އަވަސްއަވަސް ކޮށްލައިގެން ގެއިން ނުކުމެ ސައިކަލަށް އަރައި އިސްޓާޓު ކޮށްލައިފީމެވެ. ގިޔަރަށް ލުމާއި ދުއްވައިލުމާ ދިޔައީ ދާދި އެކު އެކީގައެވެ. ގަވައިދު ހުއްދަ ކުރާ އެންމެ ހަލުވި ދުވެލީގައި އަހަރެން ބެހެއްޓީ ކާޕެޓު ދަނޑާ ދިމާއަށެވެ. ހަތަރުގަޑި ބަޔަށް އެ ހިސާބަށް ފޯރާ ތޯއެވެ. ކަންބޮޑުވަމުން ދިޔައީ އަހަރެން ދިޔުމުގެ ކުރިން މެޗު ފަށައިފާނެތީއެއް ނޫނެވެ. ޓީމުގެ ހުރިހައި ކުޅުންތެރީންނަށް ސައި ދޭން ޖެހިދާނެތީއެވެ. ހާހުން ދަށަކުން ސަލާމަތެއް ނުވާނޭކަން އެނގޭތީއެވެ. އެކަމަކުވެސް ގަޑި ޖެހިއްޖެއްޔާ އަހަރެން ވެސް ޖެހޭނީ އެ ގަވައިދަށް ތަބާ ވުމަށެވެ.

މަޖީދީމަގު ހުރަސްކޮށް ޖެހިގެން އޮތް ގޯޅިއެއް އަޅައިގެން މާދުރަކަށް ނުދެވުނެވެ. ކުއްލިއަކަށް ދެ ބުރަތްކަށް އެއް ފަހަރާ ކަހަލަ ގޮތަކަށް އޮބައިލެވިއްޖެއެވެ. މަގުމަތީގައި އަތުރައިފައި ހުރި ގާތަކުގައި ދިހަވަރަކަށް ފޫޓުގެ ކަޅު ރޮގެއް ފެވިގެން ދިއުމަށްފަހު މަގުގައި ސައިކަލު ތަތް ވެއްޖެއެވެ. ފަހަތުން އައި ސައިކަލު ފުންމައިގެން އަރައި މަގޭ ބުރަކައްޓަށް ސަވާރު ނުވީ ހަމަ ކިރިޔާއެވެ. އޭނާގެ ރުޅިވެރި ބަސްތަކަށް އަހަންނަކަށް ސަމާލުކަމުގެ އެއްމެ ކަޅިއެއް ވެސް ހިންގައެއް ނުލެވުނެވެ.

ވާނީވެސް އެހެންތާއެވެ. އަހަރެންގެ ކަނާތް ފަރާތުގައި ހުރި ނޫކުލައިގެ ދޮރާށި ދޮށުގައި އެހެރީ ހަމަ އެ މަންޖެއެވެ. މީގެ ހަތަރު ފަސް ދުވަހެއް ކުރީން އަހަރެން އެކުއްޖެއްގެ ރީތިކަން ފެނިފައި ހުއްޓުން އެރި ލޯބިލޯބި ފުށްގަނޑެވެ. އަހަރެންގެ ހިތަށް ފުރަތަމަ ފަހަރަށް ލޮޅުން އަރުވައިލި ޖާދޫގަރުނީއެވެ. އަހަންނަށް އިނދެވުނީ އޭނާގެ ތުނިތުނި މޫނަށް ކަޅި ހުއްޓައި ލައިގެންނެވެ. މިއަދުވެސް އެ ތުންފަތް މަތީގައި ދުވެލަ ދުވެލައި ހުރީ، ކުރީ ދުވަހު ވެސް ހުރި ބަލައި ފޫހިނުވާ ލުއިލުއި ހިނިތުންވުމެވެ. މޫނުމަތީގައި ހުރީ އަންހެންވަންތަ ކަމުގެ ލާމަސީލު ނަމޫނާއެއް ފަދަ ލަދުރަކި ކަމެވެ. އަހަންނަށް އިނދެވުނީ އޭނާގެ އެ ފުން ދެ ލޮލުގެ ތެރެއަށް ފީނައި ގަތުމަށް ކެތް މަދުވެފައެވެ.

ކުއްލި ސިހުމެއް އަހަންނަށް ލިބުނީ ޖީބުގައި އޮތް ފޯނު ތުރުތުރުލާން ފެށުމުންނެވެ. ފަހަތުން ހެސް ކިޔައިފައި ބަރުގޮނު އަޅާކަމާއި، އިނދެވުނީ އެ ހަނި ގޯޅީގެ މެދުގައިކަން އެނގުނީ ދެނެވެ. ފަހަތަށް ބަލައިލެވުނު އިރު އެތައް ހިސާބެއްގެ ފަހަތަކަށް އުޅަނދުފަހަރުގެ ފަތި ދަމައިލައިފައި އޮތެވެ. ގަތް ލަދެއް ބުނެދޭން ވެސް ނޭނގެއެވެ. އަވަސް އަވަހަށް ޒޯނު ތެރެއަށް ސައިކަލު ވައްދާލައިފީމެވެ. ރުޅިވެރިކަމުގެ ކަޅިތަކަކުން އަހަރެންގެ ގައިގައި ތަޅަމުން ފޮޅަމުން ކަހަލަ ގޮތަކަށް ގޮސް އެންމެން ހުސްވެއްޖެ އެވެ. އޭރު ދޮރާށި ދޮށަކު މަގޭ ފުށްގަނޑެއް ވެސް ނެތެވެ.

"މި ދަނީއޭ. މަޑުކޮށްބަލަ!"

އަހަންނަށް ފޯނު ނެގުނީ ފަސްވަނަ ފަހަރަށް އައްމަޑޭ ގުޅުމުންނެވެ. އައްމަޑޭގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަހަރެން ފޯނު ކަނޑައިލީ މިއަދު ކުޅޭން ދާ ހިތް ހަމަ އެއްގޮތަކަށް ވެސް ނެތުމުންނެވެ. އެފަދަ ޕަރީޒާދީއް ދޫކޮށްލައިފައި ހަން ބޯޅަގަނޑެއް ފަހައި ދުވާން ދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ބޭނުންވީ މަޑުކުރުމަށެވެ. އޭނާ އަދި ނުކުންނާނެއެވެ. އަހަންނެކޭ އެއްފަދައިން އޭނާވެސް އަހަންނާ ގަޔާވާކަން ޔަގީނެވެ. އެހެންނޫންނަމަ އެފަދަ ތޫނު ނަޒަރުތަކަކުން އަހަރެންގެ ހިތަކަށް ގޯނާއެއް ނުކުރީހެވެ. އެފަދަ ލުއި ހިނިތުން ވުމަކުން އަހަރެންގެ މޫނުގައި ފިރުމައެއް ނުދިނީހެވެ.

"އޭތް، ސައިއްޓޭ! ނާންނަންޏާ ނާންނަ ވާހަކަ ބުނެފަ ހުރެބަލަ! ކުޅޭން ނުފެށިފައޭ މި ތިބެނީ." ފަޑިއްކޭގެ އަޑުގައި ހުރީ ހިތްހަމަ ނުޖެހުމުގެ ކުރަކިކަމެވެ.

"މަށަށް ދެވޭނީ ތަންކޮޅެއް ފަހުން."

"މި އެންމެން އުފުލޭހާ ވަރު ޖީބުގައި އެބަ ހުރިތަ؟"

ފަޑިއްކޭ އެބުނީ ކޮން ވާހަކައެއްކަން އަހަންނަށް އެނގެއެވެ. މިކަން ކާމިޔާބުވެއްޖެއްޔާ އެ މީހުން ފަސް ހަ ފަހަރު އުފުލާހައި ބާރުވެސް މަގޭ މި ކުޑަކުޑަ ޖީބަށް ލިބޭނެއެވެ. ވީއިރު އަހަރެން ހާސް ވާންވީ ކޮން ކަމަކާ ހެއްޔެވެ؟

ޖޯޒީ ލައިގެން ބޫޓަށް އަރައިގެން ގެއެއްގެ އަސްކަނި ދޮށުގައި އަހަންނަށް ކިހައި އިރަކު އިންނާން ޖެހޭނެބާވައެވެ؟ އަހަރެންގެ ހިތުގެ މަލަކާގެ މޫނުފުޅު ފެނިލުމުގެ ނަސީބު ލިބޭނީ މިހެން ކިހައި އިރަކު އިނދެގެން ބާވައެވެ؟ މަގު ހިނގާ މީހުންނާއި ދުއްވާ މީހުން ފާޑަކަށް ބަލާކަން އިހުސާސް ވުމުން ކުޑަކޮށް ލަދު ގަންނަ ގޮތްވެސް ވެއެވެ. ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން އަންނާން ވީއޭ ވެސް ހިތަށް އަރައެވެ. އެކަމަކު އެހެން ދާނީވެސް ކިހިނެއް ހެއްޔެވެ؟ ދާ ތަނުންވެސް ނުކުމެދާނެއެވެ. އެހެން ވެއްޖެ ނަމަ ހުރިހައި ކަމެއް ސުމަކުން ދިޔައީމެވެ. މެޗު ކެންސަލް ކޮށްފައި ވީ ގުރުބާނީ އޮޔާލީއެވެ.

ކެތްތެރިކަމާ އެކު ވަގުތު ގުނާލަ ގުނާލަ އިންދާ ފޮނި ނިމުމަކުން އަހަރެންގެ އިންތިޒާރަށް ނިމުން އަތުވެއްޖެއެވެ. އަހަރެންގެ ހިތް ލުހެލާން މަސައްކަތް ކުރާ އެ ލޯބި ލޯބި ފުށްގަނޑު ފެނިއްޖެއެވެ. އެހެނަސް ފެނުނީ އަހަރެން ހީކުރި ގޮތާ ޚިލާފަށް ތަންކޮޅެއް ދުރުންނެވެ. ހިނގާފައި އަންނަނީ އަހަރެން ހުރި ދިމާއަށެވެ. އޭނާގެ އެހެރަ ފަރި ހިގުމެކެވެ. ކިޔާނެކަމެއް ނެތެވެ. އޭނާގެ ކޮންމެ ސިފައެއް ކޮންމެ ހަރަކާތެއް އަހަރެންގެ މޭ ކަފާ ކުދިކުދި ކުރަމުން ގެންދާ ކަހަލައެވެ.

އޭނާއަށް އަހަރެން ފެނުނީ ތަންކޮޅަކަށް އާދެވުނު ފަހުންނެވެ. ފެނުމާއެކު އެއްކަހަލަ ގޮތަށް ހިނިތުން ވެލައިފި އެވެ. ހިތް ފުރި އަރާފަދަ ލަދުރަކި ހިނިތުންވުމެކެވެ. އަހަރެންވެސް ވަރަށް ހިތްވަރުކޮށްފައި ހިނިތުންވެލީމެވެ. އެހާތަނުން އޭނާގެ ފިޔަވަޅަށް ހުއްޓުން އަރައިފި އެވެ. މަޑުކޮށްލީ އެތާ ކައިރީ ހުރި ހޮޅި ދަނޑިއެއްގެ ކައިރިއަށެވެ. ހޮޅިދަނޑީގައި މަޑުމަޑުން ދެއަތުން ބައްދާލިތަން ފެނުނެވެ. އެ ހޮޅިދަނޑިއަކީ އަހަރެން ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. އޭނާ އެހެން ހުރިއިރު އޭނާގެ ކަތި ނަޒަރު އިރުއިރުކޮޅާ އަހަރެންގެ މޫނަށް ހުއްޓެމުން ދާކަން ފާހަގަ ކުރެވުނެވެ.

އަހަންނަށް ދުރުގައި ހުންނާކަށް ފަސޭހައެއް ނުވިއެވެ. މަޑުމަޑުން އޭނާއާ ދިމާއަށް ހިނގައިގަނެވިއްޖެ އެވެ. އޭނާ އެހުރީ އަހަރެންގެ އިޝާރާތަކަށް ކެތް މަދުވެފައިކަން ޔަގީނެވެ. އަހަރެންކަހަލަ ހަމުންކަޅު މޫނުގައި ވަޅުގިނަ މީހެއްގެ އައްސޭރިއަށް މިފަދަ ހަން އަލި އޮމާން ކުއްޖަކު ލެއްގިކަމީ ހަމަ އަހަރެންގެ ނަސީބެވެ.

އަހަރެން ގޮސް އޭނާގެ ގާތަށް މަޑުކޮށްލީމެވެ. އެއާއެކު އޭނާ ލަދުރަކި ގޮތަކަށް ހިނިތުން ވެލަމުން އަހަރެންގެ މޫނަށް ބަލައިލުމަށްފަހު ހަމަ އެސިކުންތުގައި އިސްދަށަށް ޖެހިއެވެ.

"ހާދަ ލަދުން ތި އުޅެނީ. ކޮންނަމެއް ކިޔަނީ؟"

އޭނާ އަނެއްކާވެސް އަހަރެންގެ މޫނަށް ބަލައިލި އެވެ. އެއަށްފަހު ހަމަ ކުރިއެކޭ އެއްގޮތަށް ލަދުވެތި ކަމާއެކު އިސް އޮބައިލި އެވެ. އެވަގުތު އަހަރެންގެ ހިތަށް އެރި އެވެ. ހާދަ ލަދުރަކި ކުއްޖެކެވެ. އެއީ އަހަރެން އަންހެން ކުދިންގެ އެންމެ ގަޔާވާ ސިފައެވެ. އެ ސިފައިން މި ކުއްޖާ އެވަނީ ޖަރީވެފަ އެވެ.

"ތި ލަދުވެތިކަމުގެ ސަބަބުން ތި މޫނުގެ ރީތިކަން އެތައް ގުނައަކަށް އެބަ އިތުރުކޮށްދޭ."

އަހަރެން ހީކުރީ މިފަހަރު އޭނާ ކޮންމެވެސް ޖަވާބެއް ދޭނެކަމަށެވެ. އެންމެ ކުޑަމިނުން "ޝުކުރިއްޔާ" އޭ ނަމަވެސް ބުނާނޭ ކަމަށެވެ. އެކަމަކު އެފަދަ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އަހަރެން މާޔޫަސްއެއް ނުވެއެވެ. އޭނާގެ ހިތުގެ އެތެރެއާއި ބޭރު އެއްވެެސް ފޮރުވުމެއްނެތި ހާމައަށް ފެންނަން އޮތީމަ އެވެ.

"ވަރަށް ވާހަކަ ދައްކާ ހިތުން ހުރިކަން އެނގޭ."

އަހަރެންގެ ފޯނު ރިންގުވާންފެށީ ހަމަ އެވަގުތު އެވެ. ޗޮކެއް ކަނޑާލެވުނެވެ. ފޯނުކުރީ އޮފީހުގައި އުޅޭ މަޖީދެވެ. ހިތަށް އެރިއެވެ. މި މަޖީދަކަށް ވެސް ގުޅާކަށް މި ނޫން ގަޑިއެއް ނޭނގުނުހެޔެވެ؟

"ކީކޭ؟" ފޯނު ކަންފަތުގައި ޖައްސާލަމުން އަހަރެން އަހައިލީމެވެ.

"އޭ ސައިއްޓޭ! ތީ ކޮންކަމެއް؟ ކަލޭ ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭނަ ވާހަކައެއް ނުދައްކާނެ. ތީ މަންމަނު ކުއްޖެއް."

މަޖީދު ފޯނު ކަނޑާލައިފި އެވެ. އަހަންނަށް ފުރަތަމަވެސް ބަލައިލެވުނީ ކުރިމަތީގައި ފެންނަން ހުރި އަސަރުގަދަ މޫނަށެވެ. އެވަގުތު އޭނާ އަތުން ކުރި ހަރަކާތާއި އަނގައިން ލެއްވި އަޑުން މަޖީދުގެ އެ ބުނުން އަހަންނަށް ކަށަވަރުވެއްޖެއެވެ.

އަހަންނަށް ހުރެވުނުތަންވެސް ނޭނގުނެވެ. އަވަސް އަވަހަށް ބަލައިލެވުނި މަޖީދު ކޮބައިތޯ އެވެ. ފެނުނީ ތަންކޮޅެއް ދުރުން އަތް ހޫރާލާފައި ހެމުން ހެމުން މަޖީދު ސައިކަލުގައި ނައްޓާލި ތަނެވެ. އެވަގުތު އަހަންނަށްވެސް ހިނގައިގަނެވުނީ ސައިކަލާ ދިމާއަށެވެ. ބޭއިޚުތިޔާރުގަ އެވެ.

ދަނޑާ ހަމައަށް އަހަންނަށް ދެވުނުއިރު ކުޅެ ނިންމާފަ އެންމެން ދަނޑުން ފައިބަނީ އެވެ. އަހަންނަށް ޖެހުނީ އެންމެންނަށް ސައި ދިނުމަށެވެ. ހެދިފައި އޮތް ގަވާއިދަށް އިހުތިރާމް ނުކޮށް ވާކަށް ނޯންނާނެ އެވެ. އެގާރަސަތޭކަ ފަސްދޮޅަށް ތިން ރުފިޔާގެ ބިލެއް ކަނޑާލާފައި ވޮލެޓު ޖީބަށް ލަމުން ދިޔައިރު ހިތަށް އެރި އެވެ. މިއަދު މިއޮތް ދިމާވި ކަމެކެވެ. އެކަމަކުވެސް އޭނާ ހާދަ ރީއްޗެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު