ރާއްޖޭގެ ތަރައްގީއަށް ރައީސް ޔާމީން މަސައްކަތް ކޮށްދެއްވާނެ ކަމަށް ދެކެން: ނަޝީދު

ރާއްޖޭގެ ތަރައްގީއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަސައްކަތްކޮށްދެއްވާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި އެންމެ ރަނގަޅަށް އެކަންތައް ކުރެވޭނީ އެމަނިކުފާނުގެ ސަރުކާރެއް ރަނގަޅު ގޮތުގައި ގާއިމް ކުރެވިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ހަބަރު ފީތާއަށް މިއަދު ދެއްވި އިންޓަވިއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާއިރު އެކަންތައް އެގޮތަށް ކުރައްވަން ޖެހިވަޑައިގެންނަވާ ކަމަށެވެ. އަދި ސަރުކާރަކީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލިސް ކަމިގައިވާއިރު އެ ސަރުކާރު އުފެދިގެންދާނީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމާ އެކީގައި ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ވާނީ ޕީޕީއެމްގެ ސަރުކާރެއް މިވަގުތު އޮވެގެން ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ވަނީ ޕީޕީއެމްގެ ސަރުކާރެއް އޮވެގެން، އެބޭފުޅުން އެވިދާޅުވާ ގުޅިފައިވާ އިއްތިހާދުގެ އޮވެގެން އަޅުގަނޑުމެންގެ ތަރައްގީއަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރު އަދި ހަމަ އެއޮތީ "ހަނީމޫންގައި" ކަމުގައިވާތީ އާ ސަރުކާރަށް 100 ދުވަސް ނުވަނީސް ސަރުކާރުން ކަންތައްތައް ކުރަމުން ގެންދާ ގޮތާ މެދު އެއްޗެއް ބުނަން މާ އަވަސް ކަމުގައި ނަޝީދު އެ ޕްރޮގްރާމްގައި ވިދާޅުވި އެވެ.

މި ސަރުކާރު ފެށުނީއްސުރެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް އިއްތިހާދުގެ ސަރުކާރެއް އޮވެގެން ހިންގޭނެ ކަމަށް ދެކެވަޑައި ނުގެންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި ރާއްޖޭގެ ރައްޔިތުން ނޭދޭނެ ގޮތަކަށް އެމްޑީޕީގެ މެމްބަރުން އަމަލް ކުރައްވާނެ ކަމަށް ގަބޫލްނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ އިއްތިހާދަކުން ސަރުކާރެއް ރިޔާސީ ނިޒާމަކުން ހިންގަން އުޅުން، އަޅުގަނޑު ދެކޭ ގޮތުގައި ވޯޓުން އިންތިހާބްވެފައި އެ ހުންނެވީ ރައީސް ޔާމީން، އަދި ވަޒީރުންގެ މަޖިލީހުގައި ވެސް ތިއްބަވަންޖެހޭނީ ޕީޕީއެމްގެ މެމްބަރުން، އަޅުގަނޑު ހުރިހާ ބޭފުޅުންނަސް ވެސް ދަންނަވާލަން ބޭނުންވަނީ އެންމެ މުހިންމު އެއް ކަމަކީ އެއް ޕާޓީއަކަށް ރުހުން ދިނުމޭ އެއް ޕާޓީއަކަށް ސަރުކާރު ހިންގޭނެ ގޮތް ހޯދައިދިނުމޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބްގެ ކަންކަން ދިޔަ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިނުގެންނަވާ ކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން ވޯޓްލުން ފަސްކުރައްވަމުން ގެންދެވުމަކީ ވެސް ދިމާވި މައްސަލައެއް ކަމަށެވެ. އަދި އެމްޑީޕީ ބަލިވެގެން ދިޔައީ ސުޕްރީމް ކޯޓުގެ ހުމާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.

" ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ސުޕްރީމް ކޯޓުން ވޯޓް ފަސް ކުރައްވަމުން ގެންދެވިކަން، ވަކި ދުވަހަކަށް ތާރީހު ޖަހާފައި އެދުވަހު ވޯޓް ނުލިކަން، ދެން ހަމައެއާ އެކީގައި ސުޕްރީމް ކޯޓުން ކެނޑިޑޭޓުންނަށް ވޯޓާސް ލިސްޓް ދެއްކުމަށް މަޖުބޫރު ކުރީމައި ވޯޓް ދޭން ނުދާ މީހުން ފާހަގަކުރަން އެބޭފުޅުންނަށް އެނގިވަޑައިގެން، ވަކިން ހާއްސަކޮށް ވޯޓްދޭން ނުދާ މީހުން ވޯޓް ދޭން ނެރެވުނުކަން ވޯޓާސް ޓާންއައުޓުން އެބައެނގޭ، އަޅުގަނޑު ދަންނަވާނީ ބައެއް މީހުން ބުނާހެން ކޯޓުންނޭ އަޅުގަނޑުމެން ބަލިވީ،" ނަޝީދު ވިދާޅުވި އެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ތަސައްވުރެ އޮތީ އެމްޑީޕީގައި ކަމަށާއި އެމްޑީޕީގައި ތަސައްވުރާ އެކު ނޫނީ ރާއްޖެ ތަރައްގީ ވެގެންދާނެ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު