ދިވެހި ނަސްލު ނެތި ކޮށްނުލައްވާށެވެ!

ދިވެހިރާއްޖޭގެ އާބާދީ އާބާދީ އިތުރު ވާ ނިސްބަތް ދަށް ކޮށްގެން އާބާދީ މަދު ކުރުމުގެ ސިޔާސަތެއް، ދިވެހި ސަރުކާރުން އެއް ޒަމާނެއްގައި ގެންގުޅުނެވެ. އެ ދުވަސްވަރު އަޅުގަނޑުމެންނަކީ މަދަރުސާތަކުގައި ކިޔަވަމުން ދިޔަ ޅަފުރައިންނީމުއެވެ. ވީމާ، ސަރުކާރުން އެއިރު އެ ސިޔާސަތު ހިންގާން ޖެހުނީ ކޮން ހާލަތެއްގައި ކަމާއި، ކީއްވެގެން ކަމެއްއަޅުގަނޑަކަށް ނޭނގެއެވެ. އެކަން ދިޔަ ގޮތެއް ރަނގަޅަކަށް ހަނދާނެއް ވެސް ނެތެވެ. އެކަން ކޮންމެ ގޮތަކަށް އޮތަސް، އެއިރު ގައުމުގެ ހުންގާނުގައި ތިއްބެވި ބޭފުޅުން އާބާދީ މަދު ކުރުމުގެ ސިޔާސަތެއް ގެންގުޅުއްވީ ވަރަށް ގިނަ ކަންކަމަށް ވިސްނުން ހިންގަވައި، އެ ވަގުތަށް އެއަށްވުރެ ރަނގަޅު އެހެން ގޮތެއް ނެތީތީ ކަމަށް އަޅުގަނޑު ހެޔޮހިތުން ގަބޫލު ކުރަމެވެ.

ނަމަވެސް މިއަދު މިއޮތީ ހާލަތު ބަދަލުވެފައެވެ. އެއިރާ ތަފާތު އެހެން ވިސްނުންތަކެއް ނެރޭން ޖެހިފައެވެ.

ދިވެހިރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެކޭ، އާބާދީ މިއަށް ވުރެ އިތުރު ވެއްޖެ ނަމަ އިތުރު ވާ މީހުންކޮޅު ތިބޭނީ ނުކައޭ، މި ކަހަލަ ވާހަކަތަކެއް މިއަދު ވެސް ބައެއް މީހުން ދައްކައެވެ. މި ވާހަކަތަކަށް ދީނީ އިލްމުވެރީން ދެއްވާނެ ޖަވާބެއް ކަމަށް ފެންނަނީ، ދުނިޔެއަށް ފޮނުއްވި ކޮންމެ ފުރާނައެއް ވެސް ގެންދަވާނީ އެ ފުރާނައަކަށް މިންވަރު ކުރެއްވި ރިޒުގެއް އަރުން އެތެރެ ކުރުމަށް ފަހުގައޭ، މިއެވެ. މިއީ ވަރަށް ވެސް މާނަ ފުން، ފަލްސަފީ ޖަވާބެކެވެ. ތިލަ ވިސްނުމަކުން ވިސްނައިގެން މި ޖަވާބުގެ ހަގީގަތާ ހަމަޔަށް ނަޒަރެއް ނުފޯރާނެއެވެ. އަޅުގަނޑު ވެސް އެ ޖަވާބުގެ ޝަރަހަތަކެއް ދޭކަށެއް މަސައްކަތެއް ނުކުރާނަމެވެ. އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ އާބާދީ މިއަށްވުރެ އިތުރު ކުރުމުން ވަސީލަތްތައް ނެތިގެން ގައުމު ބަނޑަށް ޖެހިދާނެ ވާހަކަ އަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ކުރެވޭ ވާހަކައެއް ކަމަށް އަޅުގަނޑު ގަބޫލު ނުކުރާ ވާހަކައެވެ. އިންސާނުންނަކީ ވެސް އިގުތިސާދީ ވަސީލަތެކެވެ. އެ ވަސީލަތް ފައްކާ ކުރެވިއްޖެ ނަމަ، އެއީ އެހެން ހުރިހާ ވަސީލަތްތަކަކަށް ވުރެ އުފެއްދުންތެރި، ބޭނުންތެރި، އަދިމަންފާތެރި ވަސީލަތެކެވެ. ރާއްޖޭގެ އާބާދީ މަދު ކުރާން ޖެހޭ ސަބަބެއް އެބައޮތޭ، އެ ސަބަބަކީ ރާއްޖޭގައި ވަސީލަތްތައް ނެތުމޭ، ބުނާ ބުނުމަށް އަޅުގަނޑު ދޭނީ ސަތޭކައަކުން ސުމެކެވެ. އެވެސް ސުމަކަށް ވުރެ ދަށުން ދޭނެ އެހެން އެއްޗެއް ނެތަތީއެވެ. އޮތް ނަމަ ދޭނީ އެ އެއްޗެކެވެ.

ތަރައްގީ ވެފައި ވާ ގައުމުތަކުގައި މިއަދު ދިމާ ވެގެން އުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ އެ ގައުމުތަކުގެ އާބާދީތަކުގެ ހެދިފޯދުން ހުއްޓެމުން ދާމައްސަލައެވެ. ތަރައްގީގެ އެއް އަލާމާތަކީ އާއިލާއަކަށް ދެ ދަރީންނަށް ވުރެ ގިނައިން ނުހޯދުން ކަމަށް ބުނެ، އެ ސިޔާސަތު ހިންގައިގެން ލިބުނު ދެރަތަކާއި ކުރިމަތިވާން އަންނަ ބޮޑެތި ގޮންޖެހުންތަކުގެ މައްސަލައެވެ. މިކަމާ ހުރެ މިހާރު އެ ގައުމުތަކުގައި ކޮމިޝަންތަކާއި ކޮމިޓީތައް ހަދައިހުރިހާ ފެންވަރެއްގައި މި ވާހަކަ އެބަ ދައްކައެވެ. އާބާދީ އިތުރު ކުރުމުގެ ގޮތުން ސީރިއަސް މަސައްކަތްތަކެއް ނުފަށައިފި ނަމަ، ދުނިޔެއިން "ދޮން މީހުން" ހުސް ވެދާނެ ކަމުގެ އިންޒާރުތައް އެ ދަނީ ދެވެމުންނެވެ. ޔޫރަޕުގެ ކްރިސްޓިއަން ޖަމާއަތްތަކާއި ފައްޅިތަކުން މިހާރު އެ ގެންދަނީ ޑޮކިއުމެންޓްރީ ފިލްމުތަކާއި ވީޑިއޯ ހުށަހެޅުންތަކުގެ ވަސީލަތުން، މި ބޮޑު މައްސަލަ ހުޅަނގުގެ ސަރުކާރުތަކުން އެންމެ ސަމާލުކަން ދޭ އެއް މައްސަލަ ކަމަށް ހެދުމަށް ގޮވައިލަމުންނެވެ. އެމީހުން ބުނާ ގޮތުގައި، ކްރިސްޓިއަން ގައުމުތަކުގެ އާބާދީގެ ހެދިފޯދުމުގެ މިންވަރު 2.0 އަށް ވުރެ ދަށުގައި ހުރުމުން، ކުރިމަގުގައި ކްރިސްޓިއަނުން މުޖުތަމައެއްގެ ގޮތުގައި ދެމިއޮތުމަށް ވަނީ ނުރައްކާ ވެފައެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ކުއާން ޔޫ ލިޔުއްވައިފައި އޮތް ލިޔުމެއް، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު، "ފޯރބްސް" މަޖައްލާގައި ޝާއިއު ކުރެވުނެވެ. އެ ލިޔުމުގެ ވެސް މައިގަނޑު މައުޒޫއަކީ ތަރައްގީ ވެފައި ވާ ގައުމުތަކުގެ އާބާދީތަކުގެ ހެދިފޯދުން ހުއްޓިއްޖެ ވާހަކަ އާއި، އޭގެ ނަތީޖާއެއްގެ ގޮތުންކުރިމަގުގައި އެ ގައުމުތައް"ނުކުޅެދުންތެރި" ވެދާނެ ވާހަކައެވެ. ލީ ކުއާން ޔޫ އިޝާރާތް ކުރައްވައިފައި ވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި ހޮލެންޑު ހިމެނެއެވެ. ޖަރުމަނުގެ އާބާދީ އިތުރު ވުމުގެ ނިސްބަތް ހުރީ 1.4 ގައެވެ. ހޮލެންޑުގައި އެ ނިސްބަތް ހުރީ 1.8 ގައެވެ.

މި ހިސާބުން، ދިވެހިރާއްޖޭގެ އާބާދީ ހެދިފޯދުމުގެ ނިސްބަތާއި މިންވަރު މިހާރު ހުރި ގޮތަށް ބަލައިލަމާތޯއެވެ.

ވޯރލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖަނަވަރީ 2004 ގައި ރާއްޖޭގެ އާބާދީ އިތުރު ވުމުގެ ނިސްބަތް ހުރީ 1.50 އިންސައްތައިގައެވެ. ޖަނަވަރީ 2006 ގައި ހުރީ 1.41 އިންސައްތައިގައެވެ. ޖަނަވަރީ 2008 ގައި ހުރީ 1.34 އިންސައްތައިގައެވެ. ޖަނަވަރީ 2010 ގައި ހުރީ 1.32 އިންސައްތައިގައެވެ. އަލިފުދާލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2005 އިން ފެށިގެން 2010 އާ ދެމެދު، ރާއްޖޭގެ އާބާދީ އިތުރު ވުމުގެ ނިސްބަތް ހުރީ 1.76 އިންސައްތައިގައެވެ. މި ހިސާބުތައް މިހެން ހުރި އިރު، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީން ޝާއިއު ކުރާ "ސީއައިއޭ ވޯރލްޑް ފެކްޓްބުކް" ގެ ހިސާބުތައް ދައްކާ ގޮތުން، 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ އާބާދީ އިތުރު ވުމުގެ ނިސްބަތް ހުރީ މައިނަސް 0.11 ގައެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އާބާދީ އިތުރުވުމުގެ ނިސްބަތް ހުރީ ޖަރުމަނާއި ހޮލެންޑު ފަދަ ތަންތަނަށް ވުރެ ވެސް ދަށުގައެވެ. މި ގައުމުތަކުގައި އެތައް މިލިއަން ރައްޔިތުން ތިބި އިރު، އަޅުގަނޑުމެންގެ ރާއްޖޭގައި ބައި މިލިއަން ހަމަ ވާން ވެސް ކައިރި ވެސް ނުވެއެވެ. އާބާދީގެ ހެދިފޯދުން ހުއްޓިގެން ކޮންމެވެސް ޒަމާނެއްގައި ޖަރުމަނު ނުވަތަ ހޮލެންޑުގެ ނަސްލު ނެތިދިޔުމުގެ، ނުވަތަ އެ ގައުމުތައް "ނުކުޅެދުންތެރި" ވުމުގެ ބިރު އޮތް ނަމަ، އަޅުގަނޑުމެން މިކަމުގައި ވިސްނާން ޖެހޭ ވިސްނުން މާ ބޮޑު ވާނެ ނޫންތޯއެވެ؟ މިހާރު ދިވެހިރާއްޖޭގެ އާބާދީގައި ޒުވާނުން ކިތަންމެ ގިނަޔަސް، އެ ޒުވާނުންގެ ހުރި ވިސްނުމަކީ "އާއިލާއަކަށް ގިނަ ވެގެން ދެ ކުދީން" މި ވިސްނުން ކަމަށް ވާ ނަމަ، ދުރު ނޫން މުސްތަގުބަލެއްގައި ދިވެހި ގައުމުގައި ވެސް ތިބޭނީ ޒުވާނުންނަށް ވުރެ ގިނައިން މުސްކުޅީންނެވެ. ވީމާ، އާބާދީގެ މައްސަލައިގެ ވާހަކައަކީ ފަހަށް ބާއްވައިގެން ވާކަށް އޮތް ވާހަކައެއް ނޫނެވެ. އެ ވާހަކަ ދައްކަން ޖެހެނީ މިއަދުއެވެ.

އެމެރިކާގެ "ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު" އިން ނެރޭ މަޖައްލާއެއްގައި "ރިޕްލޭސްމަންޓް ފާރޓިލިޓީ، ވަޓް ހޭޒް އިޓް ބީން އެންޑް ވަޓް ޑަޒް އިޓް މީން؟" މި މައުޒޫގެ ދަށުން ލިޔެވިފައި އޮތް މަޒުމޫނެއް ޝާއިއު ކުރެވުނެވެ. އާބާދީއާ ބެހޭ އިލްމުގެ ދެ ތަޖުރިބާކާރުން ކަމަށް ވާ އެސް. ސްމޯލްވުޑް އަދި ޖޭ. ޗޭމްބަރލެއިން އެ މަޒުމޫނުގައި ލިޔުއްވައިފައި ވަނީ، މުޖުތަމައެއް ދެމިއޮތުމަށް ޓަކައި، އެ މުޖުތަމައުގައި އާބާދީ އިތުރު ވުމުގެ ނިސްބަތް މަދުވެގެން 2.11 ގައި ހުންނާން ޖެހޭ ކަމަށެވެ. އާބާދީތަކުގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، އާބާދީ އިތުރު ވުމުގެ ނިސްބަތް 1.9 އަށް ވުރެ ދަށުގައި ހިފެހެއްޓިފައި ހުރި އެއްވެސް މުޖުތަމައެއް، ނެތިވެ ނުގޮހެއް ނެތެވެ. އެފަދަ ކޮންމެ މުޖުތަމައެއް ވެސް ވަނީ މަޑުމަޑުން ކުޑަ ވަމުން، މުސްތަގިއްލު މުޖުތަމައެއްގައި ހުންނާން ޖެހޭ އުންސުރުތައް ނެތެމުން ގޮސް، އާޚިރުގައި އެހެން ކޮންމެވެސް މުޖުތަމައެއްގެ ތެރެއަށް ފޭދި ނެތިގެން ގޮސްފައެވެ.

އެއްވެސް އާބާދީއެއް އިތުރު ވާ ނިސްބަތް 2.11 އަށް ވުރެ ދަށަށް ހިނގައްޖެ ނަމަ، އެ މުޖުތަމައެއްގައި އޮންނާނީ، އިނގިރޭސި ބަހުން ދަންނަވާ ނަމަ "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ ރޭޓް" އެކެވެ. އިނގިރޭސި ގޮތް މި ދެންނެވީ މި ފައްނީ އިބާރާތް ދިވެހި ބަހުން ބުނާނޭ ގޮތެއް އަދި މިހައިތަނަށް ކަނޑައެޅިފައި ނެތީމައެވެ. "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ ރޭޓް" މި އިބާރާތުން އިޝާރާތް ކުރަނީ އާބާދީން މަރު ވަމުން ދާ މީހުންގެ ބަދަލުގައި، އާބާދީ ދެމެހެއްޓޭ މިންވަރަށް އުފަން ނުވާ ހާލަތަށެވެ. އަދި ކޮބައިތޯއެވެ! "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ ރޭޓް" 2.11 ގައި ހުންނާން ޖެހެނީ މީހުން ތަރައްގީ ވެފައި ވާ، "ލައިފް އެކްސްޕެކްޓެންސީ ރޭޓް" މަތި މުޖުތަމައުތަކުގައެވެ. އެ ނޫން މުޖުތަމައުތަކުގައި، އާބާދީ އިތުރު ވާ ނިސްބަތް 3.4 އަށް ވުރެ ދަށް ވެއްޖެ ނަމަ ބަލަނީ އެ މުޖުތަމައެއްގެ އާބާދީ އެހެރީ "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ ރޭޓް" ގައި ކަމަށެވެ. ދިވެހިރާއްޖެ ކަހަލަ ގައުމެއްގައި "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ ރޭޓް" ގެ ރަތް ބޮކި ނުދިއްލި ހުންނާނީ އާބާދީ އިތުރު ވާ ނިސްބަތް އެންމެ ދަށް ވެގެން ވެސް ގާތްގަނޑަކަށް 2.8 އަށް އަރައިގެންނެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީ ހެދިފޯދުމުގެ ނިސްބަތް 2000 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ވެސް ހުރީ "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ" މިންގަނޑުގައެވެ. އެ މިންގަނޑުގެ ތެރެއިން ވެސް ވަރަށް ދަށް ހިސާބެއްގައެވެ. މިހާރު ހުރި ނިސްބަތް ވަރަށް ބޮޑަށް މައްޗަށް ނުޖެއްސިއްޖެ ނަމަ، ދިވެހި މުޖުތަމައު ދެމިއޮތުމުގެ އިހުތިމާލެއް ނެތެވެ. ތަންކޮޅެއް ހައްސާސީއިބާރާތަކުން ދަންނަވާ ނަމަ، ރާއްޖޭގެ އާބާދީ ހެދިފޯދުމުގެ ނިސްބަތް މިހާރު ހުރި މިންވަރުން، ދިވެހި ނަސްލު މިއޮތީ ވުޖޫދުން ފޮހެވި ދިޔުމުގެ ބިރުވެރިކަމުގެ ތެރޭގައެވެ.

އަޅުގަނޑު ހިތުން، ގައުމެއްގެ ސަރުކާރުން އެ ގައުމުގެ ކަންކަމުގައި ސިޔާސަތުތައް ކަނޑައަޅަން ވާނީ މިހިރަމިހިރަ ބާވަތުގެ މައުލޫމާތުތަކާއި ރެކޯޑުތަކާއި ތަފާސްހިސާބުތަކަށް ބުރަ ވެތިބެއެވެ. ދުނިޔޭގެ އެހެން މުޖުތަމައުތަކުގެ ތަޖުރިބާއިން ފިލާވަޅު ލިބިގަނެގެން އެ ފިލާވަޅުތަކުގެ އަލީގައެވެ. ދުނިޔޭގެ އިލްމުވެރީންނާއި މުފައްކިރުންނާއި ތަޖުރިބާކާރުންގެ ވާހަކަތައް ނިކަން ރަނގަޅަށް އަޑުއަހައި، ކިޔައި، ބަލައިފައެވެ. ގައުމުގެ ކޮންމެ ކަމެއް ނިންމުމުގައި، ޕާޓީއަށް މޮޅު ގޮތް، ސިޔާސީންނަށް ހައެތިން ހަތެތި، ނުވަތަ މުއްސަނދީންނަށް ފަހުރޯއްޖާއި ގަދަރޯދި ލިބޭ ގޮތަށް އަމަލު ކުރުމަކީ ކިހައި ބޮޑު ހިތާމައެއް ތޯއެވެ؟

ދިވެހި ނަސްލާއި ދިވެހި މުޖުތަމައު ސަލާމަތް ކުރުމަށް ޓަކައި،ކޮންމެ ދެމަފިރިއަކަށް ދެ ކުދީން ހޯދުމުގެ ދޯދިޔާ ފިކުރުން ގައުމުގެ ޒުވާނުން ސަލާމަތް ކުރާން އެބަ ޖެހެއެވެ. އެކަން ކުރުމުގެ މަގު މިހާރު ފަސޭހައެއް ނޫނެވެ. އެ މަގުގައި މިހާރު އޮތީ ގަދަޔަށް ވިނަވަނާވެނި ހެދިފައެވެ. އެ ވިނަވަނާވެހި ސާފު ކުރާން އެބަ ޖެހެއެވެ. މަދުވެގެން ތިނެއް ނުވަތަ ހަތަރު ކުދީން ހޯދުމުގެ ފިކުރު އާއްމު ކޮށް، ކޮންމެ އާއިލާއެއްގައި ވެސް ތިން ހަތަރު ފަސް ކުދީން ގެންގުޅުމަށް އެކަށޭނަ މާހައުލެއް ދިވެހިރާއްޖޭގެ ރަށްތަކުގައި އުފައްދާން އެބަ ޖެހެއެވެ. މި މަގުސަދުތައް ހާސިލު ވާނީ، މުޅި ގައުމުގެ އާބާދީ ކުޑަކުޑަ މާލެއަށް ޖަމާ ކޮށްގެން، ކޮންމެ އާއިލާއަކަށް 600 ފޫޓުގެ އަލިފާން ފޮށްޓެއް ދީގެން، އެއް ކޮޓަރި ދެ ކޮޓަރިއަށް އާއިލާއެއް ފައްތައިގެން އުޅުމުގެ ސަގާފަތް ނެތިދިޔަ ދުވަހަކުންނެވެ. އަށާވީސް ތިރީސް އަހަރު ވާންދެން ކައިވަނި ނުކޮށް، ފާފަ ކޮށްކޮށް ތިބުމުގެ ބަދަލުގައި، ޒުވާން އުމުރުގެ ފުރަތަމަ ފައްތަރުގެ ތެރޭގައި ކައިވަނި ކޮށްގެން، ހަށިގަނޑުގައި ވަރު ހުއްޓައި، ވަގުތު އޮއްވައި، ދަރީން ހޯދުމަށް ހިތްވަރު ދެވޭ މުޖުތަމައެއް އުފެދުނު ދުވަހަކުންނެވެ.

ފަށަމުން ވެސް ދެންނެވި ފަދައިން، އާބާދީ މަދު ކުރާ ރަށްރަށަށް އިނާމާއި ތަޝްރީފާއި އައްޑަނަ ދީގެން، އާބާދީ މަދު ކުރާން މަސައްކަތް ކުރެވުނު ދުވަސްވަރާ މިހާރާ ވަރަށް ތަފާތެވެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި ކުރިޔަށް ވުރެ ރަނގަޅު ސިއްހީ ނިޒާމެއް އެބައޮތެވެ. މާބަނޑު މީހުންނާއި ޅަދަރިމައިންނާއި ތުއްތު ކުދީންނަށް ދިމާ ވެދާނެ ސިއްހީ މައްސަލަތަކަށް މުހާތަބު ކުރެވޭ ވަރުގެ ގާބިލުކަން މިހާރު ދިވެހި ސިއްހީ ނިޒާމުގައި އެބަ ހުއްޓެވެ. މާބަނޑު މީހާ ނުވަތަ ތުއްތު ކުއްޖާއަށް ދިމާ ވާ ސިއްހީ މައްސަލައަކާ ގުޅިގެން އެދުރުބޭ ލައްވައި ތަށި ލިޔުއްވައިގެން ޔާސީން މަތީގައި ރޮއިލަރޮއިލައި ތިބޭކަށް މިހާރަކު ނުޖެހެއެވެ. ހިލޭ ބޭސްފަރުވާ ކުރެވޭތީ ބޭސްފަރުވާ ކުރުމަށް ނުކުޅެދިގެން ހަސްފަތާލުތަކަށް ނުވަދެވި ތިބޭކަށެއް މިހާރަކު ނުޖެހެއެވެ. އުފަން ވާ ކުދީންނަށް ތައުލީމު ދޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް ބޭނުން ވާ ހުރިހާ ވަސީލަތެއް މިއަދު އަޅުގަނޑުމެންގެ އަތުގައި އެބަ ހުއްޓެވެ. ވީމާ މިހާރު އައްޑަނަ އާއި ޝަރަފުތައް ދޭން ވީ އާބާދީ ގިނަ ކުރާ ރަށްރަށަށް ނޫންތޯއެވެ؟ އިނާމާއި އިނާޔަތްތައް ދޭން ވީ ގިނަ ކުދީން ހޯދާ އާއިލާތަކަށް ނޫންތޯއެވެ؟

އާބާދީ ބޮޑު ވުމުގެ އިގުތިސާދީ ފައިދާތައް ވެސް އެބައޮތެވެ. އުފެއްދުންތެރި އަތްތައް ގިނަ ވުމުގެ ފައިދާއެވެ. އުފައްދާ ތަކެތި ގަންނާނެ ބާޒާރު ބޮޑު ވުމުގެ ފައިދާއެވެ. ބޮޑު އާބާދީއަކުން، ދުނިޔޭގެ ފެންވަރުގެ ސިކުނޑިތައް ނުކުންނަލެއް ގިނަ ވާނެތީ، އެކަމުން ލިބޭނެ ފައިދާއެވެ. މީގެ އިތުރަށް، ފުޓުބޯޅަ ނުވަތަ ކިރިކެޓު ނުވަތަ އެހެން ވެސް ކުޅިވަރު ޓީމުގަނޑެއް ހަދައިގެން އިންޑިއާ ކަހަލަ ގައުމަކާ ވާދަ ކުރާން ބަލާ އިރު، މަތީ ފެންވަރުގައި ކުޅޭ ޒުވާނުން ގިނަ ވާނީ ވެސް އާބާދީ ބޮޑު ވި ވަރަކަށެއް ނޫންތޯއެވެ؟ދިވެހި ލޭ ހުރި ތިން ލައްކަ މީހުންގެ ތެރެއިން އެއް ދަގަނޑޭ އުފެދުނިއްޔާ، އެ ލޭ ހުރި ހަ ލައްކަ މީހުންގެ ތެރެއިން ދެ ދަގަނޑޭ އުފެދުމުގެ ހިސާބީ އިހުތިމާލު އޮންނާނެ ނޫންތޯއެވެ؟

ދިވެހި ނަސްލު ނެތި ހިނގައިދާނެ ކަމުގެ ވާހަކަ ދައްކާ މަގާމެއްގައި، ދިވެހި ބަހާ ބެހޭގޮތުން ވެސް އެއްޗެއް ބުނެލާން ޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. އެންމެ ފުރަތަމަ ވެސް އަޅުގަނޑު ދަންނަވާނީދިވެހިން ދިވެހި ބަހާ މެދު އަމަލު ކުރަމުން ދަނީ ވަރަށް އިހާނާތްތެރި، ވަރަށް ނާތަހުޒީބީ، ވަރަށް ވިސްނުން ހަނި ގޮތަކަށް ކަމުގައެވެ.މި މައުޒޫގައި ބޮޑު ފޮތެއް ފުރައިލެވޭހައި ގިނަ ވާހަކަ ދެއްކިދާނެއެވެ. އެ ހުރިހާ ވާހަކަތަކެއް ނުދައްކައި، އޭގެ ތެރެއިން އެންމެ ވާހަކައެއް ނަގަމާ ހިންގަވާށެވެ.

ދާދި ފަހުން، ދިވެހިރާއްޖޭގެ ޓީވީއަކުން ފޮނުވި ކުޑަކުދީންގެ ޕްރޮގްރާމެއްގެ ތަންކޮޅެއް އަޅުގަނޑަށް ފެނުނެވެ.އަޅުގަނޑުގެ ވިސްނުމުގެ ފޯކަސް އެންމެ ބޮޑަށް އަމާޒު ވި ކަމަކީ ހުށަހަޅައިދިން ދެ ކުދީންގެ ވާހަކަ ދެއްކުމުގެ ބަހުރުވަ އާއި މަޚުރަޖަ ހުރި ގޮތްގަނޑެވެ. ވާހަކަ ދެއްކުމުގައި ކޮންމެ ކުއްޖަކު ވެސް ކިޔާ ކޮންމެ ފަސް ލަފުޒަކުން ދެ ލަފުޒަކީ އިނގިރޭސި ލަފުޒުތަކެވެ. ވީހާ ގިނައިން، ވީހާ ބޮޑެތި އިނގިރޭސި ލަފުޒުތަކެއް ބޭނުން ކުރުމުގައި އެއް ކުއްޖަކު އަނެއް ކުއްޖަކާ ވާދަ ކުރަނީ ބާވައޭ ވެސް އަޅުގަނޑުގެ ހިތަށް އެރިއެވެ. އަނެއްކާ، ދިވެހި އަޑުތަކެއް އެ ކުދީންނަކަށް ނޭނގެއެވެ. އަޅުގަނޑުމެންގެ ތެރެއިން ށަވިޔަނީގެ އަޑު ގެއްލުނުތާ ޒަމާންތަކެއް ވެފައި ވާ އިރު، އެ ކުދީންގެ ވާހަކަ އަޑު އަހައިލުމުން ކުރެވުނު އިހުސާސަކީ ދިވެހި އެހެން އަޑުތައް ވެސް ގެއްލިގެން ދާކަށް ދެން މާކަ ގިނަ ދުވަސްތަކެއް ނެތޭ މި އިހުސާސެވެ. ވާހަކަ ދެއްކުމުގައި އެ ދެ ކުދީން މެ، ނެރޭ ކޮންމެ އަޑަކީ ވެސް އިނގިރޭސި މަޚުރަޖައިން ނެރޭ އަޑެކެވެ. ޚާއްސަކޮށްރަވިޔަންޏާއި ވަވިޔަންޏާއި ލަވިޔަނި ފަދަ އަޑުތައް ދިވެހި ގޮތަށް ކިޔާކަށް އެ ކުދީންނަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

މި ދެންނެވި ފަދަ އެތައް ހާސް ދިވެހި ކުދީންނާއި ޒުވާނުން، އިނގިރޭސި އެތައް ލަފުޒެއް ލައިގެން، އިނގިރޭސި މަޚުރަޖައިން އަޑު ނެރެގެން، ވާހަކަ އެ ދައްކަނީ ދިވެހި ބަހުންނޭ ބުނެވޭނެ އެއްވެސް ގޮތެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.އެ ބަހަކީ ދިވެއްސެއް ނޫނެވެ. އެއީ "ދިވެންގްލިޝް" ފަދަ ނަމަކުން ނަން ދޭން ޖެހޭ "ކްރިއޯލް" އެކެވެ. "ކްރިއޯލް" މި ލަފުޒު މި ބޭނުން ކުރީ، އޭގެ ބަދަލުގައި ބޭނުން ކުރާނެ ދިވެހި ލަފުޒެއް އަދި ހެދިފައި ނެތީމައެވެ. ދިވެހި ބަހެއްގެ ބަދަލުގައި އިނގިރޭސި ލަފުޒެއް ބޭނުން ކުރުމަކީ އަޅުގަނޑުގެ ހިސާބު ޖެހުމުގައި މޮޅު ކަމެއް ނޫނެވެ. އަޅުގަނޑުގެ ވިސްނުމުގައި އެއީ ގައްޑާ ކަމެއް ވެސް ނޫނެވެ. ނަމަވެސް ނުރައްކައުތެރި ވައިރަހެއް ފަދައިން އަޅުގަނޑުމެންގެ ތެރެއަށް ފެތުރިފައި އޮތް ވިސްނުމަކީ، ވާހަކަ ދެއްކުމުގައި ވެސް ތިން ލަފުޒުން އެއް ލަފުޒު އިނގިރޭސި ބަހުން އެއްލައިލުމީ ތަހުޒީބުގެ ރަމްޒެއް ކަމުގެ، ތައުލީމުގެ ނިޝާނެއް ކަމުގެ، ނުވަތަ ފެޝަނެއް ކަމުގެ ވިސްނުމެވެ.

ދިވެހި ނަސްލު ރައްކައުތެރި ކުރުމަށް ޓަކައި، ދިވެހި އާބާދީ ހެދިފޯދޭނެ ކަހަލަ ސިޔާސަތެއް ގެންގުޅޭން އެބަ ޖެހެއެވެ. ނަމަވެސް ދިވެހި ބަހާ މެދު އަޅުގަނޑުމެން ގެންގުޅޭ އިހާނާތްތެރި ގޮތް އެއާއެކުއެކީ ބަދަލު ނުކުރެވިއްޖެ ނަމަ، މި ރާއްޖޭގެ އާބާދީ އިތުރު ވާ ނިސްބަތް 2.11 އަށް ވުރެ މަތި ވެ، ހަތަރަކަށް ހަޔަކަށް އަރައިގެން ދިޔަޔަސް، ކުރިމަގުގައި މި ތަނުގައި ދިރިއުޅޭނީ ދިވެހީންނެއް ނޫނެވެ. އަޅުގަނޑުމެންނަކީ ނަސްލީ ގޮތުން އޮޅުދޫ ކަރައާއި އުތުރު ކަރައިގެ ބައެއް ނަސްލުތަކާ އެއްވެސް ގޮތަކުން ތަފާތު ބައެއް ނޫނެވެ. އަޅުގަނޑުމެން ދިވެހީންނަށް ވަނީ ދިވެހި ބަހުގެ ސަބަބުންނެވެ. މުސްތަގިއްލު މުޖުތަމައެއްގެ ގޮތުގައި ދިވެހި އުއްމަތްއޮތުމުގެ ބުންޔާދަކީ ދިވެހި ބަހެވެ. ދިވެހިއްޔަތުގެ އެއަށް ވުރެ ވަރުގަދަ ބިންގަލެއް ނެތެވެ. ވީމާ، ދިވެހި ބަސް ނެތް ދުވަހެއްގައި، މި ރާއްޖެ "ދިވެހި" ރާއްޖެއަކަށެއް ނުވާނެއެވެ. އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ، މި ރާއްޖެ ވާނީ "އިނގިރާއްޖެ" އަށެވެ. މި ރާއްޖޭގައި އުޅޭ ބަޔަކު އެއިރުން ވާނީ "ދިވެނގިރޭސިން" ފަދަ ނަމެއް ކިޔާ އައު ބަޔަކަށެވެ. އެއިރުން ދިވެހި ނަސްލު ނެތިދިޔައީއެވެ. އެހެން ވެއްޖެ ނަމަ، ދިވެހި ނަސްލު ނެތި ކޮށްލުމުގެ ޖަރީމާ ހިންގި ބަޔަކަށް ވާނީ މިއަދު ދުނިޔޭގައި ތިބި ދިވެހި ދަރީންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް