް މިސަރުކާރުން މަސައްކަތް ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދ. ބަނޑިދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، ނަޝީދުގެ ވެރިކަމުގެ ތިން އަހަރުގައި ކޮންމެ ދިވެހި ރައްޔިތަކު "ލައްކައިން" ދަރަނިވެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް އެ ދަރަނި ނަގައިދޭން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި މަދުވެގެން ހަތަރު ބިލިއަން ރުފިޔާ ދައުލަތުގެ ރިޒާވަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަަމަށެވެ. އަދި މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރުގައި ކޮންމެ ދިވެހި ރައްޔިތަކު ވެސް ރާއްޖޭގެ ރައްޔިތަކަށްވީތީ، ފަހުރުވެރިވާ ބަޔަކަށް ހަދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.

"މި ސަރުކާރަކުން 'ތޯތޯ' ވާހަކައެއް ނުދައްކާނެ. މި ސަރުކާރުން އަބަދުވެސް ރައްޔިތުން ކައިރީގައި ދައްކާނީ ކޮށްދޭނެ ކަންތައް،" ސިޔާމް ވިދާޅުވި އެވެ.

އެމްޑީޕީއަށާއި ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، އެމްޑީޕީ އަކީ ދިވެހި ރައްޔިތުންނަށް ދުވަހަކު ވެސް ހެޔޮ އެދޭނެ ބައެއް ނޫން ކަމަށެވެ.

ލަގެޖުން ރާ ފުޅިއެއް ފެނުނު މައްސަލައެއްގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ނެރެފި ވާތީ ސިޔާމް ވަނީ އެކަމަކީ ރައީސް ނަޝީދުގެ ރޭވުމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"ވެރިކަމުން ފޭބިއިރު ފުލުހުންނަށް ކިތައްފުޅި ރާތޯ އޭނާގެ ގެއިން ފެނިގެންދިޔައީ. އޭނައަކަށް އަދަބެއް ވެސް ނުދެވުނު. މިމީހުންނަށް ކަމެއް ނުވީމައި ބޭރުން އަންނަ ކޮންމެވެސް މީހެއްގެ ދަބަހަށް ރާފުޅިއެއް ލާފައި މިބުނަނީ، އެއީ އޭނަ ގެނައި އެއްޗެކޭ،" ސިޔާމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު